ށ. ކޮމަންޑޫ ދާއިރާގެ މެންބަރު ހުސައިން ވަހީދު މިދިޔަ ހޯމަ ދުވަހުގެ ރޭ އަވަހާރަވުމާ ގުޅިގެން އެ ދާއިރާގެ ބައި އިލެކްޝަން އަންނަ ފެބްރުއަރީ މަހުގެ ފަހެއްގައި ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވަނީ އެކަން ކަށަވަރުކޮށްދެއްވާފައެވެ.
https://twitter.com/IsmailHabeeb/status/1471061494372573199
ހުސައިން ވަހީދު އަވަހާރަވީ އޭޑީކޭ ހޮސްޕިޓަލްގައި ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ދަނިކޮށް ހޯމަ ދުވަހުގެ ރޭ 1:25 ހާއިރެވެ.
ހުސައިން ވަހީދު ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވާތާ ގާތްގަނޑަކަށް އަހަރެއްވެއްޖެއެވެ.
އޭނާ އަވަހާރަވިއިރު، އަނތްބަކާއި ތިން ބޭފުޅުން ދުނިޔޭގައި އެބަތިއްބެވިއެވެ.
ފޯކައިދުއަށް ނިސްބަތްވެވަޑައިގަންނަވާ ހުސައިން ވަހީދު އެންމެ ފުރަތަމަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކުރެއްވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައެވެ. އަދި ދެވަނަ ދައުރަކަށް މަޖިލީހަށް އިންތިޚާބުވެވަޑައިގަތީ ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައެވެ.