11 އަހަރަށްފަހު ވިލިމާލޭގައި ޝެއިޚް ފަރީދުގެ ދަރުހެއް، މައުޟޫއަކީ ދުނިޔެ ފަނާވުން

މެއި 22، 2015: ޝެއިހް އިބްރާހިމް ފަރީދު ދެއްވި ދަރުހެއްގެ ތެރެއިން --- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން

ގިނަ އަހަރުތަކަކަށްފަހު ވިލިމާލޭގައި ޝެއިޚް އިބްރާހިމް ފަރީދު އަހުމަދުގެ ދަރުހެއް ބާއްވަން ނިންމައިފިއެވެ.

އަންނަ ހުކުރު ދުވަހުގެ ރޭ 08:30ގައި ވިލިމާލޭގައި ބާއްވަން ނިންމައިފައިވާ މި ދަރުހަކީ، 11 އަހަރަށްފަހު ޝެއިޚް ވިލިމާލޭގައި ދެއްވާ ފުރަތަމަ ދަރުހެވެ. މި ދަރުހުގެ މައުޟޫއަކީ ދުނިޔެ ފަނާވުމެވެ.

ދަރުހާ ގުޅިގެން ޝެއިޚް ފަރީދު "ސަން"އަށް ވިދާޅުވީ މިއީ ވިލިމާލޭގެ ޒުވާނުންގެ އެދުމުގެ މަތީން، ހެޔޮ އެދޭ ގިނަ ބައެއްގެ އެހީތެރިކަމާއެކު ބޭއްވުމަށް ހަމަޖެހިފައިވާ ދަރުހެއް ކަމަށެވެ.

ޝެއިޚް ފަރީދު ވިދާޅުވީ މި މައުޟޫއަކީ މި ދުވަސްވަރާ ވަރަށް ގުޅޭ، މުނާސަބު މައުޟޫއެއް ކަމަށެވެ. އެގޮތުން މިހާރު ޒަމާން ވަރަށް ބޮޑަށް ފަސްވެފައިވާ ކަމަށާއި މީހުންގެ ޣާފިލްކަން ވެސް އިތުރުވެފައިވާ ކަމަށް ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެން މުސްލިމުން ކަމަށް ވީނަމަވެސް އަޅުގަނޑުމެންގެ ދީން މަތީން އަޅުގަނޑުމެން މިތިބީ ވަރަށް ބޮޑަށް ހަނދާން ނެތިފަ،" ޝެއިޚް ފަރީދު ވިދާޅުވިއެވެ.

ހަމައެހެންމެ ކުރިއަށް ވުރެ، ގިޔާމަތްވުމުގެ އަލާމާތްތައް ފެންނަ މިންވަރު ވެސް އިތުރުވެފައިވާ ކަމަށް ފަރީދު ވިދާޅުވިއެވެ. އެގޮތުން ފާއިތުވީ އަހަރުތަކުގެ ތެރޭގައި ހާދިސާތަކުގައި ރާއްޖެއިން މީހުން މަރުވާ މިންވަރު އިތުރުވެފައިވާ ކަން ފާހަގަކުރެއްވިއެވެ.

"ރާއްޖެއަކީ އަނެއްހެން ބަލާނަމަ ހާދިސާތަކުގައި އެހާ ގިނައިން މީހުން މަރުވާ ތަނެއް ނޫން، ތަނުގެ މީހުންގެ އަދަދުގެ ނިސްބަތުން ވެސް މިތަނުގައި ހާދިސާތަކުގަ މަރުވާ މީހުންގެ އަދަދު ވަރަށް ކުޑަ، އެހެންނަމަވެސް ވޭތުވެދިޔަ އަހަރުތަކަށް ބަލާއިރުގަ މި ނިސްބަތް ވަރަށް ބޮޑުވެއްޖެ،" ފަރީދު ވިދާޅުވިއެވެ.

ފަރީދު އިތުރަށް ވިދާޅުވީ މިފަދަ ކަންކަމަކީ ވެސް އިބްރަތްތަކެއް ލިބިގަންނަން ޖެހޭ ކަމެއް ކަމަށެވެ.

މީގެ އިތުރުން ވެސް މިހާރު މީހުންގެ ދިރިއުޅުމާއި އަދަބު އަޚްލާގުގެ އިތުރުން ސުލޫކަށް ވެސް ވަރަށް ބޮޑަށް ބަދަލުވެފައިވާ ކަން ފާހަގަކުރައްވައި ފަރީދު އިތުރަށް ވިދާޅުވީ ދީން ހިމާޔަތް ކުރާން އަހަރެމެން އެންމެން ނިކުންނަންވީ ވަގުތު ޖެހިއްޖެ ކަމަށެވެ.

comment ކޮމެންޓް