ގޮއިދޫ ކައިރިން ރިސޯޓެއް ތަރައްގީ ކުރުމަށް ބޭނުންވާ ކަމަށް ރައީސަށް ދަންނަވައިފި

ރައީސުލްޖުމްހޫރިއްޔާ، ށ. ގޮއިދޫ ކައުންސިލާ ބައްދަލުކުރެއްވުން -- ފޮޓޯ/ ރައީސް އޮފީސް

ށ. ގޮއިދޫ ކައިރިން ޓުއަރިސްޓް ރިސޯޓެއް ތަރައްގީ ކުރުމަށް ބޭނުންވާ ކަމަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް ދަންނަވައިފިއެވެ.

ރައީސް، ގޮއިދޫ ކައުންސިލާ ބައްދަލުކުރެއްވުމަށް ޓަކައި ރައިސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ބައްދަލު ކުރުމުގައި ކައުންސިލުން ރައީސަށް ދެންނެވީ ރަށުގެ ޒުވާނުންގެ 70 އިންސައްތައަކީ ރިސޯޓުތަކުގައި މަސައްކަތް ކުރާ ފަރާތްތައްކަމަށްވާތީ ރަށާ ކައިރިން ރިސޯޓެއް ތަރައްގީކުރުމަކީ ރައްޔިތުން ނުހަނު ބޭނުންވާ ކަމެއް ކަމަށެވެ. މީގެ އިތުރުން ރަށުގައި ޒަމާނީ ފެންވަރުގެ މިސްކިތެއް އިމާރާތް ކުރުމަށް ބޭނުންވާ ކަމުގައި ވެސް ދެންނެވިއެވެ.

މި ބައްދަލުކުރުމުގައި ގޮއިދޫ ކައުންސިލުންވަނީ މި ސަރުކާރުން ރިޔާސީ ކެމްޕެއިންގައި ވައުދުވީ ފަދައިން ފެނާ ނަރުދަމާ ފަދަ އަސާސީ ހިދުމަތްތައް ގޮއިދޫގައި ތަރައްގީ ކުރަމުންގެންދާތީ، ކައުންސިލާއި ރައްޔިތުންތިބީ ވަރަށް ހިތްހަމަޖެހިފައިކަމުގައި ރައީސަށް ދަންނަވާފައެވެ.

މި ބައްދަލު ކުރުމުގައި ރަށުގެ ބަނދަރާއި ސުކޫލުގެ ޖާގައިގެ ދަތިކަމުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތައް ކައުންސިލުގެ ފަރާތުންވަނީ ވަރަށް ތަފްސީލުކޮށް ފާހަގަ ކޮށްފައެވެ. އަދި ރަށުގައި އެކަށީގެންވާ އެމްބިއުލާންސެއް ނެތުމުން ކުރިމަތިވާ ގޮންޖެހުންތަކާއި، އައު ސިއްހީ މަރުކަޒު އިމާރާތްކުރުމުގެ މަސައްކަތް ފެށުން ލަސްވާތީ އެކަމުގެ ކަންބޮޑުވުންތައް ކައުންސިލުން ފާހަގަކުރިއެވެ.

ރަށުގައި މަދިރި ގިނަ ވުމުގެ ސަބަބުން ރައްޔިތުންނަށް ކުރިމަތިވާ ގޮންޖެހުންތަކުގެ ވާހަކަ ވެސް މި ބައްދަލުކުރުމުގައި ކައުންސިލުންވަނީ ފާހަގަ ކޮށްފައެވެ.

މި ބައްދަލުކުރުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް، ވަނީ ގޮއިދޫ ކައުންސިލުން ފާހަގަކުރި މަޝްރޫއުތަކާއި ކަންކަމުގެ އެންމެފަހުގެ މައުލޫމާތުތައް ކައުންސިލަރުންނާއި ހިއްސާކުރައްވާފައެވެ. އަދި އެމަނިކުފާނު ވަނީ ކައުންސިލުން ފާހަގަކުރި ކަންކަމުގައި ކަމާގުޅޭ ސަރުކާރުގެ އިދާރާތަކާއި މަޝްވަރާ ކުރައްވައި އެކަންކަން ބައްލަވައިދެއްވާނެކަމުގައި ވިދާޅުވެފައެވެ.

މި ބައްދަލުވުން ނިންމަވާލައްވަމުން ކައުންސިލުން ވަނީ މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވި އުންމީދީ ޖަވާބުތަކެއްކަން ފާހަގަކޮށް، އެކަމަށްޓަކައި ޝުކުރު އަދާކޮށްފައެވެ.

comment ކޮމެންޓް