ފްރާންސް ގައުމީ ޓީމަށް ކުޅެމުން އަންނަ އައުސްމަން ޑެމްބޭލޭގެ އެއްބަސްވުން ހަމަވާން ކައިރިވުމާ ގުޅިގެން، ދުނިޔޭގެ ފުޓުބޯޅައިގައި ވިދަމުން އަންނަ ކިލިއަން އެމްބާޕޭއަށް ވުރެ ޑެމްބޭލޭ މޮޅުކަމަށާއި ކުލަބުން އޭނާ ދޫކޮށްލަން ބޭނުން ނުވާކަމަށް ބާސެލޯނާގެ ރައީސް ޖޯން ލަފޯޓާ ބުނެފިއެވެ.
ޑެމްބޭލޭގެ ކޮންޓްރެކްޓް މި ހޫނުމޫސުމަށް ހަމަވާއިރު، ދުނިޔޭގެ އެންމެ ވަރުގަދަ ކުލަބުތަކުން އަންނަނީ އޭނާއަށް ޑިމާންޑުކޮށް ޕްރޮޕޯސަލްތައް ހުށަހަޅަމުންނެވެ. ގިނަ ކުލަބުތަކުން ކަޅި އެޅި ނަަމަވެސް ބާސާ އިން ކޮންޓްރެކްޓް އާ ކުރާނެ ކަމަށް ރިޕޯޓްތައް ބުނެފައެވެ.
ޑެމްބޭލޭ ބާސާއަށް މުހިއްމުކަން އަންގައިދިނުމުގެ ގޮތުން ބާސާގެ ރައީސް ލަޕޯޓާ ބުނެފައި ވަނީ ޕީއެސްޖީގެ އުމުރުން 21 އަހަރުގެ ތަރި އެމްބާޕޭއަށް ވުރެ ޑެމްބޭލޭ މޮޅުކަމަށެވެ.
"އަހަރެން ވަރަށް ޝައުގުވެރިކޮށްދޭ ކުޅުންތެރިއެއް ޑެމްބޭލޭ އަކީ. އޭނާ އަކީ އެމްބާޕޭ އަށްވުރެ މޮޅު ކުޅުންތެރިއެއް. އަހަރެމެންނާއި ޑެމްބޭލޭ އާ ދެމެދު އޮންނަނީ ވަރަށް ރަނގަޅު ގުޅުމެއް. ޑެމްބޭލޭ ބޭނުންވަނީ ކުލަބުގައި ހުންނަން،" ލަޕޯޓާ ބުނެފައިވެއެވެ.
ބާސާ އިން ޑެމްބޭލޭ ދޫކޮށްލަން ބޭނުންނުވާ ސަބަބަކީ އޭނާއަކީ ތަފާތު މޮޅު ކުޅުންތެރިއަކަށް ވާތީ ކަމަށް ލަޕޯޓާ ބުންޏެވެ.
"ބާސާ އިން ބޭނުންވަނީ ޑެމްބޭލޭ ބަހައްޓަން. ސަބަބަކީ އޭނާ އަކީ މޮޅު ކުޅުންތެރިއެއް. ބައެއް ހާލަތްތަކުގައި ކުލަބުން ވިސްނާނީ ކުޅުންތެރިންނަށް އެންމެ ރަނގަޅުވާނެ ގޮތަކީ ކޮބައިތޯ ބެލުމަށް،" ލަޕޯޓާ ބުންޏެވެ.
އިންޖަރީގެ ސަބަބުން ކުޅުމާ ދުރުގައި ގިނަ ދުވަސްތަކެއް ވަންދެން ހުރި ބާސާގެ އުމުރުން 24 އަހަރުގެ ޒުވާން ވިންގާ, ޑެމްބޭލޭ މިހާރު ވަނީ ކުޅެން ފަށައިފައެވެ.
ޑެމްބޭލޭ ގަތުމަށް ބާސާއަށް ބޮޑެތި އަގުތައް މިހާރުވެސް ކުލަބުތަކުން ހުށަހަޅަމުން ދިޔަނަމަވެސް، އެކުލަބުން ގަބޫލުކުރާ ގޮތުގައި އޭނާ އަކީ ކުރިއަށް އޮތްތަނުގައި ބާސާއަށް މުހިއްމު ކުޅުންތެރިއެކެވެ.
ގިނަ ދުވަސްތަކެއް ވަންދެން މިދިޔަ ދެ ސީޒަނުގައި ވެސް ޑެމްބޭލޭ ކުޅުމާ ދުރުގައި ހުންނަން ޖެހުނު ކަމުގައި ވިޔަސް އޭނާ އަކީ ބާސާ އަށް ވަރަށް މުހިއްމު ގޯލުތަކެއް ޖަހައިދީފައިވާ ދުވެލި ބާރު ކުޅުންތެރިއެކެވެ.
ނޭމާ ނެތްތަން ފޫބައްދަން 105 މިލިއަން ޔޫރޯ އަށް 2017 ވަނަ އަހަރު ޑޯޓްމަންޑުން ގެނައި ޑެމްބޭލޭގެ އެއްބަސްވުން އާކޮށް އޭނާގެ މުސާރަ ވެސް މިހާރު ވަނީ ބޮޑުކޮށްފައެވެ. ލަލީގާ ގައި ޑެމްބޭލޭ ވަނީ ބާސާ ގެ ގިނަ ހަމަލާތައް އުފެއްދުމުގައި މަސައްކަތް ކޮށް މުހިއްމު ކުޅުމެއް ކުޅެދީފައެވެ.
ޑެމްބޭލޭގެ ސްޕީޑަށް ބަލައި ގިނަ ކުލަބުތަކުން އޭނާ އަށް ކަޅިއަޅަމުން އަންނަ އިރު މިވަގުތު ޕްރިމިއާ ލީގުގެ އެއްވަނައިގައި އޮތް މެންޗެސްޓާ ސިޓީއިން ވެސް ވަނީ ޕްރޮޕޯސަލް ހުށަހަޅާފައެވެ. މީގެ އިތުރުން، މެންޗެސްޓާ ޔުނައިޓެޑާއި ޗެލްސީއާއި ބަޔާން އަދި ޔުވެންޓަސް އިން ވަނީ އަގު ހުށަހަޅާ ޑެމްބޭލޭގެ އެޖެންޓު މޯސާ ސިސޯކޯއާ ބައްދަލުކޮށްފައެވެ.