އާޝިގީގެ ނަމުގައި ނެރޭ ތިން ވަނަ ފިލްމު ބެލުންތެރިންނާ ހަމައަށް އަންނަނީ ކަމަށް ބުނެ މީގެ ދުވަސްކޮޅެއް ކުރިން މީޑިއާގައި އެތައް ވާހަކަތަކެއް ވަނީ ދެކެވިފަައެވެ. ނަމަވެސް އެ ވާހަކަތަކުގައި އެއްވެސް ހަގީގަތެއް ނެތްކަން މިހާރު ވަނީ ފަޅާއަރާފައެވެ.
އެތައް ރިޕޯޓުތަކަކުން ފެނިގެން ދިޔަ ފަލަ ސުރުހީތަކުގައިވާ ގޮތުން އާޝިގީ ތިނެއްގެ މަސައްކަތްތައް ކުރިއަށްދާކަމަށާއި ބެލުންތެރިންނާ ހަމައަށް ވަރަށް އަވަހަށް ފިލްމް ނެރޭނެކަމަށް ބުނެފައިވެއެވެ. އަދި އާޝިގީގެ ސަފުހާތަކުން ސިދާތް މަލޯތުރާއާއި ވަރުން ދަވަން ފަދަ ތަރިންނަށް ޖާގަ ނުލިބިފައިވާއިރު އެއިރު ދެކެވުނު ވާހަކަތަކަށް ބަލާއިރު އާޝިގީ ތިނެކުން ފެނިގެންދާނީ ބޮލީވުޑްގެ ތަރި ސުނިލް ޝެޓީގެ ދަރިފުޅު އާހަންއެވެ. ވީއިރު މިހާ ހިސާބަށް ވާހަކަތައް ގޮސްފައިވާއިރު ބެލުންތެރިންގެ މެދުގައި އާޝިގީ ތިނެކާ މެދު ވަނީ އެތައް ސުވާލުތަކެއް އުފެދިފައެވެ.
ބޮލީވުޑްގެ މަޝްހޫރު ޕްރޮޑިއުސަރު މަހޭޝް ބަޓް އިންޑިއާގެ އީޓައިމްސްއަށް ދިން އިންޓަވިއުއެއްގައި އޭނާ ވަނީ އާޝިގީ ތިނެކާ ބެހޭގޮތުން މީޑިއާގައި ދެކެވުނު ވާހަކަތަކަށް އަލިއަޅުވާލައި އެކަމަށް ރައްދު ދީފައެވެ. މަހޭޝް ބުނެފައިވާ ގޮތުން އާޝިގީގެ ތިން ވަނަ ބައެއް އުފެއްދުމަށް އަދި އެއްވެސް ވަރަކަށް ތަައްޔާރުނުވެއެވެ. އޭނާ ބުނެފައިވަނީ އާޝިގީ ތިނެއް އުފެއްދުމުގެ އެއްވެސް ޕްލޭނެއް އަދި ނެތްކަމަށެވެ. އަދި އިންޑަސްޓްރީން ފާހަގަކުރާ މޮޅު ފިލްމެއް ތައްޔާރުކުރާނަމަ ވާހަކައާއި ސްކްރިޕްޓް ބޭނުންވާނެ ކަމަށާއި އެފަދަ އެއްވެސް ތައްޔާރީއެއް ނުވާކަމަށް އޭނާ ބުނެފައިވެއެވެ.
އާޝިގީގެ ފުރަތަމަ ފިލްމުން ފެނިގެން ދިޔައީ ރާހުލް ރޯއީއާއި އަނޫ އަގަރްވާލެވެ. މި ފިލްމް 1990 ވަނަ އަހަރު ނެރެފައިވާއިރު ބެލުންތެރިންގެ ބޮޑު ތަރުހީބެއް މި ފިލްމަށް ލިބިފައިވެއެވެ. އަދި ފިލްމް ޑައިރެކްޓް ކޮށްފައިވަނީ މަހޭޝް ބަޓެވެ.
އާޝިގީ ދޭއް 2013 ވަނަ އަހަރު ބެލުންތެރިންނާ ހަމައަށް ނެރެފައިވާއިރު ފިލްމުން ފެނިގެން ގޮސްފައިވަނީ އަދިތުޔާ ރޯއީއާއި ޝްރައްދާ ކަޕޫރެވެ. މި ފިލްމަށާއި ފިލްމްގެ ލަވަތަކަށް ބޮޑު ތަރުހީބެއް ލިބިފައިވާއިރު ފިލްމް ޑައިރެކްޓްކޮށްފައިވަނީ މޯހިތު ސޫރީއެވެ. އާޝިގީ ތިނެކުން ފެނިގެންދާނެ ތަރިއަކާ މެދު ސުވާލު އުފެދޭއިރު ތިން ވަނަ ބައެއް ނެރޭނެ ކަމާމެދުވެސް މިހާރު ވަނީ ސުވާލު އުފެދިފައެވެ.