ދިރާގު ހައިސްޕީޑް ފައިބާ އިންޓަނެޓްގެ ހިދުމަތާއެކު ދިރާގު ޓީވީގެ ހިދުމަތް ގއ. ގެމަނަފުށީގައި ދިރާގުން ރަސްމީކޮށް އިފްތިތާހްކޮށްފިއެވެ.
ދިރާގުން އެ ރަށުގައި މި ހިދުމަތްތައް ތައާރަފްކޮށްފައިވަނީ އެ ރަށުގެ ރައްޔިތުންނަށް ހާއްސަ އޮފާތަކަކާއެކުއެވެ.
އެގޮތުން، ދިރާގު ފައިބަރު ބްރޯޑްބޭންޑް ޕެކޭޖަށް އެދޭ ފަރާތްތަކަށް ހިލޭ ފައިބަރު ގުޅައިދިނުމުގެ އިތުރުން ފައިބަރަށް ބޭނުންވާ ހާއްސަ ރައުޓަރު ނުވަތަ އޯއެންޓީ ވެސް ހިލޭ ލިބޭނެކަމަށް ދިރާގުން ބުންޏެވެ.
ހަމައެއާއެކު ދިރާގު ޓީވީގެ ހިދުމަތަށް އެދޭ ފަރާތްތަކަށް ދިރާގު ޓީވީ މުޅިން ހިލޭ ގުޅައިދޭނެކަމަށް ދިރާގުން ބުންޏެވެ. އަދި ޑީކޯޑަރު ވެސް ހިލޭ ލިބޭނެކަމަށް ބުންޏެވެ.
ދިރާގު ފައިބަރު ބްރޯޑްބޭންޑުގެ ހިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުންދާ އެންމެ ބޮޑު ފައިބަރު ނެޓްވޯކެވެ. އެގޮތުން ފައިބަރު ބްރޯޑްބޭންޑުގެ ހިދުމަތް ރާއްޖޭގެ ގޭބިސީގެ 80 ޕަސެންޓަށް ފޯރުކޮށްދީފައިވާކަމަށް ދިރާގުން ބުންޏެވެ. އޭގެ ތެރޭގައިއި 67 ރަށެއް ހިމެނެއެވެ.
ދިރާގު ޓީވީއަކީ 100 އަށް ވުރެ ގިނަ ޗެނަލް ހިމެނޭ ހިދުމަތެކެވެ. އަދި ދިރާގުން ބުނާގޮތުގައި އެއީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ފޯރުކޮށްދޭ އަދި އެންމެ ފުރަތަމަ އައިޕީޓީވީގެ ހިދުމަތެވެ.
އެއާއެކު ދިރާގުން ބުނީ އެ ކުންފުނީގެ ބޭނުމަކީ ހިދުމަތް ހޯދާ ފަރާތްތަކަށް ވީހާ ވެސް ފަސޭހަވާނެހެން ހިދުމަތްތައް ފޯރުކޮށްދިނުން ކަމަށެވެ.