ރިޔާސީ އިންތިހާބުން ބަލިވެއްޖެކަން ގައިމުވި ވަގުތުން ފަށައިގެން އޭނާ ހައްޔަރު ކުރުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ޖެއްސެވި މަޅިތަކުގައި ނުޖެހި ސަލާމަތްވީ ހަމަ ކިރިޔާ ކަމަށް، އިލެކްޝަން ކޮމިޝަންގެ ކުރީގެ ރައީސް އަހްމަދު ޝަރީފް (އީސީ ޝަރީފް) ވިދާޅުވެއްޖެއެވެ.
ޝަރީފް މިހެން ވިދާޅުވީ އޭނާގެ ސިޔާސީ ހަޔާތުގައި ކުރިމަތިވި ގޮންޖެހުންތަކާއި ބިރުވެރިކަމުގެ ވާހަކަ "ސަން"އާ ހިއްސާ ކުރައްވަމުންނެވެ.
އޭނާ ވިދާޅުވީ އިލެކްޝަން ކޮމިޝަންގެ މެންބަރުކަމަށް އައްޔަނު ކުރި ދުވަހާ ހަމައަށް، އޭނާއަކީ ރައީސް ޔާމީން، އެންމެ އިތުބާރު ކުރައްވައި އެކުވެރީންގެ ތެރޭގައި ހިމެނޭ އެކަކު ކަމަށެވެ. އަދި ވިދާޅުވީ ރިޔާސީ އިންތިހާބާ ހަމައަށް ވެސް ދެ މީހުންގެ މެދުގައި އޮތް ބަދަހި ގުޅުން ހަމަ އެގޮތުގައި ދެމި އޮތް ކަމަށެވެ.
ދެހާސް ސޯޅަ ވަނަ އަހަރުން ފަށައިގެން ޝަރީފް ގެންދަވަނީ ރައީސް ޔާމީންގެ އެންމެ އަރިސް ބޭފުޅެއްގެ ގޮތުން މަސައްކަތް ކުރައްވަމުންނެވެ.
ރައީސް ޔާމީން އުފެއްދެވި ޕީޕަލްސް އެލަޔަންސް (ޕީއޭ)ގައި ޝަރީފް ވަނީ މުހިއްމު މަސައްކަތްތަކެއް ކުރައްވާފައެވެ. މީގެ އިތުރުން ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އުފެއްދުމުގެ މަސައްކަތްތަކުގައި ވެސް ޝަރީފްގެ ހިއްސާ ބޮޑެވެ.
ޔާމީނާއެކު ސިޔާސީ މަސައްކަތް ކުރެއްވުން ހުއްޓަވާލެއްވީ އިލެކްޝަން ކޮމިޝަންގެ މެންބަރުކަމަށް ޝަރީފް އައްޔަނު ކުރި ދުވަހުން ފަށައިގެންނެވެ.
އިލެކްޝަން ކޮމިޝަންގެ މެމްބަރުކަމަށް ޝަރީފް އައްޔަން ކުރީ 2018 ވަނަ އަހަރުގެ ތެރޭގައެވެ. އަދި ކޮމިޝަންގެ ރައީސް ކަމަށް ހޮވީ ވެސް ހަމަ އެ އަހަރުގެ ތެރޭގައެވެ.
ޝަރީފް ވިދާޅުވީ އެ ދުވަސްވަރު، އޭނާ އަކީ ރައީސް ޔާމީންގެ ސިޔާސީ ގިނަ މަސައްކަތްތަކުގައި އެންމެ މުހިއްމު އެއް ބައިވެރިޔާ ކަމަށެވެ.
އެގޮތުން އެއިރު، ޔާމީންގެ ގިނަ ޕްލޭންތަކެއް ތަންފީޒު ކުރައްވަނީ ވެސް އޭނާ ކަމަށް ވިދާޅުވިއެވެ. އަދި ވިދާޅުވީ އެހެންކަމުން އެމަނިކުފާނު އަޅުއްވައި ކޮންމެ ފިޔަވަޅެއް، އަދި ވަޑައިގަންނަވާ ކޮންމެ ތަނެއް ވެސް އެންމެ ފުރަތަމަ އެނގޭނޭ އެކަކަކީ އޭނާ ކަމުގައިވާނެ ކަމަށެވެ.
