ތަފާތު ދެއްކި އެފްއެސްއެމް ބަލިކޮށް އާރްއާރްސީ އިން ކުލަބު މޯލްޑިވްސްގެ ތަށި އުފުލާލައިފި

2021ވަނަ އަހަރުގެ ކްލަބް މޯލްޑިވްސް ކަޕްގެ ޗެމްޕިއަން ޓީމު އާރްއާރްސީ --

މި އަހަރުގެ ކުލަބް މޯލްޑިވްސް ކަޕްގައި ތަފާތު ދެއްކި ފިއުލް ސަޕްލައިސް މޯލްޑިވްސް (އެފްއެސްއެމް) ބަލިކޮށް ރޯޑް ރީކްރިއޭޝަން ކުލަބް(އާރްއާރްސީ)އިން އެ މުބާރާތުގެ ތަށި އުފުލައިލައިފިއެވެ.

ކުލަބް މޯލްޑިވްސް ކަޕަކީ ރާއްޖޭގައި ކުޅޭ އެންމެ ފޯރިގަދަ ފުޓްސަލް މުބާރާތެވެ. މި މުބާރާތް އެންމެ ފަހުން ބާއްވާފައިވަނީ 2019ވަނަ އަހަރުގައެވެ.

ހުޅުމާލޭ ރެހެންދީ ޓާފް ގްރައުންޑް އެކެއްގައި މިރޭ ކުޅުނު ފައިނަލް މެޗު އާރްއާރްސީން ކާމިޔާބުކުރީ 0-4ގެ ނަތީޖާއިން ވަރުގަދަ އެފްއެސްއެމް މައްޗަށް ކުރި ހޯދައިގެންނެވެ.

މިރޭގެ މެޗު ފަށައިގެން އާރްއާރްސީން އައީ ބޯޅަ ހިފެހެއްޓުމުގެ ބަދަލުގައި އެޓޭކް ކުރެވޭތޯ މަސައްކަތް ކުރަމުންނެވެ. މެޗުގެ ހަތް ވަނަ މިނެޓުގައި މި މުބާރާތުގައި އެންމެ ގިނައިން ދުރުން ގޯލު ޖެހި ކުޅުންތެރިޔާ މިދުހަތު ފަހުމީ މެޗުގެ ހަތް ވަނަ މިނެޓުގައި ފޮނުވާލި ބޯޅަ އެފްއެސްއެމްގެ ކީޕަރު އަބްދުﷲ ފަޔާޒް ވަނީ ދިފާއު ކޮށްފައެވެ. ފުރަތަމަ ހާފުގައި އެފްއެސްއެމްގެ ކުޅުންތެރިން ކުޅެމުން އައީ ބޮޑަށް ޑިފެންސް ކޮށްގެންނެވެ. މެޗުގެ 17 ވަނަ މިނެޓުގައި އެފްއެސްއެމަށް ލީޑު ނަގައިދިނުމަށް ފުރުސަތު ލިބުނެވެ. ނާއިފް ޝަފީގް ދިން ރީތި ބޯޅައެއް މުހައްމަދު ޖުމާން ފުންނާބުން ފޮނުވާލި ނަމަވެސް ބޯޅަ ދިޔައީ ގޯލުގެ އަރިމަތީ ދަނޑިކައިރިން ބޭރަށެވެ.

އާރްއާރްސީއަށް ފުރަތަމަ ލީޑު ނަގައިދިނީ އެ ޓީމު ފައިނަލަށް ގެންދިއުމަށް އެންމެ މުހިއްމު ޕެނަލްޓީ ޖަހައިދިން ރާއްޖޭގައި ނަން ވިދާ މޮޅު ކުޅުންތެރިޔާ އިބްރާހިމް އަސްވަދު(ގަބޭ)އެވެ. ގަބޭ ޖުމާން ކައިރިން ނެއްޓުމަށްފަހު ތިރިތިރިން ފޮނުވާލި ބޯޅަ ވަނީ ގޯލުގެ ތިރީ ކަނަށެވެ. މުބާރާތުގައި އެފްއެސްއެމަށް މުހިއްމު ގޯލުތަކެއް ޖަހައިދިން އަހުމަދު ވިޖުދާން(ވިޖޫ) ނަގައިދިން ހުރަހަކުން ނާއިފްއަށް ގޯލު ޖެހުމަށް ފުރުސަތު ލިބުނެވެ. މެޗުގެ ނަތީޖާ ހަމަހަމަކުރުމަށް ނާއިފް ބޯޅަ ފޮނުވާލަން މަސައްކަތް ކުރި ނަމަވެސް އެބޯޅައިގައި ބޮލުން ޖެހޭ ގޮތެއް ނުވިއެވެ.

