އެމްއެސްއެސް "ގަލޭނާ"ގެ ކެޕްޓަނަކަށް ވުމުގެ ފުރުސަތު އެންމެނަށްވެސް ހުޅުވާލައިފައި

އެމްއެސްއެސް ގަލޭނާ ފުރަތަމަ ފަހަރަށް ރާއްޖެގެ ބަނދަރަށް ލަފަނީ --- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ދިވެހީންގެ ތެރޭގައި އާންމުކޮށް ގެންގުޅެމުން އައި ބޯދާ ވިސްނުމެކެވެ. އަންހެން ކުއްޖެއްނަމަ ބައެއް ކަހަލަ ވަޒީފާތައް އަދާ ކުރުމަކީ ނާދިރު ކަމެކެވެ. އެގޮތުން، މިއަދާ ހަމައަށް އައި އިރު ދިވެހީންގެ ތެރޭގައި ބޯޓު ދަތުރު ކުރުމަކީ ފިރިހެނުންނަށް ހާއްސަވެ ނިމިފައި އޮތްކަމެކެވެ.

ނަމަވެސް، ޒަމާން ބަދަލުވަމުން އައިހެން އެ ދުވަސްތައް ފާއިތުވެ މިއީ ވެސް އަންހެންނުނަށް ކުރެވޭނެ ކަމެއްކަން ސާބިތުވެއެވެ. ދުނިޔޭގެ އެކި ހިސާބުތަކުގައި އަންހެނުންނަށް ފަސޭހަ ވާނެހެން ކަންކަން ކުރެވޭނެ މަގު ބޯޓުތަކުގައި މިހާރު އޮންނަނީ ފަހިވެފައެވެ.

ކޮވިޑް-19 އަށް ފަހު ރާއްޖޭގައި ބޯޓު ދަތުރު ކުރުމުގެ ދާއިރާ މި އަންނަނީ މަޑުމަޑުން ކުރި އަރަމުންނެވެ. އެކަމުގެ އެއް ހެއްކަކީ ދާދި ފަހުން ރާއްޖޭގެ ގައުމީ ޝިޕިން ކުންފުނި ކަމަށްވާ، މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް)ގެ އަމިއްލަ ބޯޓު ރާއްޖެ ގެނައުމެވެ. މާލޭ ކޮމާޝިއަލް ހާބަރަށް އެ ބޯޓު އެންމެ ފުރަތަމަ ބަނދަރު ކުރުމަށް ފަހު ދެ ބިދޭސީން ފިޔަވައި ދެންވެސް މަސައްކަތް ކުރަން ތިބީ ހުސް ދިވެހީންނެވެ.

މޯލްޑިވްސް ސްޓޭޓް ޝިޕިން(އެމްއެސްއެސް)ގެ ހެޑް އޮފީސް --- ސަން ފޮޓޯ

"ސަން"ގެ ފަރާތުން ބޯޓުގެ އެކިއެކި ފަންތިތަކުގައި މަސައްކަތް ކުރާ ބޭފުޅުންނާ ބައްދަލު ކުރީމެވެ. ބޯޓުގެ ކެޕްޓަނުން ފެށިގެން ކައްކާއާ ހަމައަށް ވެސް ދެއްކީ ހަމަ އެއް ވާހަކައެކެވެ. މިއީ ކޮންމެ މީހަކަށް ވެސް ކުރާ ހިތުން ކޮށްފިނަމަ ކުރެވޭނެ މަސައްކަތެއް ކަމެވެ. ރަނގަޅު އާމްދަނީއެއް ހޯދުމަށް އޮތް އެންމެ ފަސޭހަ އެއް މަގު ކަމުގައި ވެސް އެމީހުން ދެކެވެ.

ނަމަވެސް ބޯޓުގެ ކެޕްޓަން މި ދާއިރާއަށް ޝައުގުވެރިވާ އެންމެންނަށް ވެސް ދިން ވަރަށް އަގުހުރި ނަސޭހަތެއް އެބަ އޮތެވެ.

"އެންމެ ފުރަތަމަ ހަމަ އައިސް ބޮންތިއަކު ނުހިފޭނެ ދެއްތޯ. ކޮންމެ ކަމެއް ވެސް ފަށައިގަންނަން ޖެހޭނީ އެންމެ ދަށުން. އެކަމަކު އަޅުގަނޑު ދޭނެ ނަސޭހަތަކީ މި ގެނެވުނު ބޯޓު ގަލޭނާ އަކީ ވެސް ދިވެހި އެތަކެއް ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ތަނަވަސް ވެގެން ދާނެ ކަމެކޭ. މި ފުރުސަތުގެ ބޭނުން ރަނގަޅު ގޮތުގައި ހިފައްޗޭ،" އޭނާ ބުންޏެވެ.

ތެދެކެވެ. ދިވެހީންގެ ތެރެއިން ގިނަ ބަޔަކު މިއަދު ބޭނުން ވަނީ އެންމެ ފުރަތަމަވެސް ބޮޑު ގޮނޑީގައި އިށީންނާށެވެ. ނަމަވެސް، މިއީ ވެސް ގައިން ދާ އޮހޮރުވައިގެން ލިބޭނެ އުފަލެއްކަން ޔަގީނެވެ.

