އައްޑޫގެ އީކޯ ޓޫރިޒަމް މަޝްރޫއުތަކަށް އިންޑިއާއިން އިތުރު 11.4 މިލިއަން ރުފިޔާ ދީފި

އައްޑޫ ނޭޗާ ޕާކާއި އީދިގަލި ކިޅި މަތިން ނަގާފައިވާ ފޮޓޯއެއް-- ސަން ފޮޓޯ/ ފަޔާޒު މޫސާ

އިންޑިއާގެ އެހީއާއެކު އައްޑޫ ސިޓީގައި ހިންގުމަށް ހަމަޖެހިފައިވާ އީކޯ ޓްއަރިޒަމް "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް (އެޗްއައިސީޑީޕީ)" ގެ ފަސް މަޝްރޫއަކަށް ބޭނުންވާ ފައިސާގެ ތިންވަނަ އިންސްޓޯލްމަންޓް ހަވާލުކޮށްފިއެވެ.

އެ މަޝްރޫއުތަކަށް ބޭނުންވާ ފައިސާގެ ތިންވަނަ އިންސްޓޯލްމަންޓުގެ ގޮތުގައި 11.4 މިލިއަން ރުފިޔާ ވަނީ ހަވާލުކޮށްފައެވެ.

އެ މަޝްރޫއުތަކަށް އިންޑިއާއިން އެހީވުމާ ގުޅޭގޮތުން ދެ ގައުމުގެ ދެމެދުގައި އެއްބަސްވުމުގައި ސޮއިކުރީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ.

އެ އެއްބަސްވުމުގެ ދަށުން އައްޑޫ ސިޓީގެ ފޭދޫ، މީދޫ، ހިތަދޫ، ހުޅުދޫ އަދި މަރަދޫގައި އީކޯ ޓުއަރިޒަމްގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

އެ މަޝްރޫއުތަކަށް ބޭނުންވާ ފައިސާގެ ފުރަތަމަ ދެ އިންސްޓޯލްމަންޓްގެ ގޮތުގައި މިދިޔަ އަހަރުގެ ޖުލައި މަހު އަދި މިއަހަރުގެ މާޗް މަހުގައި ވެސް 11.4 މިލިއަން ރުފިޔާ ދިވެހި ސަރުކާރާ ވަނީ ހަވާލުކޮށްފައެވެ. އަދި ގްރާންޓުގެ ގޮތުގައި މިހާތަނަށް ޖުމުލަ 2.49 މިލިއަން ޑޮލަރު (38 މިލިއަން ރުފިޔާ) ހަމަޖައްސައިދީފައިވެއެވެ.

މި މަޝްރޫއުތަކުގެ ސަބަބުން އައްޑޫގައި އީކޯ ޓުއަރިޒަމް ފުޅާވުމުގެ އިތުރުން، ވަޒީފާގެ އިތުރު ފުރުސަތުތައް ވެސް ހުޅުވޭނެއެވެ.

އިންޑިއާ އެހީގެ ދަށުން މިހާރުވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަޝްރޫއުތައް ދަނީ ހިންގަމުންނެވެ. އޭގެ ތެރޭގައި ހިމެނެނީ؛

 • މަރަދޫ، ހިތަދޫ، ހުޅުދޫ އަދި ކެނދިކުޅުދޫގައި ހަތަރު ފިޝް ޕްރޮސެސިން ޕްލާންޓް އެޅުން
 • ހޯރަފުށީގައި ފެން ބަންދު ކުރާ ޕްލާންޓެއް އެޅުން
 • އައްޑޫ ސިޓީ ހުޅުދޫގައި ޑްރަގް ޑިޓޮކްސް ސެންޓަރެއް ގާއިމް ކުރުން
 • ހަނިމާދޫ އެގްރިކަލްޗަރަލް ރިސާޗް ސެންޓަރުގައި ސޮއިލް ޓެސްޓިން ލެބްއެއް ގާއިމު ކުރުން

ހަމައެއާއެކު އިތުރު އަށް މަޝްރޫއަކަށް ގްރާންޓްގެ ގޮތުގައި 70 މިލިއަން ރުފިޔާ ހަމަޖައްސައިދިނުމަށް ޓަކައި މިއަހަރުގެ އޮކްޓޫބަރު މަހު ވެސް އެމްއޯޔޫއެއްގައި ސޮއިކޮށްފައިވެއެވެ. އެ އެހީގެ ދަށުން ހިންގާ މަޝްރޫއުތަކުގެ ތެރޭގައި ހިމެނެނީ:

 • ތ. ތިމަރަފުށި އަދި ތ. ވޭމަންޑޫގައި މަގުބައްތި ހަރުކުރުން
 • ލ. މާބައިދޫގައި އައިސް ޕްލާންޓެއް ގާއިމު ކުރުން
 • އދ. ދަނގެތީގައި އިތުރު ކަލްޗަރަލް ސެންޓަރެއް އިމާރާތް ކުރުން
 • ނ. މިލަދޫގައި ކައުންސިލް އިދާރާގެ އިމާރާތް އެޅުން
 • ގދ. ތިނަދޫގެ އަބޫބަކުރު ސްކޫލާއި ލ. ގަން އިހައްދޫ ސްކޫލް އަދި ހއ. ދިއްދޫގެ އަތޮޅު ތައުލީމީ މަރުކަޒުގައި އިންކްލޫސިވް އެޑިއުކޭޝަން ސަޕޯޓިން ޔުނިޓްތަކެއް ގާއިމް ކުރުން
 • އެމްއެންޑީއެފްއަށް ބޭނުންވާ ސީ އެމްބިއުލާންސް ހޯދުން
 • މާލޭގެ އޮލިމްޕަސް ތިއޭޓަރު އަޕްގްރޭޑް ކުރުން

ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަނުން ބުނީ މި މަޝްރޫއުތައް ކަނޑައަޅާފައިވަނީ އެ ރަށެއްގެ ރައްޔިތުންގެ ބޭނުންތަކަށް ބިނާކޮށް، ސިޓީ އަދި ލޯކަލް ކައުންސިލްތަކުން ބަލަހައްޓައި، ހިންގާ ގޮތަށެވެ. އަދި އެ މަޝްރޫއުތަކަކީ ކައުންސިލްތަކުގެ ދައުރު ފުޅާވެ، ސަރުކާރުން ހިންގާ ލާމަރުޒު ކުރުމުގެ މަސައްކަތަށް އެއްބާރުލުމެއް ކަމުގައި ވާނެ ކަމަށް ވެސް ހައި ކޮމިޝަނުން ބުންޏެވެ.

comment ކޮމެންޓް