އެސްޓީއޯއަށް 57 އަހަރު: އޮފީސް ތެރެއިން ފެނުނީ ސަގާފީ މަންޒަރުތަކެއް

އެސްޓީއޯގެ އަހަރީ ދުވަހުގެ މިއަހަރުގެ ޝިއާރަކީ ސަގާފަތް -- ސަން ފޮޓޯ

ކޮންމެ އަހަރީ ދުވަހަކާ ގުޅިގެން އެސްޓީއޯގެ ފަރާތުން ތަފާތު އެކިއެކި ކަންކަން ކުރެއެވެ. އެގޮތުން، އެސްޓީއޯގެ މި އަހަރުގެ އަމާޒަކީ ވެސް ކުލަ ގަދަކޮށް އެ ކުންފުނީގެ 57ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމެވެ.

"ސަން"ގެ ފަރާތުން އެސްޓީއޯގެ އޮފީހަށް ޒިޔާރަތްކޮށް އެސްޓީއޯގެ އެކިއެކި ފިހާރަތަކަށް ޒިޔާރަތް ކުރުމުން ފެނުނީ މި ދުވަހަށް ދުރާލާ ތައްޔާރުވެފައި ވާ މަންޒަރެވެ. ކުލަކުލައިން ޒީނަތްތެރި ކޮށްފައިވާއިރު އެހާމެ ހުނަރުވެރި ބައެއްގެ މަސައްކަތްތަކެއް ކަން ވެސް ހާމަވެއެވެ. އެކަމުގެ ހުރިހާ ޝުކުރެއް ހައްގުވަނީ އެސްޓީއޯގެ ހީވާގި މުވައްޒަފުންނަށެވެ.

އެންމެ ފުރަތަމަ އޮފީހަށް ވަދެގެން ދިޔައިރު ފެނުނީ މަސް ފެންގަނޑަކާއި އެކު އުނދޯލި ގެއެކެވެ. ދޮންވެލި ލާ ޒީނަތްތެރި ކޮށްފައިވާއިރު މި އަހަރުގެ ޝިއާރަކަށް އެސްޓީއޯއިން ކަނޑައަޅާފައިވަނީ ސަގާފަތެވެ.

ވަކިވަކިން ކޮންމެ ޑިޕާޓްމެންޓަކަށް ބަހާލައިގެން އެ ޑިޕާޓްމެންޓެއް ޒީނަތްތެރި ކުރުމުގެ މަސައްކަތް އޮތީ އެ ބައެއްގެ އަމިއްލަ އަތް މަތީގައެވެ.

މިއީ އާދަވެގެން ކޮންމެ އަހަރަކު ވެސް ކުރަމުން އަންނަ ކަމެކެވެ. އެންމެ ފުރިހަމަ ޑިޕާޓްމެންޓެއް ހޮވިގެން ދާއިރު މިކަން ކުރުމުގެ މައިގަނޑު މަގުސަދަކީ މުވައްޒަފުންގެ މެދުގައި އެކުވެރިކަމާއި އެކަކު އަނެކަކަށް އޮންނަ އިހުތިރާމާއި ގަދަރު އިތުރު ކުރުމެވެ. އެންމެން ގުޅިގެން މަޖާ މާހައުލެއްގައި މަސައްކަތްކޮށް "ޓީމް ވޯކް" ވަރުގަދަ ކުރުމުގެ ނިޔަތުގައި ކުރާ މި ފަދަ ކަންކަމަށް އެސްޓީއޯގެ މުވައްޒަފުންގެ ފަރާތުން އަބަދުވެސް ވަރަށް ބޮޑު ތަރުހީބެއް ލިބެއެވެ.

