ބަނގުރާ ފޮށިތަކެއް ހިފައިގެން ސައިކަލުގައި ދިޔަ މީހަކު، ފުލުހުންނަށް ފެނުމުން ފޮށިތައް އުކައިލައި ފިލަން މަސައްކަތް ކޮށްފިއެވެ.
މި މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައިވަނީ ގދ. ގައްދޫ، ރެޑްމާގޭ އުމުރުން 30 އަހަރުގެ މުހައްމަދު އަޒުހަމް ސައީދެވެ.
މި މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިިނަލް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އޭނާގެ ބަންދަށް ދިހަ ދުވަސް ޖަހައިފައެވެ. އޭނާގެ މައްޗަށް ކޮށްފައިވަނީ މަސްތުވާތަކެއްޗާއި ބަނގުރާ ބޭނުންކޮށް، ގެންގުޅެ އަދި ވިޔަފާރިކުރުމުގެ ދައުވާއެވެ.
ބަންދުގެ މަޖިލީހުގައި ފުލުހުން ވަނީ އޭނާ ހައްޔަރުކުރަން އުޅުނު ވަގުތު ފިލަން މަސައްކަތް ކުރިކަން ފާހަގަކޮށްފައެވެ. އެގޮތުން އޭނާގެ ސައިކަލުގައި ހުރި ދެ ފޮށިގަނޑު އެއްލާލައިފައިވާ ކަމަށް ފުލުހުން ބުނެއެވެ.
އަޒުހަމް އެއްލާލި ފޮށިގަނޑުތަކުގެ ތެރެއިން ބަނގުރާފުޅިތަކެއް ފެނިފައިވެއެވެ. އަދި އޭނާ ދުއްވަން އިން ސައިކަލުން ވެސް ވަނީ މަސްތުވާތަކެތި ހުރި 14 ރަބަރު ޕެކެޓާއި ބަނގުރާފުޅިއެއް ފެނިފައެވެ.
ބަންދުގެ މަޖިލީހުގައި ދިފާއުން ވަނީ އޭނާ ހައްޔަރުކުރީ ގަވައިދާ ހިލާފަށް ކަމަށް ބުނެފައެވެ. ހަމައެހެންމެ ހައްޔަރުކުރުމުގެ ތެރޭގައި އަނިޔާކޮށްފައިވާ ކަމަށް ވެސް ބުނެފައިވެއެވެ. އެގޮތުން އޭނާގެ ލޮލަށް އިނގިލި ކޮށްޕައިލުމުން ލޯ ރަތްވެފައިވާ ކަމަށާއި ބިޑި މާ ބޮޑަށް ބާރު ކުރުމުގެ ސަބަބުން އަތް ވެސް ދުޅަވެފައިވާ ކަމަށް ދިފާއުން ބުނެފައިވެއެވެ.
އޭނާގެ ބަންދުގައި ބަހައްޓަން ނިންމައިފައިވަނީ ތުހުމަތުކުރެވޭ މިންވަރަށް ހެއްކާއި ގަރީނާ ހުރިކަމަށް ފާހަގަކޮށް އޭނާ ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކާތެރިވެދާނެ ކަމަށް ބުނެއެވެ.