ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި މީހެއްގެ ބޭސްފަރުވާއަށް އިހުމާލުވުމުން ދޫކޮށްލައިފި

ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި މީހެއްގެ ބޭސްފަރުވާއަށް އިހުމާލުވުމުން އޭނާ ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފައި ----

ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި މީހެއްގެ ބޭސްފަރުވާއަށް ކަރެކްޝަނަލް ސާވިސް އިން އިހްމާލުވުމުން, ވަގުތީގޮތުން އޭނާ ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

ކްރިމިނަލް ކޯޓުން އިއްޔެ ދޫކޮށްލުމަށް އަމުރުކޮށްފައިވަނީ މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާމީހެކެވެ. އެއީ, ހ. ލަދުމާގެއާގެ އަހްމަދު ނައީމެވެ. ކުށުގެ ރިކޯޑް އޮންނަ އެ މީހާއަކީ 2019 ވަނަ އަހަރު ވީޓީވީއަށް ގެއްލުނު ދިން މައްސަލައިގައި, މުދަލަށް ގެއްލުމެއް ދޭން އުޅުމުގެ ކުށުގެ ދައުވާ އުފުލި މީހެކެވެ. ނަމަވެސް އެކުށް އޭނާގެ މައްޗަށް ސާބިތެއް ނުވެއެވެ.

މަސްތުވާތެކެތީގެ މައްސަލައިގައި ޝަރީއަތް ނިމެންދެން އޭނާ ބަންދުކުރުމަށް އަމުރުކޮށްފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ 21 ވަނަ ދުވަހެވެ.

ނައީމްގެ ބަލިހާލަތާ ގުޅިގެން ހުށަހަޅާފައިވާ ޝަކުވާގައި ވަނީ އޭނާގެ ކިޑްނީގައި ހިލަ އުފެދި ދުޅަވެ ކުޑަކަމުދިއުމަށް ދަތިވާ ކަމަށެވެ.

އެކަމާ ގުޅިގެން ތަކުރާރުކޮށް ޝަކުވާ އުފުލުމުން ކްރިމިނަލް ކޯޓުން ވަނީ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) ގައި އޭނާއަށް އެކަށީގެންވާ ބޭސްފަރުވާ ލިބެމުންދޭތޯ ބެލުމަށް އަންގާފައެވެ.

ކޯޓުގެ އެންގުމާ އެއްގޮތަށް އެޗްއާރުސީއެމްއިން ބެލި ބެލުމުން ނައީމަށް އެކަށީގެންވާ ބޭސްފަރުވާ ކުރުމުގައި ކަރެކްޝަނަލް ސާވިސް އިން އިހްމާލުވެފައިވާކަމަށް ވަނީ ބުނެފައެވެ.

އެހެން ކަމުން ކްރިމިނަލް ކޯޓުން އިއްޔެ ވަނީ އޭނާ ވަގުތީ ގޮތުން ދޫކޮށްލުމަށް އަމުރުކޮށްފައެވެ.

އެ އަމުރުގައި ބުނެފައިވަނީ ބޭސްފަރުވާގެ ހައްގަކީ އަސާސީ ހައްގެއް ކަމަށާއި އެފަދަ ހައްގެއް ލިބިދިނުމަކީ ބަންދު މަރުކަޒުގެ ޒިންމާއެއް ކަމަށެވެ. އަދި ގައިދީންނަށް ޖަލުތަކުންނާއި ޖަލުތަކުގެ ބޭރުން ސަރުކާރުގެ ހޮސްޕިޓަލްތަކާއި މަރުކަޒުތަކުން ބޭސްފަރުވާ ދިނުމަކީ ޑައިރެކްޓާ އޮފް ޕްރިޒަންސްގެ ޒިންމާއަކަށްވާއިރު އެ ފަރާތުން އެ ޒިންމާ އަދާކުރާކަން ކޯޓަށް ސާފުކޮށްދޭން ޖެހެއެވެ.

ނައީމްގެ ބޭސްފަރުވާއަށް އިހުމާލުވަމުންދާކަން ފާހަގަކޮށް ދިފާއުން ބުނެފައިވަނީ އޭނާ ޑޮކްޓަރަށް ދައްކަމުންގޮސްފައި ވަނީ މައްސަލައިގެ އަޑުއެހުން އޮންނަ ދުވަހުގެ އެއް ދުވަސް ކުރިންނާއި އަޑުއެހުންތައް ކައިރިވުމުން ކަމަށެވެ. އެގޮތަށް ކަންތައްކުރަނީ ކޯޓުގައި ބޭސްފަރުވާ ކުރުމުގެ ކަންކަމުގެ ޝަކުވާ ކުރާތީ ކަމަށް ވެސް ވަނީ ބުނެފައެވެ.

ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކޮށްފައިވާ އަމުރު ސަސްޕެންޑްކުރި މުއްދަތު ހަމަވާނީ މި މަހުގެ 15 ވަނަ ދުވަހަށެވެ.

ނައީމް ވަގުތީ ގޮތުން ދޫކޮށްލުމަށް އަމުރުކޮށްފައިވަނީ ވަކި އިދާރާއެއް ނުވަތަ ވަކި މަގާމެއްގައި ހުރި މީހަކު ޒިންމާދާރުކުރުމުގެ ބޭނުމުގައި ނޫން ކަމަށް އޭނާ ދޫކޮށްލަން ކުރި އަމުރުގައި ވަނީ ބުނެފައެވެ. އެ އަމަރު ނެރެފައިވަނީ ގާޒީ މުހައްމަދު މިސްބާހެވެ.

comment ކޮމެންޓް