2019ގައި ނޫމަރާ ފަރަށް އެރި ބާޖެއް 61 މިލިއަން ރުފިޔާއިން ޖޫރިމަނާ ކޮށްފި

ނޫމަރާ ބަނދަރު ---ސަން ފޮޓޯ/ މުހައްމަދު އަފްރާހު

ދެހާސް ނަވާރަ ވަނަ އަހަރު ށ. ނޫމަރާ ފަރަށް އެރި ބާޖެއް 61 މިލިއަން ރުފިޔާއިން ޖޫރިމަނާ ކޮށްފިއެވެ.

"މެރިން ޕަވާ 2317" ނަމަކަށް ކިޔާ ބާޖު ނޫމަރާ ފަރަށް އެރީ އޮކްޓޯބަރު 26، 2019 ގައެވެ.

އެންވައިރުމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެ ހާދިސާއާ ގުޅިގެން، ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމުގެ ގަވައިދުގެ ދަށުން، ބާޖުގެ ވެރިފަރާތް 61 މިލިއަން ރުފިޔާއިން ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ.

ޖޫރިމަނާގެ ފައިސާ 30 ދުވަހުގެ ތެރޭގައި ދެއްކުމަށް، ބާޖުގެ ދިވެހި އެޖެންޓު ރޮހޮފް ޕްރައިވެޓް ލިމިޓެޑަށް އިއްޔެ އަންގާފައިވާ ކަމަށް ވެސް އީޕީއޭގެ ބަޔާނުގައިވެއެވެ.

މީގެ އިތުރުން އީޕީއޭއިން ބުނީ ބާޖު ފުންކޮށް، އެ ސަރަހައްދަށް ފެތިފައި އޮތް ބައިތައް ނަގައި ނިމުމުން، ތިމާވެއްޓަށް ލިބިފައިވާ ގެއްލުންތައް އީޕީއޭއިން ސާވޭ ކުރި ކަމަށެވެ.

އެގޮތުން 1632 އަކަމީޓަރު ސަރަހައްދަކަށް ސީދާ ގޮތުން ގެއްލުން ލިބިފައިވާ ކަމަށް އީޕީއޭއިން ވަނީ ކަނޑައަޅާފައެވެ.

ބާޖު ފުންކޮށް، އެ ސަރަހައްދަށް ފެތިފައި އޮތް ބައިތައް ނެގުމުގެ މަސައްކަތް ނިމިފައި ވަނީ މިދިޔަ މަހުގެ 16 ވަނަ ދުވަހު ކަމަށް އީޕީއޭއިން ބުންޏެވެ.

ގިނަ އަދަދެއްގެ ޕެޓްރޯލާއި ޑީސަލް ބަރުކޮށްގެން ދަތުރު ކުރަމުންދިޔަ އެފްއެސްއެމްގެ ތެޔޮ ބާޖެއް ވެސް ވަނީ މިދިޔަ ޖުލައި މަހުގެ ތެރޭގައި ށ. ނޫމަރާ ފަރަށް އަރާފައެވެ.

comment ކޮމެންޓް