އިސްރާއިލުން ދިން މިިސައިލު ހަމަލާއެއްގައި ސީރިއާގެ ސިފައިންގެ މީހަކު މަރުވެއްޖެވެ.
ސީރިއާގެ ދައުލަތުގެ މީޑިއާއިން ރިޕޯޓްކޮށްފައި ވާގޮތުގައި ބުދަ ދުވަހުގެ ވަގުތެއްގައި އިސްރާއިލު ސިފައިން ވަނީ ސީރިއާގެ ގޯލާންގެ ދެކުނުގެ ސަރަހައްދަށް އަމާޒުކޮށް މިސައިލް ހަމަލާތަކެއް ދީފައެވެ. ނަމަވެސް ސީރިއާގެ ދިފާއީ ބާރުން ވަނީ ގިނަ މިސައިލްތައް ވައިގެ ތެރޭގައި ގޮއްވާލާފައި ކަމަށްވެސް އެ މީޑިއާއިން ރިޕޯޓުކުރިއެވެ.
އެ ހަމަލާތަކުގެ ސަބަބުން ސީރިއާގެ ސިފައިންގެ މީހަކު މަރުވުމުގެ އިތުރުން ތަކެއްޗައް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށް ދައުލަތުގެ މީޑިއާއިން ބުންޏެވެ.
ސީރިއާގައި 2011 ވަނަ އަހަރު ދާހިލީ ހަނގުރާމައެއް ފެށުނު ފަހުން އިސްރާއިލުން ވަނީ ސިރިއާގެ އިހުތިސޯސް ހިނގާ ސަރަހައްދުތަކަށް އެތައް ސަތޭކަ ވައިގެ ހަަމަލާތައް ދީފައެވެ. ނަމަވެސް އެ ހަމަލާތަކުގެ ޒިންމާ އެގައުމުން ނަގައިފައި ވަނީ ވަރަށް މަދު ފަހަރެއްގައެވެ.
އެގޮތުން މި މަހުގެ ކުރީކޮޅު އިސްރާއީލް ސިފައިން ސީރިއާގެ ލަޓާކިއާ ޕޯޓް ސަރަހައްދަށް ދިން ހަމަލާއެއްގައި އެއްވެސް މީހަކަށް އަނިޔާ ނުވި ނަމަވެސް، ބަނދަރުގައި ބަހައްޓާފައި ހުރި ކޮންޓެއިނާތަކަކަށް ގެއްލުންވިއެވެ. އެ ބަނދަރަކީ ބޭރު ގައުމުތަކުން ސީރިއާއަށް ގެންދާ ގިނަ މުދާ އެތެރެ ކުރުމަށް މުހިންމު ބަނދަރެކެވެ.
މީގެ އިތުރުން މިދިޔަ މަހުގެ ފަހުކޮޅު އިސްރާއިލުން ސީރިއާގެ ހޮމްސް ޕްރޮވިންސަށް ދިން ހަމަލާއެއްގައި ފަސް މީހަކު މަރުވިއެވެ.
ސީރިއާގެ 10 އަހަރުވީ ދާހިލީ ހަނގުރާމައިގައި މަރުވި މީހުންގެ އަދަދު ތިން ލައްކައަށް ވުރެ އިތުރުވެފައިވާ ކަމަށް މިދިޔަ ސެޕްޓެމްބަރު މަހު އދ.އިން ވަނީ ބުނެފައެވެ.