އިންޑިއާ ސިފައިން ބޭރު ކުރެވޭނީ ޖެހިލުންކުޑަ، ވަރަށް ގަޓުހުރި ވެރިއަކަށް: އުމަރު

ކުރީގެ ހޯމް މިނިސްޓަރު، އުމަރު ނަސީރު -- ފޮޓޯ/ ސަން

ރާއްޖޭގައި ތިބި އިންޑިއާގެ އަސްކަރިއްޔާ ބޭރު ކުރުމަކީ އާދައިގެ ގޮތަކަށް ކުރެވޭނެ ކަމެއް ނޫން ކަމަށާއި އެކަން ކުރެވޭނީ ވަރަށް ޖެހިލުން ކުޑަ އަދި ހިތްވަރު ގަދަ ވެރިއަކަށް ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

"ސަން"އަށް ދެއްވި އިންޓަވިއުއެއްގައި އުމަރު ވިދާޅުވީ މަލްޓި ޑިމޮކްރެސީއެއްގެ ތެރެއިން ރާއްޖޭގެ ވެރިކަމަށް އައި އެއްވެސް ވެރިއަކަށް އިންޑިއާ ސިފައިން ނުބޭލުނު ކަމަށާއި އޭގެ ބަދަލުގައި އިންޑިއާ ސިފައިން ވީ ރާއްޖޭގައި އިތުރު ކަމަށެވެ.

"އިންޑިއާ ސިފައިން ބޭލުމުގެ ވިސްނުމާ، ހިތްވަރާ، ގަޓާ އެ ވެރިންގެ ކިބައިގައި ހަމަ ނެތީ. ގަޓް ހުރި ނަމަ މިހާރު އިންޑިއާ ސިފައިނެއް މި ގައުމުގައި ނުތިބޭނެ. ދެހާސް ދިހަ ވަނަ އަހަރު އިންޑިއާ ސިފައިން އައީ. ނަޝީދު އަކަށް ނުވި. ވަހީދުއަކަށް ނުވި. ޔާމީނުއަކަށް ނުވި. ސޯލިހު އަކަށް ނުވި،" އުމަރު ވިދާޅުވިއެވެ.

އިންޑިއާއެކު ހަދާފައިވާ އެއްބަސްވުންތަކާއިބެހޭ ގޮތުން އުމަރު ވިދާޅުވީ ޔޫޓީއެފް އެއްބަސްވުން ކަހަލަ ބައެއް އެއްބަސްވުންތައް މިހާރު ވެސް ތަންފީޒު ކުރަމުން ދާ ކަމަށެވެ.

އުމަރު ވިދާޅުވީ ޔޫޓީއެފްގައި އޮތް އިތުރު ނުރައްކަލަކީ އެ އެއްބަސްވުމުގެ ދަށުން ހަދާ ހާބަރު ނިމުމުން އެ ތަނަށް ބަނދަރުކޮށްފައި އޮންނަ ކޮންމެ މަނަވަރެއްގައި ވެސް ހަތިޔާރު ހުރުން ކަމަށެވެ.

"އެ ދަނީ ޔޫޓީއެފް ކަހަލަ ބައެއް އެއްބަސްވުންތައް ތަންފީޒުވަމުން. އޭގެ މާނައަކީ އެމީހުންގެ ސިފައިން އެ ތިބީ. އެމީހުންގެ އުޅަނދުފަހަރު އެ ހުރީ ރާއްޖޭގައި. ޔޫޓީއެފްގެ އޮތް އިތުރު ނުރައްކަލަކީ އެމީހުންގެ ހާބަރު އެ ތަނުގައި ހެދުނީމަ އެމީހުންގެ ހަތިޔާރު އެތަނުގައި އަބަދުވެސް ހުންނާނެ. ސަބަބަކީ އެތަނަށް ކައިރި ކޮށްފައި އޮންނަ ކޮންމެ މަނަވަރެއްގައި އާމަރީއެއް ހުންނާނެ،" އުމަރު ވިދާޅުވިއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަ ކުރައްވާނެކަން އިއުލާނު ކުރައްވާފައިވާ އުމަރު ވިދާޅުވީ ޔޫޓީއެފްގައި ހިމެނޭ ހާބަރު ނިމުމުން، މަރާމާތު ކުރުމުގެ ނަމުގައި ހަތަރު ފަސް މަނަވަރު އެތަނުގައި ނޯންނަ އިރެއް ނުދާނެ ކަމަށެވެ.