"ސަން"ގެ ނޫސްވެރިން ޒިޔާރަތް ކުރި ފުރަތަމަ ޑިޕާޓްމެންޓުގައި ފުދޭވަރަކަށް އަޑުގަދައެވެ. މުވައްޒަފުންތައް ތޮއްޖެހިފައި ތިބި އިރު އިވެނީ އެންމެންގެ ވެސް ހުނުމާއި ސަކާރާތުގެ އަޑެވެ. "ސްނޭކް އެންޑް ލެޑާ" ކުޅުމުގެ ފޯރީގައި ގިނަ މުވައްޒަފުން އެ ވަގުތު ދިޔައީ ބައިވެރިވަމުންނެވެ. ބޮޑު ގަނޑެއްގައި ސްނޭކް އެންޑް ލެޑާ ގެ މަންޒަރު ޕްރިންޓު ކޮށްފައިވާއިރު އެމީހަކަށް ދިމާވާ އަދަދަކަށް ދަނީ އެމީހަކު އަމިއްލައަށް ހިނގާފައެވެ. ވަކި ފަންތިއަކަށް ބެލުމެއް ނެތި ހުރިހާ މުވައްޒަފުން ވެސް ބެލީ އެ ހަރަކާތުގައި ބައިވެރިވެ މަޖާ ކުރެވޭތޯއެވެ.

ދެވަނައަށް ވަދެވުނީ ކުރީ ޒަމާނުގެ ގެއަކަށް ތޯ ނޫނީ އޮފީހެއްގައި ބަޔަކު މަސައްކަތް ކުރާ ޑިޕާޓްމެންޓަކާ ތޯ ސުވާލު އުފެދުނެވެ. އެއްވެސް މޭޒެއް ނުވަތަ އޮފީސް ކަމަކު ބޭނުން ކުރާ ސާމަނެއް ނެތް އިރު މުޅިހެން ހުރީ އެވޭލާ ޒަމާން ދައްކުވައިދޭ މަންޒަރުތަކެވެ. މުޅި ޑިޕާޓްމެންޓުގެ ހުރިހާ މުވައްޒަފުންހެން ސަގާފީ ހެދުމުގައި ތިބި އިރު އުނދޯލި ގެއަކާ އެކު ގުޑުގުޑާ އެއްވެސް ބަހައްޓާފައި ހުއްޓެވެ. ރާޒުވާގޮނޑިއެއް ހުރިއިރު އޮށްވަޅު ގޮނޑިއެއް ވެސް ބަހައްޓާފައި ހުއްޓެވެ. އަދި އެ ޒަމާނުގައި ބޭނުން ކުރާފަދަ ބޮޑު ގަނޑިއެއް ފާރުގައި އަޅުވާފައި ހުރި އިރު އެއީ ޗާބީ ދީފައި އިންނަ ކަހަލަ ގަޑިއެއް ކަމަށް އެސްޓީއޯގެ ބައެއް މުވައްޒަފުން ވަނީ ސިފަ ކޮށްފައެވެ.

މީގެ އިތުރުން، ކުރީގައި މީހުން ދަރު އުނދުނުގައި ރޮށި ފިހެ، ސައި ކައްކައި ދޭ ގޮތް ދައްކުވައިދޭ ސްޓޯލެއް ވެސް ހަދާފައި ހުއްޓެވެ. ހަވާދު ފުނޑުމަށް ބޭނުން ކުރާ ދައި ވެސް ބަހައްޓާފައި ހުރި އިރު އެ ސްޓޯލުން ދައްކުވައިދެނީ އަޅޫގަނޑުމެންގެ ކާބަފައިން ކެއްކުމަށް އޭރު އުފުލަމުން ދިޔަ ބުރައެވެ.

ހަމައެހެންމެ، އެ ޑިޕާޓްމެންޓުން ވަނީ އެވޭލާ ޒަމާނުގައި ބޭނުން ކުރަމުން އައި އެތެރެގޭގެ މިސާލު ދައްކުވައިދީފައެވެ. އެއާ އިންވެގެން ގިފިއްޔެ ހަަދައި ކަރުދާސް ވަޅެއް ވެސް ވަނީ ބަހައްޓާފައެވެ.

