އދ. މަހިބަދޫއިން ކޮވިޑް-19 ފެނުނުތާ ހަފްތާއެއް ވީއިރު، އެރަށުގެ ކޮވިޑް އެކްޓިވް ކޭސްތަކުގެ އަދަދު 85 އަށް އަރައިފިއެވެ.
މަހިބަދޫ މޮނިޓަރިންއަށް ލީ މިދިޔަ މަހުގެ 30 ވަނަ ދުވަހުއެވެ.
އދ. އަތޮޅުގެ ފޯކަލް ޕޮއިންޓް، ސުހާނާ އާދަމް މިއަދު "ސަން"އަށް ވިދާޅުވީ، މީގެ ކުރިން ދެ ފަހަރަކު މޮނިޓަރިންއަށް ލާފައިވާ މަހިބަދޫ މިފަހަރު މޮނިޓަރިންއަށްލީ ރޯގާޖެހިގެން ފްލޫ ކްލިނިކަށް ދެއްކި ތިން މީހަކު ކޮވިޑަށް ޕޮޒިވްވުމުން ކަމަށެވެ.
މަހިބަދޫގައި ހުންނަ އދ. އަތޮޅު ހޮސްޕިޓަލުން އާއްމުކުރި ތަފާސްހިސާބުން ދައްކާ ގޮތުގައި އެރަށުން މިހާތަނަށް ޖުމުލަ 97 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާ އިރު ބަލިން ރަނގަޅު ވެފައި ވަނީ 12 މީހެކެވެ.
މަހިބަދޫ މޮނިޓަރިންއަށް ލީއިރު އެރަށުން 32 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައި ވާކަމަށް، އެ ހޮސްޕިޓަލުގެ ތަފާސްހިސާބުތަކުން ދައްކައެވެ.
އެހެންކަމުން މޮނިޓަރިންއަށް ލީ ފަހުން އެކަނިވެސް އެރަށުން 65 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.
އޭގެ ތެރެއިން އެއްވެސް މީހެއްގެ ހާލު ސީރިއަސް ނޫން ކަމަށް ސުހާނާ ވިދާޅުވިއެވެ. އަދި އިއްޔެވެސް އެރަށުން އަލަށް އަށް މީހުން ޕޮޒިޓިވްވި އިރު، މިހާރު ޕޮޒިޓިވް ވަނީ ޑައިރެކްޓް ކޮންޓެކްޓުންކަން ސުހާނާ ފާހަގަ ކުރެއްވިއެވެ.
މި މަހުގެ ހަވަނަ ދުވަހު އެ އަތޮޅު މާމިގިލި ވަނީ މޮނިޓަރިންއަށް ލާފައެވެ.