ބޯޓެއްގެ ކެޕްޓަން ކަމަށް ވެސް އެރޭނީ ހިތްވަރެއް ހުރެގެންތާއެވެ. އެހެންކަމުން، މި ދާއިރާއަށް އެންމެ ފުރަތަމަ ނުކުންނަ އިރު ފާހަނާތައް ސާފު ކުރަން ޖެހުމަކީ ވެސް ކުރަން ޖެހިދާނެ ކަމެކެވެ. އެހެން ނަމަވެސް އޭގެ އާހިރު ނަތީޖާ ފޮންޏެވެ. ގިނަ ދުވަހު މަސައްކަތްކޮސް ބޯޓުގެ ކަންކަން ދަސްވެ އެންމެންގެ ލޯބި ލިބ ހިސާބުން ބޯޓުގެ މާލިމީ ކަން ކުރުމަކީ ވެސް އުނދަގޫ ކަމަކަށް ނުވާނެއެވެ.

އެގޮތުން، އެމްއެސްއެސް "ގަލޭނާ"އަކީ މި ދާއިރާއަށް ޝާއުގުވެރިކަން ހުރި ކޮންމެ ދިވެހި ދަރިއަކަށް ވެސް އަގުހުރި ފުރުސަތަކަށް ވާނެއެވެ. ބޯޓުގައި މަސް ދުވަސް ހޭދަ ކުރަން ޖެހުނެއް ކަމަކު މި އުޅެވެނީ ކަނޑުމަތީ ހެން ވެސް ހީނުވާނެއެވެ. ބަދިގެއިން ފެށިގެން ނިދާ ކޮޓަރިތައް ވެސް އެހާމެ ފުރިހަމައެވެ. ތަނަވަސް ވެފައި އެހާމެ ހިތް ފަސޭހައެވެ. މާހައުލަކީ އެންމެން އެކުވެރި މާހައުލެއް ކަމުން އެކަނިވެރިކަމުގެ އިހުސާސެއް ނުވާނެއެއެވެ. ބޯޓު ބަނދަރު ކޮށްފައި އޮންނައިރު އާއިލާއާ ބައްދަލުކޮށް ހެދުމަށް ފޭބޭނެ މަގު ފަހި ވެފައި އޮތުމަކީ ލިބޭ އިތުރު ފާއިދާއެކެވެ.

ހަމައެހެންމެ، އަންހެނުން މި މަސައްކަތައް ނުކުންނަ ނަމަ، ވަކިން ކޮޓަރިއެއް ލިބުމާއި ފާހަނާ ފަދަ އަސާސީ ބޭނުންތައް އެމީހުންނަށް ފަސޭހަ ވާނެހެން ލިބެން ހުރެއެވެ. ބޯޓުގެ ކެޕްޓަންއަކަށް ވާ ހިސާބުން ލިބޭ ފައިދާތައް އިތުރެވެ. އާއިލާ ގޮވައިގެން ދަތުރުކޮށް ހެދުމުގެ ފުރުސަތަކީ ވެސް ލިބޭނެ ބޮޑު ފައިދާއެކެވެ.

މީގެ އިތުރުން، މި މަސައްކަތަކީ ބުރަ މަސައްކަތަކަށް ވެދާނެއެވެ. އެހެން ނަމަވެސް ހިތްވަރު އެލުވާ ނުލައި މަސައްކަތް ކޮށްފިނަމަ އެކަމަށް އާދަވާނެއެވެ. ކުރެވޭ މަސައްކަތާ އެއްވަރުގެ އާމްދަނީއެއް ލިބި ހިތްހަމަ ޖެހޭނެއެވެ. ބޯޓުގައި މަސައްކަތްކޮށްގެން ލިބޭ އާމްދަނީ ކިތަންމެ ގިނަ ނަމަވެސް އެއިން އެންމެ ބައި ރުފިޔާއެއް ވެސް ހަރަދު ނުކޮށް ދުނިޔޭގެ އެކި ސަރަހައްދުތައް ބަލާލަން ލިބުމަކީ ލިބޭނެ އެންމެ ބޮޑު އުފާކަން ޔަގީނެއެވެ.

މި ފަދަ ގިނަގުނަ ފައިދާތަކާ އެކުވެސް، މި ދާއިރާއަށް ވަންނަ ދިވެހީން މަދެވެ. ނަމަވެސް މިއީ ދިވެހީންގެ ތެރޭގައި ބަދަލު ކުރަން ޖެހިފައިވާ އާދައެކެވެ. މި ދާއިރާއަށް ވެސް ގިނަ ކުދިން ނުކުމެ ރަނގަޅު އާމްދަނީއެއް ހޯދުމަކީ ދިވެހި މުޖުތަމައުއަށް މިއަދު ނުހަނު ބޭނުންތެރި ކަމެކެވެ. ގިނަ ބަޔަކު ވާޒިފާގެ މައިދާނަށް ނުކުމެ އެމީހަކަށް ލިބިފައިވާ ހުނަރެއް ތަރައްގީކޮށް ކުރިއެރުވުމަށް އެމްއެސްއެސް އިން ތިބީ ތައްޔާރަށެވެ. ބޭނުންވަނީ ކަމަށް ޝައުގުވެރިވާ ދިވެހި ދަރީންނެވެ.

comment ކޮމެންޓް