އަހަރެންގެ މޮޅުކަން ސާބިތުކޮށްދޭން ބެލަންޑޯ އެވޯޑެއް ބޭނުންމެއް ނުވޭ: އިބްރާހިމޯވިޗް

އިބްރާހިމޯވިޗް

އޭސީ މިލާނުގެ ތަރި ޒްލަޓަން އިބްރާހިމޯވިޗް އަކީ އެންމެ މޮޅު ކުޅުންތެރިޔާކަން ސާބިތުކޮށްދިނުމަށް ފްރާންސްގެ ފުޓުބޯޅަ މަޖައްލާއިން ހޮވާ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ދޭ ބެލަންޑޯ އެވޯޑު ބޭނުންނުވާ ކަމަށް އިބްރާހިމޮވިޗް ބުނެފިއެވެ.

ސްވިޑެން ގައުމީ ޓީމަށް ކުޅެމުން އަންނަ އެގައުމުގެ އެންމެ އިތުބާރު ހިފޭ ފޯވާޑް އިބްރާޙިމޯވިޗް ވަނީ އަޔަކްސްއާއި، އިންޓަމިލާނާއި އަދި ސްޕެއިންގެ ވަރުގަދަ ބާސެލޯނާއާއި، އޭސީ މިލާންގެ އިތުރުން ޕީއެސްޖީއަށް ކުޅެ އެޓީމުތައް ކުޅޭ މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައެވެ. ނަމަވެސް މިހާތަނަށް ބެލަންޑޯ އެވޯޑް އޭނާއަކަށް ލިބިފައެއް ނުވެއެވެ.

އުމުރުން 40 އަހަރުގައި ފުޓުބޯޅައިގައި ތަފާތު ދައްކަމުން އަންނަ އިބްރާޙިމޯވިޗް އޭނާގެ އާ ފޮތް ކަމަށްވާ "އެޑްރެނަލައިން" އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އިއްޔެ ބުނެފައިވަނީ ބެލަންޑޯ އަކީ ރަނގަޅު އެވޯޑެއް ކަމަށްވިޔަސް އޭނާ އަކީ އެންމެ މޮޅު ކުޅުންތެރިޔާކަން ސާބިތުކޮށްދިނުމަށް އެ އެވޯޑު ބޭނުންނުވާ ކަމަށެވެ.

"ބެލަންޑޯ އަކީ ރަނގަޅު އެވޯޑެއް. އެކަމަކު އަހަންނަކީ އެންމެ މޮޅު ކުޅުންތެރިޔާކަން ސާބިތުކޮށްދޭން ބެލަންޑޯ އެއް ބޭނުމެއް ނުވޭ،" އިބްރާހިމޯވިޗް ބުންޏެވެ.

މި ހަފްލާ ބާއްވާފައިވަނީ ދާދި ފަހުން ޔޫރަޕުގެ އެންމެ ޝަރަފުވެރި ފަސް މުބާރާތެއްގައި ޖުމުލަ 300 ގޯލު ހަމަކުރުމާއެކު އެކަން ފާހަގަކުރުމަށެވެ. އިބްރާހިމޯވިޗް ކުޅެމުން އަންނަ އޭސީ މިލާނާއި ޔުޑިނިސް ކުޅުނު މެޗުގައި އެޓީމަށް މުހިއްމު ގޯލެއް ކާމިޔާބު ކޮށްދީ އެ މެޗުން އެޓީމު ބަލިވިޔަ ނުދީ ސަލާމަތްކޮށްދީފައެވެ.

އޭސީ މިލާނާއި ޔުދިނިސް ކުޅުނު މެޗުގެ ތެރެއިން--

އާއްމުގޮތެއްގައި ގިނަ ކުޅުންތެރިން އުމުރުން 30 ވާއިރު ކުލަބުން ރެޓެއާވި ނަމަވެސް އޭނާގެ އުމުރުން 40 އަހަރުވީ އިރުވެސް އަންނަނީ ފުޓުބޯޅައިގެ މައިދާނުގައި ތަފާތު ދައްކަމުންނެވެ.

"އަހަރެން ޓްރެއިން ކުރާ ގޮތަށް އަހަރެން ކުޅެނީ. މުހިންމީ ވިސްނުން ގެންގުޅެންޖެހޭ ގޮތް،" އޭނާ ފުޓުބޯޅައިގައި ގިނަ ދުވަސްތަކެއް ވަންދެން ކުޅެމުން އަންނަ ކަމާމެދު ބުނެފައިވެއެވެ.

ޔޫރޮޕުގެ ގިނަ ކުލަބުތަކަކަށް ކުރިން ކުޅުނު އިބްރާހިމޯވިޗް އަކީ މި ޖީލުގައި އުފެދުނު އެންމެ މޮޅު އެއް ސްޓްރައިކަރެވެ. ސްވިޑަންގެ މަލްމޯ އިން 1999 ގައި ކެރިއަރު ފެށި އޭނާ ވަނީ ނެދަލެންޑްސްގެ އަޔެކްސްއާއި އިޓަލީގެ ޔުވެންޓަސް އާއި އިންޓަ މިލާނާއި ސްޕެއިނުގެ ބާސެލޯނާ އާއި ފްރާންސްގެ ޕީއެސްޖީ އަދި އިންގްލެންޑުގެ މެންޗެސްޓާ ޔުނައިޓެޑަށް ވެސް މީގެ ކުރިން ކުޅެފަ އެވެ. ނަމަވެސް އޭނާއަށް މިހާތަނަށް އެއްވެސް ޓީމަކާ އެކު ޗެމްޕިއަންސް ލީގުގެ ތަށްޓެއް އުފުލާލެވިފައެއް ނުވެ އެވެ.

comment ކޮމެންޓް