ދައުރުން ބޭރުން ޖަލްސާއެއް ބާއްވަން އެމްޑީޕީން ހުށަހަޅަނީ

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން --- ފޮޓޯ/ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުން ޖަލްސާއެއް ބާއްވައިދިނުމަށް، މަޖިލީހުގެ ސެކްރެޓޭރިއަޓަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އިން ހުށަހަޅަން ނިންމައިފިއެވެ.

އެމްޑީޕީ ޕާލިމެންޓަރީ ގުރޫޕުގެ ލީޑަރު އަލީ އާޒިމް މިރޭ ކުރެއްވި ޓްވީޓެއްގައި މިކަން ވަނީ ހާމަކުރައްވައިފައެވެ.

އާޒިމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 45 ވަނަ މާއްދާގެ ދަށުން، އާންމު ޖަލްސާތަކުގެ ބޭރުން ޖަލްސާއެއް ބޭއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް ހުށަހަޅަން ނިންމައިފައިވާ ކަމަށެވެ. އެހެންނަމަވެސް އިތުރު ތަފްސީލެއް އާޒިމް ހާމައެއްނުކުރައްވައެވެ.

ދައުރުން ބޭރުން ޖަލްސާއެއް ބޭއްވުމާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) "ސަން"އަށް ވިދާޅުވީ މަޖިލިސް ދައުރު ނިމި، ޗުއްޓީއަށް ދިޔައިރު ކޮންމެހެން ނިންމަން ޖެހޭ ބައެއް ކަންކަން ނުނިމި ހުރި ކަމަށެވެ.

"ކޮންމެހެން ވެސް ނިންމަންޖެހޭ ބައެއް ކަންކަން އެބަހުރި ނުނިމި، އޭސީސީގެ މައްސަލަތައް ވެސް އެބަޖެހޭ ހައްލުކުރަން،" ބޮންޑޭ ވިދާޅުވިއެވެ.

ބޮންޑޭ ވިދާޅުވީ ދައުރުން ބޭރު ޖަލްސާއާ ގުޅޭ ކަންކަން ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ކޮށް ނިންމާނެ ކަމަށެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ހުރިހާ މެންބަރުން ވަކިކުރުމުގެ މަރުހަލާތައް ފަށަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ވަނީ މިދިޔަ ހަފްތާގެ ތެރޭގައި ފާސްކޮށްފައެވެ.

އެ ކޮމިޓީން އެގޮތަށް ފާސްކުރީ، އޭސީސީގެ މަސައްކަތް ބޭނުންވާ ސްޕީޑުގައި ކުރިއަށް ނުދާކަން ފާހަގަކޮށް، ކޮމިޓީއަށް ފެންނަ ނަމަ އޭސީސީގެ މެންބަރުން މަގާމުން ވަކިކުރުމުގެ މަރުހަލާތައް ފަށަން މިދިޔަ ނޮވެމްބަރު މަހު ނިންމި ފަހުންނެވެ.

އޭސީސީގެ މެމްބަރުން މަގާމުން ވަކިކުރުމާ ގުޅޭގޮތުން ގޮތެއް ނިންމުމުގައި އެ ކޮމިޝަނުގެ ޕާފޯމަންސް އޮޑިޓުން ފާހަގަވި ކަންކަމަށް ރިއާޔަތްކުރާނެއެވެ. އެ ކޮމިޝަނަށް ހުށަހެޅިފައިވާ 16،000 އަށްވުރެ ގިނަ މައްސަލަ ނުބެލި ހުރިކަން އޮޑިޓުން ވަނީ ފާހަގަވެފައެވެ.

comment ކޮމެންޓް