ދީމާގެ ޕެއާއަށް މުބާރާތަށް ނާދެވުމުން ބަލިވީ ކަމަށް ނިންމައިފި

ރާއްޖޭގެ ޒުވާން ޓީޓީ ތަރި ފާތިމަތު ދީމާ އަލީ -- ފޮޓޯ//އެމްއޯސީ

މިހާރު ކުރިއަށްދާ ޓީޓީ ޔޫތު ވޯލްޑް ޗެމްޕިއަންޝިޕްގައި ވާދަކުރި ރާއްޖޭގެ ފާތިމަތު ދީމާ އަލީގެ ޑަބަލްސް ޕާޓްނަރަށް މުބާރާތުގައި ވާދަކުރުމަށް ނާދެވުމުން އެ ޕެއާ ބަލިވީ ކަމަށް އައިޓީޓީއެފުން ނިންމައިފިއެވެ.

ޕޯޗުގަލްގައި ކުރިއަށްދާ ވޯލްޑް ޗެމްޕިއަންޝިޕުގައި ދީމާގެ ޑަބަލްސް ޕާޓްނަރެއްގެ ގޮތުގައި އައިޓީޓީއެފުން ހަމަޖެއްސީ ނައިޖީރިއާގެ ސުކުރާތު އަޔުލްބިގަންއެވެ. އެހެން ނަމަވެސް މުބާރާތުގެ އެއްވެސް މެޗަކަށް ހާޒިރުވުމުގެ ފުރުސަތެއް އޭނާއަށް ނުލިބުނެވެ. އެއާއެކު ދީމާއާ އެކު ކުޅެން އޮތް މެޗުތައް ވެސް ގެއްލިފައިވާ އިރު، އެ މެޗުތަކުން ދީމާގެ ޕެއާ ބަލިވީ ކަމަށް އައިޓީޓީއެފުން ވަނީ ނިންމައިފައެވެ.

އެއް ގައުމަކުން އެއް ކެޓެގަރީއެއްގެ ދެ ކުޅުންތެރިން ވާދަނުކުރާ ގައުމުތަކުގެ ކުޅުންތެރިންނަށް، ޑަބަލްސް އިވެންޓްތަކުގައި ޕާޓްނާޝިޕް ހަދާނެ ކުޅުންތެރިން ކަނޑައެޅީ އައިޓީޓީއެފް އިންނެވެ.

އެ މުބާރާތުގެ ތިން ކެޓަގަރީއެއްގައި ދީމާ ބައިވެރިވި އިރު، ޑަބަލްސް އިވެންޓުން ލިބުނު ދެރައާއެކު ދީމާއަށް ވަނީ މުބާރާތް ނިންމާލަން ޖެހިފައެވެ. އެހެން ނަމަވެސް މި މުބާރާތުގެ ސަބަބުން ދީމާގެ މުޅި މެންޓަލިޓީއަށް ރަނގަޅު އަސަރެއް ކޮށްފައިވާ ކަމަށާއި، މިއީ މި ކުޅިވަރުން ކުރިއަށް ދިއުމަށް ލިބުނު ރަނގަޅު ތަޖުރިބާއެއް ކަމަށް ވޯލްޑް ޗެމްޕިއަންޝިޕްގައި ދީމާގެ މެނޭޖަރު އަދި ކޯޗުގެ ގޮތުގައި ދިޔަ ޓީޓީއޭއެމްގެ ނައިބު ރައީސް އިބްރާހިމް ޝިއުރީ ވަނީ ވިދާޅުވެފައެވެ.

"ދުނިޔޭގެ އެންމެ މޮޅު ކޯޗުންނާއި، ކުޅުންތެރިން އެތިބީ މި މުބާރާތުގައި. އެކުޅުންތެރިންގެ ޓްރެއިނިންތައް ފެނި، އެކުޅުންތެރިންނާއި ކޯޗުންނާއެކު ތަމްރީން ހެދުމުގެ ފުރުސަތު ދީމާއަށް އެލިބުނީ. މީގެ ސަބަބުން ވަރަށް ބޮޑަށް މެންޓަލިޓީއަށް ޕޮޒިޓިވް އަސަރުތަކެއް އޭނާއަށް ކޮށްފި،" ޝިއުރީ ވިދާޅުވިއެވެ.

ޝިއުރީ ވިދާޅުވީ، ޑަބަލްސް އިވެންޓުގައި ވާދަކުރުމަށް ލިބުނު ފުރުސަތު ގެއްލުމަކީ ދީމާއަށް ލިބުނު ބޮޑު ދެރައެއް ކަމަށާއި، އެ މެޗު ކުޅެން ލިބުނު ނަމަ ރަނގަޅު ވާދައެެއް ކުރެވުނީސް ކަމަށެވެ.

"މި މުބާރާތުގެ ސަބަބުން މިފަދަ ބޮޑެތި މުބާރާތްތަކުގައި ވާދަކުރުމާއި، ޓެނިހުގެ ރަނގަޅު ޑެސްޓިނޭޝަނަކަށް މޫވް ކުރަން ދީމާ ވަރަށް ބޮޑަށް ހިތް ޖެހިއްޖެ. ދީމާ އަކީ ސައުތު އޭޝިއާގެ ސަރަހައްދުން ވެސް އިންޑިއާގެ ކުޅުންތެރިން ނަގާފައި މި މުބާރާތުން ފުރުސަތު ލިބުނު ހަމައެކަނި ކުޅުންތެރިޔާ. އެއީ ވަރަށް ބޮޑު ޝަރަފެއް."

ދީމާ މުބާރާތުގައި ވާދަކުރި 15 އަހަރުން ދަށުގެ ކެޓަގަރީގައެވެ. އެގޮތުން މުބާރާތުގެ މިކްސް ޑަބަލްސްއާއި ސިންގަލްސްގައި އޭނާ މެޗުތައް ކުޅުނު އިރު، މިކްސް ޑަބަލްސް ކެޓެގަރީގައި ދީމާ އާއި މާޓިން ސިޕް ވަނީ އޮސްޓްރޭލިއާގެ ނީ ޗުލޯންގް އާއި ސައިހޯޖިއޯސް ކޮންސްޓަންޓީނާގެ ޕެއާ 3-1 ސެޓުން ބަލިކޮށްފައެވެ.

ސިންގަލްސް އިވެންޓްގައި ދީމާ ވަނީ ސްލޮވޭކިއާގެ ވިލްޓްސްކޯވް ޑޮމިނިކާއާ ދެކޮޅަށް ކުޅެ 4-1 ސެޓުން ބަލިވެފަ އެވެ. ވިލްޓްސްކޯވް މެޗު ކާމިޔާބުކުރީ 11-3، 11-8، 11-3، 6-11 އަދި 11-9 އިންނެވެ.

comment ކޮމެންޓް