އަސްކަރީ ގުޅުމުގެ ތެރެއިން އެއް ގައުމެއްގެ ސިފައިން އަނެއް ގައުމެއްގައި ތިބުން އެއީ މި ޒަމާނުގައި އާއްމު ކަމެއް ކަމަށް ރައްޔިތުން މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި ތިބި އިންޑިއާގެ އަސްކަރިއްޔާ ބޭރު ކުރާން ގޮވާލައި ގިނަ އަދަދެއްގެ ރައްޔިތުން އަޑު އުފުލަމުން އަންނަ މި ދަނޑިވަޅާ ދިމާކޮށް، ސަލީމް ކުރެއްވި ޓްވީޓެއްގައި ސުވާލު ކުރެއްވީ އިންޑިއާގައި ވެސް ދިވެހި ކިތަންމެ ސިފައިންނެއް މިވަގުތު ވެސް ތިބި އިރު އެކަމުން އިންޑިއާގެ އިސްތިގުލާލަށް އެއްވެސް އުނިކަމެއް އާދޭތޯއެވެ.
އިންޑިއާގެ ސިފައިން، ހަތިޔާރާއެކު ރާއްޖޭގައި ތިބޭ ތިބުން ދިފާއު ކުރައްވައި ފަދަ މޭރުމަކުން ސަލީމް މި ކުރެއްވި ޓްވީޓާ ގުޅުވައިގެން ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ވަނީ ސަލީމަށް ފާޑު ކިޔާފައެވެ.
އޭގެ ތެރެއިން ބައެއް މީހުން ބުނެފައިވާ ގޮތުގައި އިންޑިއާގައި ދިވެހި ސިފައިން ތިބެނީ އެއްވެސް ހަތިޔާރެއް ނެތި، ހުސް އަތާ ކަމަށާއި ލައިގެން ދިޔަ ޔުނިފޯމް ފިޔަވާ އެހެން އެއްވެސް އެއްޗެއް އެމީހުންގެ އަތުގައި ނުހުންނާނެ ކަމަށެވެ.
އިތުރު މީހަކު ބުނި ގޮތުގައި އިންޑިއާގެ އަމްނާއި ސަލާމަތް ބެލެހެއްޓުމަށް ޓަކައި ދިވެހި އަސްކަރީ ޓީމު، އެތަނުގައި ގާއިމު ވެގެނެއް ނުތިބޭނެއެވެ.
މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް، (އެމްއެންޑީއެފް)ގެ އިންފޮމޭޝަން އޮފިސަރު ކެޕްޓަން ހަނާ މުހައްމަދު "ސަން"އަށް ވިދާޅުވީ ދިވެހި ސިފައިންގެ ތެރެއިން ގިނަ އަދަދެއްގެ ސިފައިން މިވަގުތު ވެސް އިންޑިއާގައި ތިބޭނެ ކަމަށެވެ. އަދި ވިދާޅުވީ އޭގެ ތެރޭގައި ހިމެނެނީ އެކިއެކި ތަމްރީނުތައް ފުރިހަމަ ކުރާން ގޮސް ތިބި ސިފައިން ކަމަށެވެ.
"އިންޑިއާގައި ވަރަށް ގިނަ އަދަދެއްގެ ސިފައިން މިވަގުތު ވެސް ތިބޭނެ. އެއީ ޓްރެއިނިންތަކާއި ތަމްރީނުތައް ހަދާ ސިފައިންނާއި ބޭސްފަރުވާ ކުރަން ގޮސް ތިބި ސިފައިން. އެކަން ނިމުމުން އެމީހުން އެނބުރި ގައުމަށް އަންނާނެ. އެމީހުންގެ އަތުގައި އެއްވެސް ހަތިޔާރެއް ނުހުންނާނެ،" ހަނާ ވިދާޅުވިއެވެ.
ކުރީގެ ހޯމް މިނިސްޓަރު، އުމަރު ނަސީރު "ސަން"އަށް ވިދާޅުވެފައިވަނީ އިންޑިއާ މަސައްކަތް ކުރާނީ އެއް ގޮތަކުން ނުވިއްޔާ އަނެއް ގޮތަކުން ނަމަވެސް ރާއްޖޭގައި ތިބެން ކަމަށެވެ. އެހެންކަމުން ފައިސާއިން ނުވެއްޖެ ނަމަ ބިރު ދައްކައިގެން ނަމަވެސް މި ތަނުގައި ތިބެވޭތޯ އެ މީހުން މަސައްކަތް ކުރާނެ ކަމަށް ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ ޔޫޓީއެފްގައި ހިމެނޭ ހާބަރު ނިމުމުން، މަރާމާތު ކުރުމުގެ ނަމުގައި ހަތަރު ފަސް މަނަވަރު އެތަނުގައި ނޯންނަ އިރެއް ނުދާނެ ކަމަށެވެ.
އެހެންކަމުން އެތަނުގައި ތިބޭ ސިފައިން ބޭނުން ވެއްޖެ ކޮންމެ ވަގުތަކުވެސް ރާއްޖެއަށް ހަމަލާއެއްދީ، ވެރިކަމުގެ ތެރެއަށް އަތްބާނާ، އަދި މިނިވަންކަން ފޭރި ގަންނަން މިހާރު ވެސް އެ އޮތީ ފުރުސަތު ދީފައި ކަމަށް އުމަރު ވިދާޅުވިއެވެ.