ނިމިދިޔަ ކްލަބް މޯލްޑިވްސް ކަޕުގައި އޭނާގެ ފަރާތުން ފެނުނީ ތަފާތު މޮޅު ކުޅުމެކެވެ. ރާއްޖޭގެ ނަން މަޝްހޫރު ފުޓްސަލް ކުޅުންތެރިންނަށް އޭނާ ދުލެއް ނުދެއެވެ. ރޯޑް ރެކްރިއޭޝަން ކްލަބް (އާރްއާރްސީ)އިން މުބާރާތުގެ ތަށި ކާމިޔާބު ކުރުމުގައި އޭނާގެ ދައުރު ބޮޑެވެ.
އެއީ މި އަހަރުގެ ކްލަބް މޯލްޑިވްސް ކަޕްގައި "ކިންގް އޮފް ފުޓްސަލް"ގެ މަގާމު ހާސިލު ކުރި އދ. މާމިގިއްޔަށް އުފަން އިބްރާހިމް މައިޝަމް (މައި)އެވެ. އެއީ އޭނާ އެއްވެސް ގޮތަކަށް ލިބޭނެކަމަށް އުއްމީދުކުރި މަގާމެއް ނޫނެވެ. މިފަދަ ބޮޑު މުބާރާތަކުން މިފަދަ މަގާމެއް އޭނާއަށް ލިބުނު މިއީ ފުރަތަމަ ފަހަރެވެ.
އުމުރުން 12 އަހަރުގައި މައި ކުޅެން ފެށީ ފުޓުބޯޅައެވެ. އޭނާ އެންމެ ކުޅޭ ހިތްވަނީ ވެސް ފުޓުބޯޅައެވެ. އެންމެ ކުޑައިރުއްސުރެ ވެސް އޭނާގެ ހުވަފެނަކީ ފުޓުބޯޅައިން އޭނާގެ ނަން ވިދާލުމެވެ.
މައިގެ ހުވަފެން ހަގީގަތަށް ހަދަން، އޭނާ ކެނޑިނޭޅި މަސައްކަތް ކުރެއެވެ. މީގެ ކުރިން އޭނާ ވަނީ ޔުނައިޓެޑް ވިކްޓްރީއަށާއި ޓީސީއަށް ވެސް ކުޅެފައެވެ. އަދި ފުޓުބޯޅަ ސީޒަން ގިނަ ދުވަސްތަކަކަށްފަހު ފަށައިފައިވާއިރު، މި އަހަރުގެ ސީޒަންގައި މައި ފެންނާނީ އީގަލްސްގެ ޖޯޒީގައެވެ.
އުމުރުން 24 އަހަރުގެ މައި އަކީ ފުޓްސަލް އަށް ވަރަށް އާ މޫނެކެވެ. ނަމަވެސް މި އަހަރުގެ ކްލަބް މޯލްޑިވްސް ކަޕްގައި މައިގެ ނަން ވިދާލައިފިއެވެ.
ކްލަބް މޯލްޑިވްސް ކަޕަކީ ވާދަވެރި މުބާރާތެކެވެ. ރާއްޖޭގެ ފުޓްސަލްގެ ރަސްގެފާނުންގެ ހުނަރު އެންމެ ބޮޑަށް ފެންނަ މުބާރާތެވެ. ނަމަވެސް އެ ކުޅުންތެރިންނާ ވާދަކޮށް، މައި އެ ވަނީ ފުޓްސަލްގެ ރަސްގެފާނުގެ މަގާމު ހޯދައިފައެވެ.
މައި އަކީ ޑިފެންޑަރަކަށް ކުޅޭ ކުޅުންތެރިއެއް ނަމަވެސް ގިނަ އެޓޭކްތަކުގައި ބައިވެރިވާ ހުނަރުވެރި ކުޅުންތެރިއެކެވެ. ގިނަ ވަގުތު ބޯޅަ ފައި ކައިރީގައި ގެންގުޅޭތީ އިދިކޮޅު ޓީމުގެ ކުޅުންތެރިންނަށް މައިގެ އަތުން ބޯޅަ ހޯދުމުގައި ތަކުލީފު ބޮޑެވެ.