މި އަހަރުގެ ޝިއާރާ އެއް ގޮތަށް ދެން ވަދެވުނީ މިސްރުގެ ސަގާފަތް ދައްކުވައި ދޭ ޑިޕާޓްމެންޓަކަށެވެ. ބައެއް މުވައްޒަފުން އެ ގައުމުގެ މީހުން ހެދުން އަޅާ ގޮތަށް ހެދުން އަޅައިގެންނެވެ. އަދި ތަނަށް ވަދެވުމުން އިވެނީ މިސްރު މީހުން އާންމުކޮށް ޖަހައި އުޅޭ ލަވަތަކުގެ ރާގު ކޮޅުތަކެވެ. އަދި މިސްރުގައި ހުންނަފަދަ އަހްރާމެއް އޮފީހުގެ މެދުގައި ހުރިއިރު އެމީހުންގެ ސަގާފަތް ދައްކުވައިދޭ އެކި ކަހަލަ ތަކެތި މުޅި އެތަނުން ވެސް ފެންނަން ހުއްޓެވެ.

އިތުރު ޑިޕާޓްމެންޓަކަށް ޒިޔާރަތް ކޮށްލުމުން ފެނުނީ އެސްޓީއޯގެ ސަގާފަތެވެ. އެސްޓީއޯގެ އެންމެ ފުރަތަމަ ބިންގަލުން ފެށިގެން މިހާތަނަށް ކަން ހިނގާފައިވާ ގޮތް ވަރަށް ފުރިހަމައަށް މި ޑިޕާޓްމެންޓުގެ ތިރީގައި ކުރަހައިފައި ޓައިމްލައިނުން ދައްކުވައިދެއެވެ.

މި ޑިޕާޓްމެންޓުގައި ވެސް ދިވެހިވަންތަކަން ދައްކުވައިދޭ ގޮތަށް ރޯނު ވެށުން، ހުނި ގޭނުން ފަދަ ކަންކަން ކުރާތަން ދައްކުވައިދެއެވެ.

މިއީ މުޅިން ވެސް ހުނަރުވެރި އެތައް މުވައްޒަފުންނެއްގެ ފަންނީ ބުރަ މަސައްކަތެކެވެ. ކޮންމެ ޑިޕާޓްމެންޓަކަށް ބަޖެޓެއް ދީގެން ކުރެވުނު މި މަސައްކަތްތައް ވަރަށް ވެސް ފުރިހަމައެވެ.

އެންމެ ފަހުން ވަދެވުނު ޑިޕާޓްމެންޓުން ދައްކުވައިދިނީ އެސްޓީއޯގައި އެންމެ އިހުއްސުރެ ވިއްކަމުން އައި ތަކެތީގެ ސަގާފަތެވެ. ބައްތި ފޯނުން ފެށިގެން އައިފޯނާ ހަމައަށް ވާސިލްވީ ގޮތެވެ. އަތުން ފެން ހިއްކައިގެން ހެދުން ދޮވެ ހެދި މެޝިނުން ފެށިގެން އޮޓޯ މެޝިނާ ހަމައަށް ވާސިލް ވީ ގޮތުގެ ވާހަކަ ކިޔައިދެއެވެ.

މީގެ އިތުރުން، އެސްޓީއޯގެ ޝިޕިން ކުންފުނި ކަމަށްވާ އެމްއެސްއެސްގެ އަމިއްލަ ބޯޓު ގަލޭނާގެ މޮޑެލް އެއްވެސް ވަނީ ތައްޔާރު ކޮށްފައެވެ.

މިއީ މުޅިންވެސް އެސްޓީއޯގެ މުވައްޒަފުންގެ މަސައްކަތެވެ. 57ވަނަ އަހަރީ ދުވަސް ކުލަ ގަދަކޮށް ފާހަގަ ކުރުމަށް ކުރި މަސައްކަތްތަކެވެ. އެންމެން އެކުގައި ކުރި ބުރަ މަސައްކަތުގެ ނަތީޖާތައް އެހާމެ ކާމިޔާބެއެވެ. އެހާމެ ފުރިހަމއެވެ. އެހާމެ ހުނަރުވެރިއެވެ.

comment ކޮމެންޓް