ކެމަރޫން ފުޓްބޯޅަ އެސޯސިއޭޝަންގެ ރައީސްގެ މަގާމަށް އެޓޫ

ސެމިއުލް އެޓޫ--

ކެމަރޫންއޭ ބުނެފިނަމަ ހިތަށް އެންމެ ފުރަތަމަ ވެސް އަންނާނީ ފުޓުބޯޅައިގައި ހުނަރުވެރި ސެމިއުލް އެޓޫގެ މަތިންނެވެ. ހަތަރު ފަހަރަށް އެފްރިކާގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައިވާ އެޓޫ ވަނީ އިއްޔެ އެގައުމުގައި ބޭއްވި އިންތިހާބުން ބޮޑު އަގުލަބިއްޔަތަކުން ފުޓުބޯޅަ އެސޯސިއޭޝަންގެ ރައީސްގެ މަގާމަށް ހޮވިފައެވެ.

މި އިންތިހާބަކީ ކޮންމެ ތިން އަހަރަކުން އެގައުމުގެ ފުޓުބޯޅަ ފެޑެރޭޝަނުން ބާއްވަމުން އަންނަ އިންތިހާބެކެވެ. އެންމެ ފަހުން 2018 ވަނަ އަހަރު އެމަގާމަށް އިންތިހާބުވެފައިވަނީ އެންޖޯޔާއެވެ. އިއްޔެ ބޭއްވުނު އިންތިހާބު ކުރިއަށް ގެންދިޔައީ ފީފާގެ އެހީތެރިކަމާއެކު އިންސާފުވެރިކޮށް ކަަމަށް ބޭރުގެ ހަބަރުތަކުން ބުނެއެވެ.

އިއްޔެ ބޭއްވި އިންތިހާބު އެޓޫ ކާމިޔާބުކޮށްފައި ވަނީ އެފްރިކާ ފުޓްބޯޅަ ފެޑެރޭޝަންގެ ހަތަރު ވަނަ ނައިބު ރައީސް ސެއިޑޫ އެމްބޮމްބޯ އެންޖޯޔާއާ ވާދަކޮށް 12 ވޯޓުގެ ތަފާތުންނެވެ.

މިކަމާ ގުޅިގެން އެޓޫ ޓުވިޓާގައި ބުނެފައިވަނީ އިއްޔެއަކީ އޭނާގެ ހަޔާތުގައި އައި އެންމެ ފަހުރުވެރިވާ ދުވަސް ކަމަށް އަބަދުވެސް ހަނދާނުގައި ބަހައްޓާނެ ކަމަށެވެ.

"މިއިން ކޮންމެ ވޯޓަކީ ކެމަރޫންގެ ފުޓުބޯޅައަށް އާ މަސްތަގުބަލަކާއި ތަރައްގީ ބޭނުންވާތީ ލައިފައިވާ ވޯޓެއް ކަމަށް ގަބޫލު ކުރަން. މިއީ މީގެ ކުރިން ނުދެކޭފަދަ ކުރިއެރުމެއް މި ކުޅިވަރަށް ގެނެސްދޭން ބޭނުންވާ ބަޔަކު އެބަތިބިކަން އަނގައިދޭ ނިޝާނެއް،" އުމުރުން 40 އަހަރުގެ އެޓޫ ބުންޏެވެ.

އެޓޫއަކީ ދުނިޔޭގެ އެންމެ މަޝްހޫރު އަދި ބާރުގަދަ ފުޓުބޯޅަ ކުލަބުތަކަށް ކުޅެފައިވާ މޮޅު ފޯވާޑެކެވެ. އޭނާ ވަނީ ސްޕެއިންގެ ބާސެލޯނާގެ އިތުރުން ޗެލްސީ އަށް ވެސް ކުޅެ ނުހަނު ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ.

ކެމަރޫންގެ ތަރި އެޓޫއަށް އަބަދުވެސް އެގައުމުގެ ރައްޔިތުން ވާ ލޯބި ފާޙަގަކުރެވެއެވެ. އެގައުމުގެ މީހުން ދެކޭގޮތުގައި އެގައުމުގެ ފުޓުބޯޅައިގެ ރަސްގެފާނަކީ އެޓޫއެވެ. އެޓޫ އަށް ކުރާ ތައުރީފަކީ އެހެން އެއްވެސް ގައުމަކުން ނުކުރާފަދަ ތައުރީފެއްކަން ވަނީ ފާޙަގަކުރެވިފައެވެ.

comment ކޮމެންޓް