ހުނަރުގެ އިތުރުން ފުޓްސަލް ކުޅޭއިރު މައިގެ މެންޓަލިޓީ ރަނގަޅެވެ. ދުވެލި ބާރު ކުޅުންތެރިއަކަށްވުމާއެކު މައި ދޭ ޕާސްތަކަކީ އެކިއުރޭޓް ޕާސްތަކެކެވެ. އޭނާއަކީ އިދިކޮޅު ކުޅުންތެރިން އުފައްދާ ހަމަލާތައް ބްލޮކް ކުރުމުގައި ނަމޫނާއެކެވެ. އޭނާގެ ކައިރިން ކަޓުވައިފައި ދާން އުޅުމަކީ ބޭކާރު ކަމެކެވެ. އޭނާ އެހާ ވެސް ހުށިޔާރެވެ.
ފުޓްސަލްގެ ތަހުތުގައި މިހާރު ރަސްކަންކުރަމުންދާ، މައި "ސަން"އަށް ބުނީ އަށް ފުޓްސަލް ކިންގް ލިބުމަކީ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށާއި އެއީ ޓީމު ކުރި ހިތްވަރާއި މަސައްކަތުން ލިބުނު ކާމިޔާބީއެއް ކަމަށެވެ.
"ޓީމު އެންމެން ކުރި މަސައްކަތުން ލިބުނު މަގާމެއް އެއީ. އަދި މުޅިން އަލަށް ފުޓްސަލް ކިންގުކަން މި ލިބުނީ މިހާ ބޮޑު މުބާރާތަކުން. މިއީ ހަގީގަތުގައި ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް. ވަރަށް ބޮޑު ކުރިއެރުމެއް. ބޮޑަށް ކުޅޭހިތްވަނީ ފުޓުބޯޅަ ކަމަށް ވިޔަސް އަނެއްކާވެސް ކްލަބް މޯލްޑިވްސް އިން އަޅުގަނޑު ފެންނާނެ،" މިހާރު ފުރަތަމަ ޑިވިޝަނަށް ކުޅެމުން އަންނަ މައި ބުންޏެވެ.
އާރްއާރްސީ ފައިނަލަށް ގެންދިއުމުގައި ވެސް މައި ވަނީ އިސް ރޯލެއް އަދާކޮށްފައެވެ. ކުއާޓާ ފައިނަލުގައި ވަރުގަދަ އެމްޕީއެލްއާ އާރްއާރްސީން ވާދަކުރި މެޗުގައި މައި ވަނީ ޓީމަށް މުހިއްމު ކުޅުމެއް ކުޅެދީފައެވެ. އޭނާގެ ހަލުވި އަދި ހުނަރުވެރި ކުޅުމުގެ ޖާދޫގައި ޖެހި އެމްޕީއެލް ޓީމަށް ބަލަން ތިބެވުން އިރު މައި ވަނީ އެ މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދާފައެވެ.
މި އަހަރުގެ ކްލަބް މޯލްޑިވްސް މުބާރާތުގައި ވިދުންގަދަ، މައި ވަނީ އެންމެ ފަހުގެ ކްލަބް މޯލްޑިވްސް މުބާރާތުގެ ޗެމްޕިއަން ބީއެމްއެލްއާ ދެކޮޅަށް ކުޅުނު މެޗުގައި ވެސް މޮޅު ކުޅުމެއް ދައއްކައިފައެވެ. މުބާރާތުގެ ރައުންޑް އޮފް 16ގައި ދިރާގާ ދެކޮޅަށް ކުޅުނު މެޗުގައި މައި ވަނީ އާރްއާރްސީއަށް ހިތްގައިމު، ރީތި ގޯލެއް ކާމިޔާބުކޮށްދީފައެވެ.
