އޯއައިސީގެ ގައުމުތަކުގެ މިނިސްޓަރުންގެ 17ވަނަ ބައްދަލުވުން ޕާކިސްތާނުގައި ބާއްވަން ނިންމައިިފި

ޕާކިސްތާން ހައި ކޮމިޝަނަރު ވައިސް އެޑްމިރަލް އަތަރު މުހްތާރު (ވ) އަދި ހައި ކޮމިޝަންގެ ޑެޕިއުޓީ ހެޑް އޮފް މިޝަން ޒުލްގަރުނައިން އަހުމަދު -- ފޮޓޯ/ ޕާކިސްތާން ހައި ކޮމިޝަން

އޯގަނައިޒޭޝަން ފޯ އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ ގައުމުތަކުގެ ފޮރިން މިނިސްޓަރުންގެ 17ވަނަ އެކްސްޓްރާ އޯޑިނަރީ ސެޝަން ޕާކިސްތާނުގައި ބާއްވަން ނިންމައިފިއެވެ.

މި ބައްދަލުވުމަކީ އޯއައިސީގެ ޗެއާކަން ކުރާ ސައުދީ އަރަބިއާގެ ނިންމުމާއެކު ޕާކިސްތާނުގެ އިސްނެގުމުގެ މަތިން އެ ގައުމުގައި ބާއްވާ ބައްދަލުވުމެކެވެ.

މި ބައްދަލުވުން އޮންނާނީ މި މަހުގެ 19ގައި ޕާކިސްތާނުގެ އިސްލާމްއާބާދުގައެވެ. ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލައި ވާހަކަތައް ބައްޓަންކުރާނީ އަފްގާނިސްތާނުގެ މިހާރުގެ ހާލަތަށެވެ. އަދި އެ ހާލަތުން އަރައިގަތުމަށް ޓަކައި މުސްލިމް ގައުމުތައް ގުޅިގެން މަސައްކަތްކުރާނެ ގޮތްތަކުގެ މައްޗަށް އެ ބައްދަލުވުމުގައި މަޝްވަރާކުރާނެއެވެ.

ޕާކިސްތާނުގެ ފޮރިން މިނިސްޓަރު މަހްދޫމް ޝާހް މަހްމޫދު ގުރޭޝީ ވަނީ ބަައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދަށް ދައުވަތު އަރުވައިފައެވެ.

އަފްގާނިސްތާނުގެ ވެރިކަމާ ތާލިބާން ޖަމާއަތް ހަވާލުވިފަހުން އެ ގައުމުގެ ހާލަތު އަންނަނީ ދަށްވަމުންނެވެ. އެގޮތުން ބޭހާއި ކާބޯތަކެތި ފަދަ ޒަރޫރީ ތަކެތި ނުލިބި އެތައް މިލިއަން ކުޑަކުދިންނަކާއި އަންހެނުން އެ ގައުމުގައި އަންނަނީ ދިރިއުޅެމުންނެވެ.

އދ.ގެ ތަފާސްހިސާބުތައް ދައްކާގޮތުން އަފްގާނިސްތާނުގެ އާބާދީގެ ދެބައިކުޅަ އެއްބައި މީހުން ކަމަށްވާ 22.8 މިލިއަން މީހުން އަންނަނީ ކާބޯތަކެތީގެ ދަތިކަން ތަހައްމަލު ކުރަމުންނެވެ. އެއާއެކު 3.2 މިލިއަން ކުޑަކުދިންނާއި 700،000އަށްވުރެ ގިނަ މާބަނޑު އަންހެނުންނަށް އެކިއުޓް މަލްނިއުޓްރިޝަން ތަހައްމަލުކުރަން ޖެހިދާނެކަމުގެ ބިރު އަންނަނީ ބޮޑުވަމުންނެވެ.

ޕާކިސްތާނުން އަބަދުވެސް އަންނަނީ އިސްލާމީ އުންމަތުގެ ކަންކަމުގައި އިސް ސަފުގައި ބަސް ބުނަމުންނެވެ. އެގޮތުން އޯއައިސީގެ މި ބައްދަލުވުމުގެ ސަބަބުން ބައިނަލްއަގްވާމީ އެހެނިހެން ޖަމިއްޔާ ޖަމާއަތްތަކަށް ވެސް އަފްގާނިސްތާނުގެ ހާލަތު ރަނގަޅުކުރުމަށް މަސައްކަތްކުރުމަށް އިތުރު ހިތްވަރެއް ލިބިގެން ދާނެކަމަށް ޕާކިސްތާނުން ބުންޏެވެ. އަދި ބައްދަލުވުމުގައި ކާމިޔާބު މަޝްވަރާތަކެއް ކުރެވޭނެކަމުގެ ޔަގީންކަން އޮތްކަމަށް ވެސް އެ ގައުމުން ބުންޏެވެ.

comment ކޮމެންޓް