ދެވަނަ ހާފުގައި އާރްއާރްސީން ކުޅެން ނިކުތީ މާ ވަރުގަދަ ކޮށެވެ. ދެވަނަ ހާފުގެ ދިހަ މިނެޓު ކުޅެވިފައި ވަނިކޮށް އާރްއާރްސީއަށް ލީޑު ފުޅާކޮށްދިނީ މިރޭގެ މެޗުގައި ޖާދޫ ދެއްކި ނާސިހުއެވެ. ނާސިހު ކުޅުންތެރިއެއް ކާއިރިން ނެއްޓުމަށްފަހު ފޮނުވާލި ބޯޅަ ވަނީ ގޯލުގެ ތެރެއަށެވެ. އޭގެ ތިން މިނެޓުފަހުން ނާސިހު އެންމެ ފަހަތުގައި ހުރެ ބޯޅަ ހިފައިގެން އައިސް ދެ ކުޅުންތެރިން ކައިރިން ނެއްޓުމަށްފަހު ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލިއެވެ. މެޗު ނިމެން ފަސް މިނެޓަށް ވެފައިވަނިކޮށް ގަބޭ ޖެހި ބޯޅަ އެއް ކީޕަރު އަތުގައި ޖެހިފައި އައި ރިބައުންސް ބޯޅައެއް ނާސިހު ގޯލުގެ ތެރެއަށް ފޮނުވާލާ ހެޓްރިކް ހެދިއެވެ.

ފަހު މިނެޓުގައި ވެސް އެފްއެސްއެމްގެ ތޯހިރު އުފެއްދި ހަމަލާތައް އާރްއާރްސީގެ ގޮލްކީޕަރު މުހައްމަދު ޒުހަލް ވަނީ ދިފާއުކޮށްފައެވެ. މިރޭގެ މެޗުގައި އާރްއާރްސީގެ ޑިފެންޑަރުން ވަނީ އެފްއެސްއެމްގެ ވިޖޫ އުފެއްދި ހަމަލާތައް ބްލޮކް ކޮށްފައެވެ. ދެ ޓީމުން ވެސް މޮޅު ކުޅުމެއް ފެނިގެން ދިޔައިރު މިރޭގެ މެޗުގައި ވެސް އާރްއާރްސީގެ އިބްރާހިމް މައިޝާން ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކާފައެވެ. އޭނަގެ ހަލުވި އަދި ހުނަރުވެރި ކުޅުމުގެ ޖާދުލުގައި ޖެހި އެފްއެސްއެމް ޓީމަށް ބަލަން ތިބެވުން އިރު މައިޝާން ވަނީ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދައި ރާއްޖޭގެ ފުޓްސަލް ކިންގުގެ ޝަރަފު ހޯދާފައެވެ.

މިއީ އެފްއެސްއެމް މުބާރާތުގެ ފައިނަލުގައި ކުޅުނު ފުރަތަމަ ވާއިރު އާރްއާރްސީގެ ނަމުގައި އެ ޓީމުން މުޅިން އަލަށް މުބާރާތުގައި ވާދަކޮށް ފުރަތަމަ ފަހަރު ވެސް މި ވަނީ މުބާރާތުގެ ތަށި އުފުލާލައިފައެވެ. ކްލަބް މޯލްޑިވްސްގެ ފައިނަލަށް އާރްއާރްސީ ދަތުރުކުރީ ވެސް ވަރުގަދަ ފެނަކަ ބަލިކޮށްގެންނެވެ.

comment ކޮމެންޓް