އިދިކޮޅު ޓީމުގެ ކުޅުންތެރިން ކައިިރިން ފަސޭހަކަމާއެކު ނައްޓާލައިފައި ދާ މައި އަތުލުމަކީ ވަރަށް އުނދަގޫ ކަމެކެވެ. އޭނާގެ މޮޅު އެސިސްޓުތައް، އާރްއާރްސީން ތަށި ކާމިޔާބު ކުރުމުގައި މުހިންމު ދައުރެއް އަދާ ކުރިއެވެ. ރާއްޖޭގެ ފުޓްސަލް ކިންގުން ކަމަށްވާ އަޔާޒް އަހުމަދު(އަޔާ) އާއި ޝަރީފް(އޮންލީ)ގެ ފެނަކަ ބަލިކޮށް އާރްއާރްސީން ފައިނަލަށް ދިޔައީ ޕެނަލްޓީ ޖަހައިގެންނެވެ.
އާރްއާރްސީއަށް ފުޓްސަލް ތަރި އިބްރާހިމް އަސްވަދު(ގަބޭ) ކުޅުނުއިރު މައި ވަނީ އޭނާއާއެކު މޮޅު ޕާސްތަކެއް ޖަހާ ހަމަލާތައް އުފައްދަން މަސައްކަތް ކޮށްފައެވެ. މައި ބުނިގޮތުގައި ޓީމުގައި ހުރި އެންމެ މޮޅު ކުޅުންތެރިއަކީ ގަބޭއެވެ. މިއީ ގަބޭއާއެކު އޭނާ ކުޅުނު ފުރަތަމަ މުބާރާތަށްވާއިރު މި ދެ ކުޅުންތެރިންނަށް ވަނީ ގިނަ ސަޕޯޓަރުންގެ ލޯތަށް އަމާޒުވެފައެވެ.
"ޓީމުގެ އެންމެ މޮޅު ކުޅުންތެރިޔާ އަކީ ގަބޭ. އޭނާ ބުނާގޮތަށް މުޅި ޓީމު ކުޅެނީ ވެސް. އަސްލު އުންމީދުކޮށްގެން ހުރީ ގަބޭ އަށް ކިންގް ލިބޭނެކަމަށް. އޭނާއަށް ލިބެން ބޭނުންވަނީ ވެސް. އަޅުގަނޑަށް ކިންގް ލިބުނީ އަޅުގަނޑު ގަބޫލުކުރާގޮތުގައި ޓީމެއްގެ ގޮތުގައި ކުޅެ އާރްއާރްސީން ކުރި ހިތްވަރުން،" ރޯޑް ޑިވަލޮޕްމެންޓް ކޯޕަރޭޝަނުގައި މަސައްކަތް ކުރަމުންދާ މައި ބުންޏެވެ.
ފުޓްސަލްގެ ރަސްގެފާނުކަން އޭނާއަށް ލިބުނު ނަމަވެސް، މައި އަދިވެސް އެންމެ ކުޅޭ ހިތްވަނީ ފުޓުބޯޅައެވެ. އޭނާ ވަނީ 2019 ވަނަ އަހަރު ޓިސީން ޗެރިޓީ ޝީލްޑޫ މެޗު ކާމިޔާބުކުރި އިރު، އެޓީމުގެ ޑިފެންސް ބެލެހެއްޓުމުގައި މުހިއްމު ރޯލެއް ކުޅެފައެވެ. މި އަހަރުގެ ތިންވަނަ ޑިވިޝަން މުބާރާތުގެ ޗެމްޕިއަންކަން ބުރު ސްޕޯޓްސް ކްލަބުން ހޯދި އިރު އޭނާވަނީ އެ ޓީމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ.
ފުޓުބޯޅަ ދެކެ މައި ކިތަންމެ ލޯބިވީ ނަމަވެސް، ފުޓްސަލް އާއިލާގެ ލޯބި އޭނާ ހޯދައިފިއެވެ. ފުޓްސަލް ދަނޑުގައި އޭނާގެ ނަން ގުގުމައިލައިފިއެވެ.