ދައުލަތަށް ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރެއްވި، ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާގެ ލަގަބް އަރުވައިފައިވާ އުމަރު ޒާހިރު ރަސްމީ އިއްޒަތުގައި ފަސްދާނުލައިފިއެވެ.
އުމަރު ޒާހިރުގެ މައްޗަށް ކަށުނަމާދު ކުރުން އޮތީ މިރޭ އިޝާ ނަމާދަށްފަހު އިސްލާމީ މަރުކަޒުގައެވެ. ކަށުނަމާދަށްފަހު، ފަސްދާނުލެއްވީ ގަލޮޅު ސަހަރާގައެވެ.
އުމަރު ޒާހިރުގެ ކަށުނަމާދުގަައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނައިބު ރައީސް ފައިސަލް ނަސީމު އާއި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުއާ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވެވަޑައިގެންނެވިއެވެ.

އުމަރު ޒާހިރުގެ މައްޗަށް ކުރި ކަށުނަމާދުގެ ތެރެއިން -- ސަން ފޮޓޯ/ ނާއިލް ހުސައިން
މީގެ އިތުރުން ދައުލަތުގެ އިސް ވެރީންނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާ އާއްމު ރައްޔިތުންގެ ތެރެއިން ވެސް ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވިއެވެ.
އުމަރު ޒާހިރު އަވަހާރަވީ ކޮވިޑަށް ޕޮޒިޓިވްވެ، އާލާސްކަންފުޅު ބޮޑުވެގެން ދަރުމަވަންތަ ހޮސްޕިޓަލުގައި އެނދުމަތި ކޮށްގެން ފަރުވާ ދެމުން ދަނިކޮށެވެ.
އުމަރު ޒާހިރު އަވަހާރަވިއިރު އުމުރުފުޅަކީ 85 އަހަރެވެ.

އުމަރު ޒާހިރުގެ ޖަނާޒާގެ ތެރެއިން -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން
އުމަރު ޒާހިރު އަވަހާރަވުމުގެ ހިތާމައިގައި، މާދަމާއިން ފެށިގެން ކުރިއަށް އޮތް ތިން ދުވަހަށް ދިވެހި ދިދަ ބައިދަނޑިއަށް ތިރިކުރަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ނިންމަވާފައެވެ.