މޯލްޑިވްސް ޕޯޓް ލިމިޓެޑް (އެމްޕީއެލް) އިން ނަގަމުން އައި ޕައިލޮޓޭޖް ފީތައް ބޮޑު ކުރުމާ ގުޅިގެން ކުރޫޒް ލައިނާތައް ރާއްޖެ އައުން ހުއްޓާލާފައިވަނިކޮށް އެ ފީތައް ކުޑަ ކުރަން އެ ކުންފުނިން މިއަދު ނިންމައިފިއެވެ.
ކުރޫޒް ލައިނާތައް ރާއްޖެ އައިސް އަޅާފައި އޮންނަނީ މާލޭ ބޭރުގައެވެ. އެ ސަރަހައްދަށް ކުރޫޒް ލައިނާތައް ވައްދައި ނެރެދީ ހަދަނީ އެމްޕީއެލްގެ ޕައިލެޓުން ބޯޓްތަކަށް އަރައިގެންނެވެ. އެ ކަމަށް ޕައިލޮޓޭޖް ފީގެ ގޮތުގައި ކުރިން ނަގަމުން އައީ ގަޑިއިރަކަށް 16,330.52 ރުފިޔާއެވެ. މިދިޔަ ޑިސެމްބަރުން ފެށިގެން އެ ފީ ވަނީ ބޮޑުތަނުން ބޮޑު ކޮށްފައެވެ. މިހާރު އެކަމަށް ގަޑިއިރަކަށް 74,458.56 ރުފިޔާ ނަގައެވެ. އޭގެ އިތުރުން ވެސް ބަނދަރު ބޭނުން ކުރާތީ ފީތަކެއް ދައްކަންޖެހެއެވެ.
ކުރިން އަހަރެއްގެ މައްޗަށް ރާއްޖެއަށް 60 އެއްހާ ކުރޫޒް ލައިނާ އާދެއެވެ. އެ ބޯޓްތަކުން އެކަނި އަހަރަކު 60،000 އެއްހާ ޓޫރިސްޓުން ރާއްޖެއާދެއެވެ. މިއަހަރު މިހާތަނަށް ކުރޫޒް ލައިނާއެއް ނާންނާތީ އެ ސެކްޓާއިން ޓޫރިސްޓަކު ރާއްޖެ ނާދެއެވެ. އެކަން "ސަން" އިން ރިޕޯޓް ކުރުމުން އެމްޕީއެލްއިން ބުނީ އަގު ކުޑަ ކުރަން މަޝްވަރާއަށް ތައްޔާރު ކަމަށެވެ. އެކަން ބަލަމުން އަންނަ ކަމަށް ޓޫރިޒަމް މިނިސްޓްރީން ވެސް ބުންޏެވެ.
އެމްޕީއެލްއިން މިއަދު ބުނީ މާލޭ ވިޔަފާރި ބަނދަރަށް އަންނަ ބޯޓު ފަހަރާއި ޕެސެންޖާ ލައިންތަކުގެ ޕައިލަޓޭޖް ފީތައް މިހާރު އެވަރެޖުކޮށް 50 ޕަސެންޓު ކުޑަކޮށްފައި ވާނެ ކަމަށެވެ. އަދި ވެރީ ލާޖް ކްރޫޑް ކެރިއާ (ވީއެލްސީސީ)ތަކަށް ނަގާ ޕައިލެޓޭޖް ފީ ވެސް 20 ޕަސެންޓާ ހަމައަށް ކުޑަކޮށްފައި ވާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
މީގެ އިތުރުން ޓަގު ކުއްޔަށް ދިނުމުގެ އަގުތަކަށް ވެސް ބަދަލު ގެނެސްފައިވާކަން އެމްޕީއެލްއިން ފާހަގަކުރިއެވެ. އެގޮތުން ޓަގު ކުއްޔަށް ދޭ އަގުތައްވެސް 30 ޕަސެންޓާއި 50 ޕަސެންޓާ ދޭތެރޭގެ އަދަދަކާ ހަމައަށް ކުޑަވެގެން ދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
އެ ފީތަކަށް ގެނައި ބަދަލަށް އަމަލުކުރަން ފަށާނީ އަންނަ ހަފްތާގެ ބުދަ ދުވަހުން ފެށިގެންނެވެ.
އެއާއެކު އެމްޕީއެލުން ބުނީ ވިޔަފާރި ބަނދަރު ގުޅީފަޅަށް ބަދަލުކުރުމުން ވެސް ޕައިލެޓޭޖް ފީތަކަށް ނުވަތަ އެހެނިހެން ގޮތް ގޮތުން ނަގާ އެއްވެސް ފީއަކަށް އެއްވެސް ބަދަލެއް ނާންނާނެކަމަށެވެ.
ހަމައެއާއެކު އެމްޕީއެލުން ބުނީ ޕައިލެޓޭޖް ފީތަކާއި އެހެނިހެން ހިދުމަތްތަކަށް ނަގާ ފީތައް ކުޑަކުރުމުން އެމްޕީއެލްގެ އާމްދަނީއަށް މާ ބޮޑު އަސަރެއް ނުކުރާނެކަމަށެވެ. އެގޮތުން އަންނަ އަހަރު މުދާ އެތެރެކުރާނެ މިންވަރު އިތުރުވާނެކަމަށް ލަފާކުރެވޭތީ އެ ދާއިރާއިން އާމްދަނީއަށް ހެޔޮ އަސަރެއް ކުރާނެކަމަށް ބުންޏެވެ.
ޝިޕިން ކުންފުނިތަކުން ބުނާގޮތުގައި ކުރޫޒް ލައިނާތައް މިހާރު ދަތުރުތައް ފަށާފައިވާއިރު ރާއްޖެ އައުމަށް ބޭނުން ވެގެން ގިނަ ހުށަހެޅުންތަކެއް ލިބިފައިވެއެވެ. ނަމަވެސް އެ ދަތުރުތައް ފަހުން ކެންސަލް ކުރަނީ ޕައިލޮޓޭޖް ފީ ބޮޑުކަމުން ކަމަށް އެ ކުންފުނިތަކުން ބުނެއެވެ.