ރޯގާތައް ފެތުރުން މިދިޔަ މަހު މަދުވެއްޖެ

އައިޖީއެމްއެޗް ހޮސްޕިޓަލުގެ ބޭރުގައި ބަޔަކު މަޑުކޮށްލައިގެން: ރޯގާތައް ފެތުރުން މިދިޔަ މަހު މަދުވެފައިވާ ކަމަށް އެޗްޕީއޭގެ ތަފާސްހިސާބުން ދައްކާ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މި އަހަރުގެ އޮގަސްޓު މަހަށް ވުރެ ސެޕްޓެމްބަރު މަހުގައި ރޯގާގެ ބަލިތައް މަދުވެފައި ވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެޗްޕީއޭއިން މިއަދު އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އާންމުކޮށް ފެތުރެމުންދާ ހުރިހާ ބަލިތައް ވެސް އޮގަސްޓު މަހަށްވުރެ ސެޕްޓެމްބަރު މަހުގައި ވަނީ ދަށްވެފައެވެ.

އެގޮތުން މިއަހަރުގެ އޮގަސްޓު މަހުގައި ޑެންގީ ހުމުގެ 406 ކޭހެއް ރިޕޯޓު ކޮށްފައިވާއިރު ސެޕްޓެމްބަރު މަހުގައި އެ އަދަދު ވަނީ 174އަށް މަދުވެފައެވެ. އަދި އޮގަސްޓު މަހު 34،251 ފަރާތަކުން ވަނީ އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓުކޮށްފައެވެ. ނަމަވެސް ސެޕްޓެމްބަރު މަހު އެ އަދަދު ވަނީ 28440 އަށް ދަށްވެފައެވެ.

އޮގަސްޓު މަހުގައި ރިޕޯޓު ކޮށްފައިވާ ބޭރަށް ހިންގުމުގެ ކޭސްތައް 5460އަށް އަރައެވެ. ނަމަވެސް މިދިޔަ މަހު އެ އަދަދު ވަނީ 3526އަށް ދަށްވެފައެވެ.

އެޗްޕީއޭއިން ވަނީ ބޭރަށް ހިންގުމާއި ހޮޑުލުމުން ރައްކާތެރިވުމަށް އެޅުން މުހިއްމު ފިޔަވަޅުތައް ވެސް ހިއްސާކޮށްފައެވެ. އެގޮތުން:

• ކެއުމުގެ ކުރީން އަދި ކާބޯތަކެތި ތައްޔާރުކުރުމުގެ ކުރިން ސައިބޯނިލައިގެން ރަނގަޅަށް އަތްދޮވުން
• ފާޚާނާ ކުރުމަށްފަހު އަދި ނެޕީ ބަދަލުކުރުމަށްފަހު ސައިބޯނިލައިގެން ރަނގަޅަށް އަތްދޮވުން
• ކާބޯތަކެތި ރަނގަޅަށް ކައްކައިގެން ބޭނުންކުރުމާއި ރޯ ތަރުކާރިއާއި މޭވާ ރަނގަޅަށް ދޮވެގެން ބޭނުން ކުރުން
• ގޭގައި ކާބޯތަކެތި ރައްކާކުރާއިރު ރައްކާކުރާ ތަނަކީ ސާފު ތާހިރު ތަނެއްތޯ ބެލުމާއި ކާބޯތަކެތި ތައްޔާރު ކުރާ ތަންތަނާއި ތަކެތި ރަނގަޅަށް ދޮވެ ސާފުކުރުން
• ކެއްކުމަށާއި ފެން ބުއިމަށް ފުޅީގައި ބަންދުކޮށްފައިވާ ފެން ނުވަތަ ކްލޮރިނޭޓްކޮށްފައިވާ ފެން ނުވަތަ ވޯޓާ ސަޕްލައި ފެން ނުވަތަ ފެން ކައްކައިގެން ބޭނުން ކުރުން

އެޗްޕީއޭއިން ވަނީ ހޮޑުލެވި ބޭރަށް ހިންގާނަމަ ގިނަގިނައިން ލޮނު ޕެކެޓު، ފެން އަދި ސޫޕް، ކުރުނބާ ފެން ފަދަ ދިޔާތަކެތި ބޭނުންކުރުމާއި ތުއްތު ކުދިންނަށް ގާތުން ކިރު ދިނުން ކުރިއަށް ގެންދިޔުމަށް އިލްތިމާސްކޮށްފައެވެ.

comment ކޮމެންޓް