އޮގަސްޓް މަހު މޮނިޓަރިންއަށް ލި އައްޑޫގެ މޮނިޓަރިން ހާލަތު އުވާލަން އެދިއްޖެ

އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު --- ފޮޓޯ: ސިޓީ ކައުންސިލް

އޮގަސްޓު މަހުގެ ފަހުކޮޅު މޮނިޓަރިންއަށް ލި އައްޑޫ ސިޓީގެ މޮނިޓަރިން ހާލަތު އުވާލަން އައްޑޫ ސިޓީ ކައުންސިލުން ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގައި އެދިއްޖެއެވެ.

އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު މިއަދު "ސަން" އަށް ވިދާޅުވީ، އައްޑޫގެ ހާލަތު ކުރިއާ އަޅާ ބަލާއިރު ބޮޑުތަނުން ރަނގަޅުވެފަ އޮތުމުން، އައްޑޫ މޮނިޓަރިންއިން ނަގާދިނުމަށް އެދި މިިދިޔަ ހޮނިހިރު ދުވަހު އެޗްޕިއޭއަށް ސިޓީއަކުން ދަންނަވާފައިވާނެ ކަމަށެވެ.

"މޮނިޓަރިންގަ އޮތީމަ އައްޑޫގެ އިގުތިސާދަށް ވެސް އޭގެއިން އެބަ އަސަރު ކުރޭ. ދެން ކާފިއު ގަޑިތަކެއް ވެސް އޮތުމުން، އޭގަ އުނދަގޫތަކެއް ވެސް އެބަހުރި. ވިޔަފާރިތަކަށް ވެސް އޭގެ ދަތިތައް އެބަހުރި. ދެން އިޖުތިމާއީ އިގުތިސާދީ ދަތިތަކެއް ރައްޔިތުންނަށް ހުރުމާއެކު، އަސްލު (ރަށުގެ) ހާލަތުވެސް ރަނގަޅު ވުމާ، މި ހުރިހާ ކަންކަމާ ގުޅުން އޮތީމަ (މޮނިޓަރިން އިން) ނަގަން އެދިފަ ވާނީ،" ނިޒާރު ވިދާޅުވިއެވެ.

އައްޑޫ ސިޓީގެ ހިތަދޫ، މަރަދޫ އަދި މަރަދޫ ފޭދޫއާއި ފޭދޫ މޮނިޓަރިންއަށް ލާފައި ވަނީ އޯގަސްޓު މަހުގެ 28ގައިއެވެ. އެ ސިޓީގެ ހުޅުމީދޫ މޮނިޓަރިންއަށް ލީ ސެޕްޓެމްބަރު މަހުގެ ހަތަރު ވަނަ ދުވަހުގައެވެ.

އައްޑޫގެ ކޮވިޑްގެ ހާލަތު ގޯސްވުމާއެކު ބަލި ކޮންޓްރޯލް ކުރުމަށްޓަކައި މިދިޔަ މަހުގެ ފަހުކޮޅު ވަނީ އިތުރު ފިޔަވަޅުތައް އަޅައިފައެވެ.

އެ ފިޔަވަޅުތަކުގެ ތެރޭގައި މީހުން އެއްގެއިން އަނެއް ގެއަށް ޒިޔާރާތް ކުރުން މަނާ ކުރުމުގެ އިތުރުން އާއްމުކޮށް އެންމެން އެއްތަނަކަށް އެއްވެގެން ކުރިއަށް ގެންދާ ހަރަކާތްތައް މަނާ ކުރުން ހިމެނެއެވެ.

ހަމައެއާއެކު އައްޑޫގެ ސްކޫލްތަކުގައި ކިޔެވުމުގެ އިތުރުން ބާއްވާ އެހެނިހެން ހަރަކާތްތަތައް މިވަގުތު ކުރިޔަށް ނުގެންދިޔުމަށް ވަނީ އަންގައިފައެވެ.

މީގެ އިތުރުން އައްޑޫގައި ރޭގަނޑު 9:00 އިން ފެށިގެން ފަތިހު 4:00 ޖެހުމާ ހަމައަށް، ކުރިން ވެސް އޮތްގޮތަށް ކާފިއު ދެމެހެއްޓުމަށް އައްޑޫ ސިޓީ ކައުންސިލުން ވަނީ ނިންމައިފައެވެ.

އައްޑޫ އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން އެންމެ ފަހުން އާއްމުކުރި ތަފާސްހިސާބުގައިވާ ގޮތުން، އިއްޔެ އިރުއޮއްސި 6:00 ޖެހުމާ ހަމައަށް 24 ގަޑިއިރު ތެރޭގައި އެ ސިޓީން އަލަށް ކޮވިޑް ޕޮޒިޓިވްވެފައި ވަނީ އެންމެ މީހެކެވެ. އަދި އައްޑޫގެ އެކްޓިވް ކޭސްތަކުގެ އަދަދަކީ މިހާރު 56 އެވެ.

އެއީ ހިތަދޫއިން 46 މީހުންނާއި މަރަދޫއިން ފަސް މީހުންގެ އިތުރުން މީދޫއިން ދެ މީހަކާއި ހުޅުދޫން އެކަކެވެ.

އައްޑޫގައި މިވަގުތު އެޑްމިޓްކޮށްގެން އެކަކަށް ފަރުވާ ދެމުން ދާއިރު، މިހާތަނަށް ކޮވިޑްގައި އައްޑޫއިން 12 މީހުން ވަނީ މަރުވެފައެވެ.

comment ކޮމެންޓް