އެހެންކަމުން އެތަނުގައި ތިބޭ ސިފައިން ބޭނުން ވެއްޖެ ކޮންމެ ވަގުތަކުވެސް ރާއްޖެއަށް ހަމަލާއެއްދީ، ވެރިކަމުގެ ތެރެއަށް އަތްބާނާ، އަދި މިނިވަންކަން ފޭރި ގަންނަން މިހާރު ވެސް އެ އޮތީ ފުރުސަތު ދީފައި ކަމަށް އުމަރު ވިދާޅުވިއެވެ.

"އަބަދުވެސް މަރާމާތު ކުރުމުގެ ނަމުގައި ތި ޔޫޓީއެފް ތެރޭގައި ހަތަރު ފަސް މަނަވަރު ނޯންނަ އިރެއް ނުދާނެ. އެހެންވީމަ އެހިސާބުން ހުރިހާ ކޮންޕޮނެންޓެއް އެ ހަމަވީ. އެ މީހުން ބޭނުން ގަޑިއެއްގަ ހަމަލާއެއް ދީ ވެރިކަމުގެ ތެރެއަށް އަތް ބާނާ މިނިވަންކަން ދަމައިގަންނަން މިހާރު ވެސް އެ އޮތީ ފުރުސަތު ދެވިފަ،" އުމަރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އިންޑިއާ ސިފައިން މި ގައުމުން ބާލަން ބޭނުންވާ ނަމަ ވެރިކަމަށް ގެންނަންޖެހޭނީ ފައިސާގައި ނުހިފާ ކަހަލަ، ހިތްވަރު ގަދަ، ކެރޭ އަދި ނަޒާހަތްތެރި ވެރިއެއް ކަމަށެވެ.

އުމަރު ވިދާޅުވީ އިންޑިއާ މަސައްކަތް ކުރާނީ އެއް ގޮތަކުން ނުވިއްޔާ އަނެއް ގޮތަކުން ނަމަވެސް ރާއްޖޭގައި ތިބެން ކަމަށެވެ. އެހެންކަމުން ފައިސާއިން ނުވެއްޖެ ނަމަ ބިރު ދައްކައިގެން ނަމަވެސް މި ތަނުގައި ތިބެވޭތޯ އެ މީހުން މަސައްކަތް ކުރާނެ ކަމަށް އުމަރު ވިދާޅުވިއެވެ.

"ސިފައިން ތިބުމަށް ވެރިމީހާއަށް ދޭންޖެހޭ އަދަކަށް ފައިސާ ވެސް ދޭ ގޮތަށް އެމީހުން ތިބޭނީ. ބިރު ދައްކަންޖެހޭ ހާލަތުގައި ބިރު ވެސް ދައްކާ ގޮތަށް ތިބޭނީ. އެހެންވީމަ އިންޑިއާ ސިފައި ބާލަން ދިވެހީން އެދޭ ނަމަ ދިވެހީން ގެންނަންޖެހޭނީ ޖެހިލުން ކުޑަ ހިތްވަރުގަދަ އަދި ފައިސާގައި ނުހިފާނެ ފައިސާއަށް ހެއްލިގެން ނުދާވަރުގެ ވެރިއެއް،" އުމަރު ވިދާޅުވިއެވެ.

ރާއްޖޭގައި ތިބި އިންޑިއާގެ އަސްކަރިއްޔާއާ ދެކޮޅަށް، ކުރީގެ ރައީސް ޔާމީންގެ އިސް ނެންގެވުމަކަށް ކުރިއަށް ގެންދާ "އިންޑިއާ އުއުޓް" ކެމްޕެއިން އަތޮޅު ތެރޭގައި ވެސް އިތުރަށް ފުޅާ ކުރުމުގެ މަސައްކަތް މިހާރު ވަނީ ފައްޓާފައެވެ.

އިންޑިއާގެ މިލިޓަރީ ސިފައިން މި ގައުމުގައި ތިބުމާ ދެކޮޅަށް ގިނަ ގިނަ ބަޔަކު އަޑު އުފުލަމުން އަންނައިރު، ރައީސް ނަޝީދު އާއި ސަރުކާރުގެ ބައެއް ބޭފުޅުން ގެންދަވަނީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބުން ދިފާއު ކުރައްވައި ވާހަކަ ދައްކަވަމުންނެވެ.

comment ކޮމެންޓް