އޭނާ ވިދާޅުވީ ރިޔާސީ އިންތިހާބުން ބަލިވެއްޖެކަން ގައިމުވި، ވަގުތުން ފަށައިގެން ރައީސް ޔާމީން އާއި އޭނާއާ މެދުގައި އޮތް އެކުވެރި ކަމަށް ބުރޫ އަރައި އެ ގުޅުން ހަސަދަވެރިކަމަކަށް ބަދަލުވެއްޖެ ކަމަށެވެ. އަދި ވިދާޅުވީ އެއަށްފަހު، ރައީސް ޔާމީން މަސައްކަތް ކުރެއްވީ އެއްގޮތަކުން ނުވިއްޔާ، އަނެއް ގޮތެއް ހަދައިގެން ވިޔަސް އޭނާއަށް ކޮންމެ ވެސް ކަހަލަ ލަގާއެއް ދެއްވަން ކަމަށެވެ.
ޝަރީފް ވިދާޅުވީ އޭނާ ހައްޔަރު ކުރުމަށް ޓަކައި ކޮމިޝަންގައި ތިއްބެވި މެންބަރުންގެ އެކައުންޓު ތަކަށް ފައިސާ ޖަމާ ކުރަން ވެސް ޔާމީން މަސައްކަތް ކުރެއްވި ކަމަށެވެ.
"އަޅުގަނޑު ހައްޔަރު ކުރަން ޔާމީން ވަރަށް މަސައްކަތް ކުރެއްވި. މެންބަރުންގެ އެކައުންޓަށް ފައިސާ ޖަމާ ކުރުމަށް ވެސް މަސައްކަތް ކުރެއްވި. އަޅުގަނޑާ ދެކޮޅަށް ކޮމިޝަންގެ މެންމަބަރުން ލައްވައި ބަޔާން ހޯދަން ވެގެން އެ މީހުންނަށް ޕްރެޝަރުކޮށް، ރިޝްވަތު ހުށަހަޅައި މި ހުރިހާ ކަމެއް ވެސް ކުރެއްވި. ޔާމީން ޖެއްސެވި އެ ހުރިހާ މަޅި ތަކުން ސަލާމަތްވީ ވަރަށް ވިސްނުންތެރިކަމާއެކީ މަސައްކަތް ކޮށްގެން،" ޝަރީފް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ދެމީހުންގެ މެދުގައި އޮތް ވަރުގަދަ ގުޅުމުގައި ރެނދު އެޅީ އެންމެ ފަޅި ސިކުންތެއްގެ ތެރޭގައި ކަމަށާއި އެގޮތުން ރިޔާސީ އިންތިހާބާ ގުޅުވައިގެން ރައީސް ޔާމީންގެ މަސައްކަތަކަށްވީ އެނާގެ އަބުރު ކަތިލައި، މުޅިދުނިޔޭގެ ކުރިމަތީގައި ބޭޒާރު ކުރުމަށް ކަމަށެވެ.
ޕީޕީއެމް އުފެއްދުމުގެ މަސައްކަތުގައި ޝަރީފުގެ ހިއްސާއާ ބެހޭގޮތުން ޝަރީފް ވިދާޅުވީ އެ ޕާޓީ އުފެއްދުމުގެ މޭސްތިރިއަކީ އޭނާ ކަމަށެވެ. އަދި ވިދާޅުވީ ޕާޓީ އުފެއްދުމަށްފަހު، މަޖިލީހުގައި ރެޖިސްޓާ ކުރާން ބެލިއިރު، ޕާޓީގެ ނަމުގައި އެއްވެސް މެންބަރަކު މަޖިލީހުގައި އެވަގުތަކު ނެތް ކަމަށެވެ.
އެހެންކަމުން 2012 ވަނަ އަހަރު ބޭއްވި ތިމަރަފުށީ ދާއިރާގެ ގޮނޑީގެ ބައި އިލެކްޝަންގައި ޕީޕީއެމްގެ ޓިކެޓްގައި ވާދަ ކުރައްވައިގެން އެ ގޮނޑި ކާމިޔާބު ކުރެއްވި ކަމަށެވެ.
"ޕީޕީއެމް އުފެއްދުމުގައި އެންމެ މުހިއްމު ދައުރެއް އަދާކުރީ އަޅުގަނޑު. ނަޝީދުގެ ވެރިކަމުގެ ދުވަސްވަރު ވީމަ ޕާޓީ އުފައްދަން އުނދަގޫ ވެދާނެތީވެ ޔާމީންގެ މަޝްވަރާގެ މަތީން އިލެކްޝަން ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލަކަށް ވަދެފައި ގާނޫނީ ތަރަހައިގެ ތެރެއިން ޕާޓީ އުފެއްދުމުގެ ކަންކަން ނިންމީ،" ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ އޭނާ އަކީ ރައްޔިތުންގެ މަޖިލީހަށް އިންތިހާބު ކުރި އެންމެ ފުރަތަމަ ޕީޕީއެމްގެ މެންބަރު ކަމަށާއި ނަމަވެސް ރައީސް ޔާމީނަށް އެވަރު ނޭނގުނީތީ ހިތާމަ ކުރައްވައި ކަމަށެވެ.
