އއ. ފެރިދޫގައި ފެނާއި ނަރުދަމާ ގާއިމު ކުރުމުގެ އަމަލީ މަސައްކަތް ސަރުކާރުގެ ފެން ކުންފުނި، އެމްޑަބްލިއުއެސްސީއިން ފަށައިފިއެވެ.
މިއަދު ފެރިދޫގައި ބޭއްވި ރަސްމިއްޔާތެއްގައި އެ މަޝްރޫއު އިފްތިތާހު ކޮށްދެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު އާއި ބޯޑު މެމްބަރު އިބްރާހިމް އަންވަރު އާއި މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރު އަދި ފެރިދޫ ކައުންސިލްގެ ރައީސް އިސްމާއިލް ޝާހުއެވެ.
އެ މަޝްރޫއުގައި ހިމެނޭ ފެނާއި ނަރުދަމާ ނިޒާމު ގާއިމު ކުރުމަށް ބޭނުންވާ ހޮޅި އާއި އެހެނިހެން ތަކެތި ފެރިދޫއަށް ގެންދިއުމަށްފަހު ހޮޅި ވަޅުލުމުގެ މަސައްކަތް މިހާރު ވެސް ދަނީ ކުރަމުންނެވެ. އަދި ފެން ޕްލާންޓް ބަހައްޓާ އިމާރާތުގެ 35 ޕަސެންޓު މަސައްކަތް ވެސް މިހާރު ވަނީ ނިންމާފައެވެ.
އެ މަޝްރޫއުގައި ހިމެނޭ ފެނުގެ ނިޒާމު ގާއިމު ކުރުމުގެ ބައިގެ ދަށުން ކުރާ މަސައްކަތްތަކަކީ؛
- ފެރިދޫގައި 6.77 ކިލޯމީޓަރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯކް ގާއިމު ކުރުން
- އާރުއޯ ފެސިލިޓީ ބިލްޑިން އިމާރާތް ކުރުން
- ފެން އުފައްދާ ދެ އާރުއޯ ޕްލާންޓް ބެހެއްޓުން
- ފެން ރައްކާ ކުރަން ތިން ތާނގީ ބެހެއްޓުން
- ގޭގޭގައި ފެން މީޓަރު ބަހައްޓައި، ފެނުގެ ކަނެކްޝަން ގުޅައިދިނުން
އެ މަޝްރޫއުގައި ހިމެނޭ ނަރުދަމާ ނިޒާމު ގާއިމު ކުރުމުގެ ބައިގެ ދަށުން ކުރާ މަސައްކަތްތަކަކީ؛
- ފެރިދޫގައި 5.05 ކިލޯމީޓަރުގެ ދިގު ނަރުދަމާ މައި ނެޓްވޯކު ގާއިމު ކުރުން
- ޕަމްޕިން ލައިން (1.07 ކިލޯމީޓަރުގެ ދިގު) އެޅުން
- ތިން ޕަމްޕިން ސްޓޭޝަނާއި އެއް ސީ އައުޓްފޯލް ގާއިމު ކުރުން
- ގޭގޭގައި ޖަންކްޝަން ބަހައްޓައި، ނަރުދަމާ ކަނެކްޝަން ގުޅައިދިނުން
އެ މަޝްރޫއުގެ ދަށުން ފެނާއި ނަރުދަމާ ނިޒާމު ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނަރޭޓަރު ސެޓާއި ވެހިކަލް އަދި ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސާމާނު ވެސް ފެން ކުންފުނިން ފޯރުކޮށްދޭނެއެވެ.
މިނިސްޓްރީ އޮފް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާއިން އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ އެ މަޝްރޫއުގެ އަގަކީ 69.33 މިލިއަން ރުފިޔާއެވެ.