ކޮވިޑް ކޭސްތަކެއް ފެނުމުގެ ސަބަބުން ގައުމީ ވޮލީ ޓީމަށް ސެންޓްރަލް ޒޯން މުބާރާތަށް ބަންގްލަދޭޝްއަށް ނުފުރި މަޑުކުރަން ޖެހިއްޖެއެވެ.
ސެންޓްރަލް ޒޯން މުބާރާތަށް ގައުމީ އަންހެން ވޮލީ ޓީމު ގޮސްފައިވާއިރު މިއަދު މަޑުކުރަން ޖެހުނީ ފިރިހެން ޓީމުގެ ބައެއް ކުޅުންތެރިން ކޮވިޑް ޖެހުނު ބަޔަކާ ޑައިރެކްޓް ކޮންޓެކްޓްވެފައި ތިބުމުންނެވެ.
ގައުމީ ފިރިހެން ޓީމު އެއާޕޯޓަށް ދިޔަނަމަވެސް އެކަމާހުރެ ޓީމު ޖެހުނީ އެނބުރި މާލެ އަންނާށެވެ. އެ މުބާރާތަކީ ބަންގްލަދޭޝްގައި މިމަހުގެ 23 އިން ފެށިގެން 29 ގެ ނިޔަލަށް ކުރިއަށް ދާ މުބާރާތަކަށްވާއިރު އެ މުބާރާތް މި ބާއްވަނީ ދެ އަހަރު ދުވަހުގެ މެދު ކެނޑުމަށް ފަހުގައެވެ.
ސެންޓްރަލް ޒޯން މުބާރާތަކީ ގައުމީ ވޮލީ ޓީމު ކޮވިޑަށް ފަހު ބައިވެރިވާ ފުރަތަމަ މުބާރާތަށްވެފައިވާއިރު، މުބާރާތަށް ތައްޔާރުވުމަށް ވޮލީ ޓީމުން ވަނީ ތަމްރީނު ޕްރޮގްރާމްތަކެއްގެ އިތުރުން މެޗުތަކެއް ކުޅެފައެވެ. ޖުމުލަ ހަ މެޗެއް ކުޅެފައިވާއިރު ގައުމީ ވޮލީ ޓީމުން ވަނީ އަވައްޓެރި ސްރީލަންކާއާ މެޗެއް ކުޅެފައެވެ.
އެހެންނަމަވެސް ކުޅުނު ތިން މެޗުން ރާއްޖެ ވަނީ ތިން ސެޓުން ބަލިވެފައެވެ. އެ މެޗަށްފަހު އިންޑިއާގެ ވޮލީ ޓީމަކާ ކުޅެ ގައުމީ ޓީމު ވަނީ ކުޅުނު ތިން މެޗުން ވެސް މޮޅުވެފައެވެ.
ވީއޭއެމުން ފުރަތަމަ މަސައްކަތް ކުރީ ލަންކާގެ މެޗުތަކަށް ފަހު، ބަންގްލަދޭޝް އަށް ދިއުމުގެ ކުރިން ޓްރޭނިން ކޭމްޕެއްގައި އިންޑިއާ އަށް ދިއުމަށެވެ. ނަމަވެސް އިިންޑިއާ ޓްރޭނިން ކޭމްޕަށް ނުދިޔައީ، އެގައުމުގެ ބެންގަލޫރަށް ނިސްބަތްވާ ވޮލީ ޓީމަކުން މާލެ އައިސް ގައުމީ ޓީމާ ދެކޮޅަށް މެޗުތަކެއް ކުޅޭ ގޮތަށް ހަމަޖެހުމުންނެވެ. ބެންގަލޫރުގެ ކްލަބުން މާލެ އައިސް ގައުމީ ވޮލީ ޓީމާ ދެކޮޅަށް މެޗުތަކެއް ކުޅުނެވެ.
ސެންޓްރަލް ޒޯން ފިރިހެން މުބާރާތުގައި މިހާރު އޮތްގޮތުން ރާއްޖޭގެ އިތުރުން ދެން ވާދަކުރަނީ ހޯސްޓްގެ ބަންގްލަދޭޝާއި ނޭޕާލް، ލަންކާ އަދި އުޒްބެކިސްތާން އެވެ. މުބާރާތުގެ ޝެޑިއުލްގައިވާ ގޮތުން ފުރަތަމަ މެޗުގައި ފިރިހެން ވޮލީ ޓީމު އަންނަ ބުރާސްފަތި ދުވަހު ބަންގްލަދޭޝާ ކުޅޭނެ އެވެ.
އަންހެން ވޮލީ ބޯޅަ ޓީމުން ވަނީ އެންމެ ފަހުން ބޭއްވި ސެންޓްރަލް ޒޯން މުބާރާތުން ރިހި މެޑަލް ހޯދާފައެވެ.