"ޕާޓީގެ ނަން މަޖިލީހުގެ ރެޖިސްޓާ ކުރަން ބެލިއިރު ޕާޓީގެ ނަމުގައި މެންބަރަކު ހޮވާފައެއް ނެތް. ކަން ދިމާވި ގޮތުން ތިމަރަފުށީ ދާއިރާގެ ގޮނޑި ހުސްވީމަ ޕީޕީއެމުން މަސައްކަތް ކޮށްގެން އަޅުގަނޑު އެ ދާއިރާއަށް ހޮވީ. އަޅުގަނޑަކީ އެންމެ ފުރަތަމަ އިންތިހާބުވި މަޖިލީސް މެންބަރު. ރައީސް ޔާމީންނަށް ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރުކަން މަޖިލީހުން ކަނޑައެޅީ ވެސް އަޅުގަނޑު ސޮއި ކޮށްގެން އަޅުގަނޑުގެ ސޮޔާ އެކީގައި،" ޝަރީފް ވިދާޅުވިއެވެ.
ރިޔާސީ އިންތިހާބުގެ ނަތީޖާއާ ގުޅޭގޮތުން ޝަރީފް ވިދާޅުވީ ރިޔާސީ އިންތިހާބުން ވަކި މީހަކު ބަލި ކުރުމަށް ނުވަތަ ވަކި މީހެއްގެ ކޮޅަށް ނަތީޖާ އަނބުރާލުމަށް ޓަކައި އެއްވެސް ކަމެއް ކުރައްވާފައި ނުވާނެ ކަމަށެވެ. އަދި ވިދާޅުވީ އެވާހަކަތައް ރައީސް ޔާމީންގެ އަރިހުގައި ވެސް ތަކުރާކުކޮށް ދަންނެވި ކަމަށެވެ.
އޭނާ ވިދާޅުވީ ރައީސް ޔާމީނަކީ ވަރަށް ވިސްނުންތޫނު، އަދި އެހާމެ ބުއްދިވެރި ބޭފުޅެއް ކަމަށެވެ. އެހެންކަމުން ރިޔާސީ އިންތިހާބުން ހަމަ ހަގީގަތުގައި ވެސް ބަލިވީކަން ރައީސް ޔާމީންނަށް އެނގޭނެ ކަމަށެވެ. ނަމަވެސް ކޮންމެވެސް ސަބަބަކާހުރެ، އެކަމާ އެއްބަސްވާން ބޭނުން ނުވަނީ ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.
"ކޮމިޝަންގައި ހުރިއިރުވެސް ދަންނަވާފަ ވާނެ ރައީސް ޔާމީން އިންތިހާބުން ބަލިކުރުމަށް ޓަކައި ނުވަތަ ރައީސް ސޯލިހް އިންތިހާބުން މޮޅު ކުރުމަށް ވަކި ފޭވާ އެއް އިބޫ [ރައީސް އިބްރާހިމް މުހައްމަދު ސޯލިހު] އަށް ކޮށްފަ ރައީސް ޔާމީނަށް ނުކޮށެއް ނޯންނާނެ. އެހެންވީމަ ކަނޑައެޅިގެން އަޅުގަނޑު ނައްތާލަން ޔާމީން މަސައްކަތް ކުރެއްވީ. އެހެންވީމަ ކަންތައް އެ ކުރެއްވި ގޮތުން ޔާމީނާއެކު މަސައްކަތް ކުރުމުގެ އެއްވެސް ވިސްނުމެއް ނެތް،" ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ އެ ހުރިހާ ކަމަކާހުރެ، އޭނާ ވަނީ ޕީޕީއެމްގެ ތާރީހާއި އަދި ރައީސް ޔާމީންގެ ސިޔާސީ ހަޔާތާ ވެސް ގުޅިލާމެހިފައި ކަމަށެވެ. އެހެނަސް ޔާމީން އެ ކަންތައް ކުރެއްވި ގޮތުން ދެމީހުން އެކުގައި ސިޔާސީ އެއްވެސް މަސައްކަތެއް ކުރެއްވުމުގެ ވިސްނުމެއް ނެތް ކަމަށާއި ނަމަވެސް އެމަނިކުފާނަށް ދެރަގޮތެއް ވުމަކީ އޭނާ އެދޭ ގޮތެއް ނޫން ކަމަށެވެ.