މިއަދު އަލަށް ޕޮޒިޓިވްވީ 128 މީހުން، މާލެއިން 46 ކޭސް

މާލޭގެ މަގުމަތި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ފާއިތުވި 24 ގަޑިއިރު ތެރޭގައި ރާއްޖެއިން ނެގި ސާމްޕަލްތަކުގެ ތެރެއިން އިތުރު 128 މީހަކު ކޮވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ އާއްމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އަލަށް ނެގި 4،004 ސާމްޕަލްގެ ތެރެއިން މާލެއިން ޕޮޒިޓިވްވީ 46 މީހުންނެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އަތޮޅު ތެރޭގެ ރަށްރަށުން 79 މީހަކު ޕޮޒިޓިވް ވެފައިވާއިރު، ރިސޯޓުތަކުން އަލަށް މިއަދު ޕޮޒިޓިވް ވެފައިވަނީ ތިން މީހުންނެވެ.

ކޮވިޑް ޖެހިގެން 19 މީހަކު، ހޮސްޕިޓަލުތަކުގައި އެނދުމަތި ކޮށްގެން އަންނަނީ ފަރުވާ ދެމުންނެވެ.

މި އަދަދުތަކާއެކު، މިހާތަނަށް ރާއްޖެއިން ބަލި ޖެހުނު މީހުންގެ ޖުމުލަ އަދަދު ވަނީ 92،629އަށް އަރާފައެވެ. މީގެ ތެރެއިން މިހާތަނަށް ބަލިން އެއްކޮށް ފަސޭހަ ވެފައިވާ މީހުންގެ ޖުމުލަ އަދަދު އުޅެނީ 90،485ގައެވެ.

ރާއްޖޭގައި މިވަގުތު ކޮވިޑުގެ އެކްޓިވް ކޭސްގެ އަދަދު އުޅެނީ 1،876ގައެވެ.

ކޮވިޑު ޖެހިގެން ރާއްޖެއިން މިހާތަނަށް 255 މީހަކު ވަނީ މަރުވެފައިވެއެވެ.

ހެލްތް އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއޯސީ)ގެ އެޕިޑަމޮލޮޖިސްޓް ޑރ. އަފްޒަލް އިބްރާހިމް ވިދާޅުވީ ކޮވިޑުގެ ނުރައްކާތެރިކަމުން މިންޖު ވުމަށް ޓަކައި ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގައި އެންމެ ބޮޑު ހިއްސާއެއް އޮތީ ރައްޔިތުންގެ އަތުގައި ކަމަށެވެ.

އެގޮތުން އެޗްޕީއޭގެ ގައިޑް ލައިން ތަކަށް އަމަލު ކުރުމުގައި ފަރުވާތެރި ވުމާ އަދި ޒިންމާދާރު ކަމާއެކު ފަރުދީ ޒިންމާ އަދާ ކުރުން ކަމަށް އޭނާ ވިދާޅުވިއެވެ.

އިތުރަށް އޭނާ ވިދާޅުވީ މިހާލަތުގައި ވެސް ބޭރުގައި އުޅޭއިރު، ރަނގަޅަށް މާސްކު އެޅުމާ އަދި ގައިދުރުކަމަށް ފަރުވާތެރިވުމަށް ހަނދާންކޮށްދޭ ކަމަށެވެ.

comment ކޮމެންޓް