ދިވެހި ފަންނާނުންގެ މަސައްކަތްތަކުގެ އަގުވަޒަންކުރަން ޖެހޭ ކަމަށާއި ފަންނާނުންގެ އުފެއްދުންތަކަށް ރޯޔަލްޓީ ލިބެންޖެހޭ ކަމަށް މަޝްހޫރު ލަވަކިޔުންތެރިޔާ ޝަލަބީ އިބްރާހީމް ބުނެފިއެވެ.
ރާއްޖޭގައި އެކި ކަހަލަ ކްރިއޭޓިވް މީޑިއާތަކުގައި ހިމެނޭ ފަންނާނުންނަށް ކުރިއަށް ދިޔުމަށް އެކި ކަހަލަ ބޮޑެތި ގޮންޖެހުންތަކެއް އެބަހުއްޓެވެ. އެންމެ ބޮޑު އެއް ގޮންޖެހުމަކީ މިއުޒިކް އަދި އާޓުގެ ދާއިރާއިން އާމްދަނީއެއް ހޯދޭނެ ގޮތެއް ނެތުމެވެ. މިއިން އެންމެ އަސަރުކުރާ އެއް ބަޔަކީ ލަވަކިޔުންތެރިންނެވެ.
މި ސަބަބުތަކާ ގުޅިގެން އާޓިސްޓުންގެ މަސައްކަތަށް ރޯޔަލްޓީ ލިބެން ޖެހެއެވެ. އެއީ އާޓިސްޓުންގެ އުފެއްދުންތައް ބޭނުންކުރާ ކޮންމެ ފަހަރަކު އެއަށް ކޮންމެ ވެސް އާމްދަނީއެއް ލިބޭ ކަހަލަ ނިޒާމެކެވެ. އެގޮތުން މިއުޒިކް ނަމަ ރޭޑިއޯއަކުން ޖަހާ ކޮންމެ ފަހަރަކު އެއަށް ފައިސާ ލިބޭނެ ގޮތެއް ހަމަޖެއްސުމެވެ. މި ކަންތައް ކުރާނީ އާންމުކޮށް އެ އުފެއްދުމެއް ބޭނުން ކުރުމުގެ ހުއްދަ ހޯދާ ކުންފުނިތަކުންނެވެ.
ޝަލަބީ ދާދިފަހުން ބުނެފައިވަނީ އާޓިސްޓުންނަށް އެ މީހުންގެ މަސައްކަތް އަގުވަޒަންކޮށް އާމްދަނީ ލިބޭނެ ގޮތަކަށް ރޯޔަލްޓީ ލިބެން ޖެހޭ ކަމަށެވެ.
"ޓީވީ އަދި ރޭޑިއޯއިން އަޅުގަނޑުމެން ފަންނުވެރިން ހަދާފައި ހުންނަ އޯޑިއޯ/ވީޑިއޯ ބޭނުންކުރާ ނަމަ ކޮންމެ ޕްލޭއަކަށް ފަސް ރުފިޔާ ނުވަތަ ކަނޑައެޅިފައި އޮންނަ އަގަކުން ރޯޔަލްޓީ ނަގަން އެބަޖެހޭ. އެހެނިހެން ކޮމާޝަލް ބޭނުންތަކަށް ވެސް ބޭނުންކުރާ ނަމަވެސް ރޯޔަލްޓީ ލިބެންޖެހޭ،" ޝަލަބީ ބުންޏެވެ.
މިހާރު ގިނަ ފަހަރަށް އާޓިސްޓުން މިއުޒިކް ތައްޔާރުކޮށް އެ ދޫކޮށްލަން ޖެހެނީ ހިލޭ ކަމަށް ޝަލަބީ ފާހަގަކުރިއެވެ. އަދި، ޓީވީއާއި ރޭޑިއޯތަކަށް މި އުފެއްދުންތައް ދޭން ޖެހެނީ ގިނަ ފަހަރަށް "އެކްސްޕޯޝާ" ހޯދަން ކަމަށް ޝަލަބީ ފާހަގަކުރިއެވެ.
ނަމަވެސް މިއިން އަމިއްލައަށް މިއުޒިކް އުފައްދާ ނަމަ އެއަށް ގިނަ އަދަދެއްގެ ފައިސާ ހަރަދުވާ ކަމަށް ޝަލަބީ ބުންޏެވެ. އެހެންވީއިރު ލަވަތަކަށް ރޯޔަލްޓީ ލިބޭނެ ގޮތެއް ހަމަޖެއްސުން ވަރަށް މުހިއްމު ކަމުގައި އޭނާ ބުންޏެވެ.