އޮމިކްރޯން ފެތުރޭ ސްޕީޑު ހަލުވި ނަމަވެސް ނުރައްކާތެރިކަން ދާދި އެއްވަރު: ދިރާސާ

ކޮވިޑް-19ގެ ވެކްސިނެއް-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް-19ގެ އައު ވޭރިއެންޓް އޮމިކްރޯން، މީގެ ކުރީގެ ވޭރިއެންޓްތަކާ އަޅާބަލާއިރު ފެތުރޭ ސްޕީޑު ހަލުވި ނަމަވެސް ނުރައްކާތެރިކަން ހުރީ ދާދި އެއް މިންވަރަކަށް ކަމަށް ބޭރުގެ ދިރާސާތަކުން ދައްކައިފިއެވެ.

އޮމިކްރޯން ވޭރިއެންޓް އެންމެ ހަލުވިކަމާއެކު ފެތުރެމުންދާ އެއް ގައުމަކީ ދެކުނު އެފްރިކާއެވެ.

އެ ވޭރިއަންޓާ ގުޅޭ ގޮތުން ދެކުނު އެފްރިކާގައި ކުރި ފުރަތަމަ ދިރާސާތަކުގެ ރިޕޯޓު ލިބިފައިވާއިރު، އެ ރިޕޯޓުތަކުގައި ލަފާކޮށްފައިވަނީ ކުރީގެ ވޭރިއެންޓްތަކާ އޮމިކްރޯންގެ ނުރައްކާތެރިކަން ދާދި އެއްވަރު ނުވަތަ އެއަށް ވުރެ ވެސް ކުޑަ ކަމަށެވެ.

ދެކުނު އެފްރިކާގެ ޕްރިޓޯރިއާގެ މައި އެއް ހޮސްޕިޓަލުން ކުރި އެ ދިރާސާގެ ރިޕޯޓުތަކާ ހަވާލާދީ ނިއުޔޯކް ޓައިމްސްއިން ރިޕޯޓު ކޮށްފައިވާ ގޮތުގައި ކުރީގެ ވޭރިއެންޓްތަކުން ޕޮޒިޓިވްވި މީހުންނަށް ވުރެ އޮމިކްރޯން ވޭރިއެންޓުން ބަލިވި މީހުންގެ ހާލަތު ރަނގަޅެވެ. ބައެއް އެހެން ހޮސްޕިޓަލްތަކުގެ ޓްރެންޑު ހުރީ މިގޮތަށް ކަމަށާއި އެޑްމިޓް ކޮށްފައިވާ ގިނަ މީހުންގެ ފަރާތުން ކޮވިޑުގެ އެއްވެސް އަލާމާތެއް ނުފެންނަ ކަމަށް ވެސް ރިޕޯޓު ކޮށްފައިވެއެވެ.

އެހެން ނަމަވެސް މިއީ މިދިޔަ މަހު ފެނުނު ވޭރިއެންޓަކަށް ވުމާއެކު އެ ވޭރިއެންޓާ ގުޅޭ ގޮތުން ޔަގީންކަމާއެކު ވަކި އެއްޗެއް ބުނަން މާ އަވަސް ކަމަށާއި އިތުރު ދިރާސާތައް ހަދަން ޖެހޭ ކަމަށް ތަޖުރިބާކާރުން ބުނެއެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯއިން ވެސް ބުނީ އޮމިކްރޯން ފެތުރޭ ސްޕީޑާއި އެ ވޭރިއެންޓްގެ ނުރައްކާތެރިކަމާ މެދު ސީދާ ވަކި އެއްޗެއް ބުނަން މާ އަވަސް ކަމަށެވެ.

މިހާތަނަށް ލިބެން ހުރި މައުލޫމާތަށް ބިނާކޮށް އެ ޖަމިއްޔާއިން ބުނީ ދެކުނު އެފްރިކާގެ ހޮސްޕިޓަލައިޒޭޝަން ރޭޓު ފަހަކަށް އައިސް މަތިވަމުންދާ ކަމަށެވެ. އެހެން ނަމަވެސް އެއީ އޮމިކްރޯންއަށް ހާއްސަ ވަކި އިންފެކްޝަނެއްގެ ބަދަލުގައި، ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވުމުން ކަމަށް ވުމުގެ ފުރުސަތު އެބައޮތް ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ.

ޑަބްލިއުއެޗްއޯގެ އޮފިޝަލަކާ ހަވާލާދީ ބީބީސީއިން ރިޕޯޓުކުރާ ގޮތުގައި މިހާރު ލިބެން ހުރި ވެކްސިންތަކުން އެހެން ވޭރިއެންޓްތަކެކޭ ވެސް އެއްފަދައިން އޮމިކްރޯން ވޭރިއެންޓްގެ ނުރައްކާތެރިކަން ކުޑަ ކުރެވޭނެއެވެ.

ހަމައެއާއެކު އައު ވޭރިއެންޓްގެ ނުރައްކާތެރިކަން ކުރީގެ ވޭރިއެންޓްތަކާ އަޅާބަލާއިރު ވަކި އިތުރު ނޫން ކަމަށް، އޮފިޝަލާ ހަވާލާދީ ބީބީސީއިން ރިޕޯޓުކޮށްފައިވެއެވެ.

މިދިޔަ މަހު ފެނުނު އޮމިކްރޯންއަކީ "ވޭރިއަންޓް އޮފް ކޮންސާން"އެއްގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)އިން ވަނީ ކަނޑައަޅައިފައިއެވެ.

comment ކޮމެންޓް