ޝަލަބީގެ "އޯ ނަދާ"އަށް ކުރި އިންތިޒާރަށް ނިމުން، ކުރިއަށް ވެސް އޮތީ ސަޕްރައިޒެއް!

ޝަލަބީ ޢީދު ޝޯވ އެއްގައި--

ލަވަކިޔުންތެރިޔާ ޝަލަބީ އިބްރާހިމްގެ ޓިކްޓޮކަކީ ތަފާތު އެކި ލަވަތަކުގެ ކަވާތައް ފޭނުންނަށް ހިއްސާކުރަމުން އަންނަ މަންސައެކެވެ. ގިނަ ބައެއްގެ ލޯބި ހޯދި ޓިކްޓޮކްތަކުގެ ތެރެއިން ވެސް އެންމެ ބޮޑު މަގުބޫލުކަމެއް ހޯދި ވީޑިއޯއަކީ ކުރީގެ ދިވެހި ލަވައެއް ކަމަށްވާ "އޯ ނަދާ"ގެ އެކޯސްޓިކް ވާޝަންއެކެވެ.

އެއްލައްކަ ފަސް ދޮޅަސް ދެހާހަށް ވުރެ ގިނަ ފަހަރު ބަލައިފައިވާ މި ވީޑިއޯގެ ކޮމެންޓުތަކުގައި ގިނަ ބަޔަކު ބުނެފައިވަނީ އެއް ވާހަކައެކެވެ. އެ ލަވައިގެން ފުލް ވާޝަންއެއް ނުވަތަ ލަވަ އެއްކޮށް އަޑުއެހުންތެރިންނަށް ގެނެސްދިނުމަށެވެ.

މިއަދު ޝަލަބީ ވަނީ ފޭނުންގެ އެ އިންތިޒާރަށް ނިމުން ގެނެސްދީފައެވެ. "އޯ ނަދާ" މުޅި ލަވަ ރެކޯޑުކޮށް ޝަލަބީ ވަނީ ފޭނުންނާ ހަމައަށް ގެނެސްދީފައެވެ.

މި ލަވައާ ގުޅިގެން ޝަލަބީ "ސަން"އަށް ބުނީ މި ލަވައަށް ފޭނުން އިންތިޒާރުކުރާތާ ވަރަށް ދުވަސް ވެއްޖެ ކަމަށާއި މި ލަވަ ރެކޯޑު ކުރަން ބޭނުންވީ އެ ސަބަބަށް ޓަކައި ކަމަށެވެ.

"ބޭނުމާ އިޝްގާ ނަގާފަ، އެންމެ ގިނަ ބަޔަކު ރިކުއެސްޓު ކުރި ލަވަ މިއީ ޝަލަބީގެ އަޑުން ނެރެން، ދެން އެހެންވީމަ ކޮންމެހެން ވެސް މިކަން ކުރަން ޖެހޭނެތާ،" ޝަލަބީ ބުންޏެވެ.

ޝަލަބީ އިތުރަށް ބުނީ މި ލަވައާއެކު އިތުރު ސަޕްރައިޒެއް ވެސް އޮތް ކަމަށެވެ.

"ވީޑިއޯ ވެސް ކުރިއަށް އެބައިން، އެކަމަކު އަދި އެއީ ސަޕްރައިޒެއް، މި އަހަރުތެރޭގަ ފެނިގެންދާނެ ކުރިއަށް މިއޮތް ދުވަސްކޮޅުގަ،" ޝަލަބީ ބުންޏެވެ.

މީގެ އިތުރުން ވެސް މި މަސްތެރޭގައި ޝަލަބީގެ އިތުރު ލަވައެއް ވެސް ފެނިގެންދާނެ ކަމަށް އޭނާ ބުންޏެވެ.

ޝަލަބީގެ އަޑުން ކިޔައިފައިވާ "އޯ ނަދާ" ލަވަ މިހާރު ސައުންޑްކްލައުޑުން އަޑު އަހައިލެވޭނެއެވެ. ތްރީއޭ ސްޓޯރުން ޕްރޮޑިއުސްކޮށް، ޝަލަބީގެ އަޑުން މި ނެރުނު ލަވައިގެ މިއުޒިކް ހަދައިފައިވަނީ އަބްދުﷲ ޒިފާން ޒާހިދު (ޒިފީ)އެވެ.

comment ކޮމެންޓް