ދެ މޫސުން ބެދޭތީ ވިއްސާރަވެ، ރާއްޖޭގެ ބޮޑު ބަޔަކަށް ޔެލޯ އެލާޓް ނެރެފި

ދެ މޫސުން ބެދޭތީ ކުރާ ވިއްސާރައިގެ ސަބަބުން ރާއްޖޭގެ ބޮޑު ބަޔަކަށް ރީނދޫ ސަމާލު ނެރެފި ---

މޫސުން ގޯސްވުމުގެ ސަބަބުން ރާއްޖޭގެ ބޮޑު ބަޔަކަށް ޔެލޯ އެލާޓް ނެރެފިއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީހު)ން ޔެލޯ އެލާޓް ނެރެފައިވަނީ ކ. އަތޮޅުން ފެށިގެން އދ.ގެ އަތޮޅުތަކަށް، މިއަދު މެންދުރު 12:15 އިން ފެށިގެން 16:15 އާ ހަމައަށެވެ.

މެޓް އޮފީހުން މިއަދު "ސަން"އަށް ބުނީ މިއީ ދެ މޫސުން ބެދޭތީ ކުރާ ވިއްސާރައެއް ކަމަށެވެ.

މި ވިއްސާރައިގައި ގަޑިއަކު 25 މޭލާ 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވެ ކަނޑުތައް ގަދަ ވާނެ ކަމަށް ވެސް މެޓް އޮފީހުން ވަނީ ލަފާ ކޮށްފައެވެ.

އޭގެ ސަބަބުން ރައްކާތެރި ކަމުގެ ފިޔަވަޅު އެޅުމަށް ސަމާލުކަން ދިނުމަށް ރެޑް ކްރެސެންޓުން ވަނީ ގޮވާލާފައެވެ.

އެގޮތުން، ކުރެވޭނެ ކަންތައްތަކުގެ ތެރޭގައި މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުން އަދި ގަދަ ވަޔާ އެކު އުސް އިމާރާތަކުން ވެއްޓިދާނެ ނުވަތަ ވަޔާ އެކު އެއްލައިގެން ދާނެ ފަދަ ތަކެއްޗަށް ސަމާލުވުން ފަދަ ކަންކަން ހިމެނެއެވެ.

މީގެ އިތުރުން، ގޭގެޔާއި އިމާރާތްތަކުގެ ފުރާޅުގެ ހާލަތު ބަލާ، ގަދަ ވަޔާ އެކު އެއްލާނުލާނެ ފަދަ ގޮތަކަށް ރައްކާތެރި ކުރުން ހިމެނެއެވެ. އަދި މޫސުން ގޯސްވެގެން އެލާޓް ނެރެފައި ވަނިކޮށް، ނުވަ މީޓަރުން ފެށިގެން ދަށުގެ އުޅަނދުފަހަރުގައި ފަސިންޖަރުން އުފުލުމަކީ ކަނޑުދަތުރުގެ ސަލާމަތާ ބެހޭ ގަވައިދުގެ ދަށުން މަނާ ކަމެއްކަން ރެޑް ކްރެސެންޓުން ފާހަގަކުރިއެވެ.

ހަމައެހެންމެ، ވައިގަދަ ގަޑިތަކުގައި ވިއްސާރަ ކުޑަ ނުގެން ގުޅުމަށާއި އެއްގަމު އުޅަނދު ދުއްވުމުގައި ރައްކާތެރިވުމަށް ވެސް އެ ޖަމިއްޔާއިން ވަނީ ގޮވާލާފައެވެ.

comment ކޮމެންޓް