މިއަދު އަލަށް ޕޮޒިޓިވްވީ 157 މީހުން، މާލެއިން 38 ކޭސް

މާލޭގެ މަގުމަތީން ރެންޑަމް ސާމްޕަލް ނަގަނީ -- ސަން ފޮޓޯ/ފަޔާޒް މޫސާ

ފާއިތުވި 24 ގަޑިއިރު ތެރޭގައި ރާއްޖެއިން ނެގި ސާމްޕަލްތަކުގެ ތެރެއިން އިތުރު 157 މީހަކު ކޮވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ އާއްމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އަލަށް ނެގި 3،693 ސާމްޕަލްގެ ތެރެއިން މާލެއިން ޕޮޒިޓިވްވީ 38 މީހުންނެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އަތޮޅު ތެރޭގެ ރަށްރަށުން 117 މީހަކު ޕޮޒިޓިވް ވެފައިވާއިރު، ރިސޯޓުތަކުން އަލަށް މިއަދު ޕޮޒިޓިވް ވެފައިވަނީ ދެ މީހުންނެވެ.

ކޮވިޑް ޖެހިގެން 16 މީހަކު، ހޮސްޕިޓަލުތަކުގައި އެނދުމަތި ކޮށްގެން އަންނަނީ ފަރުވާ ދެމުންނެވެ.

މި އަދަދުތަކާއެކު، މިހާތަނަށް ރާއްޖެއިން ބަލި ޖެހުނު މީހުންގެ ޖުމުލަ އަދަދު ވަނީ 92،368އަށް އަރާފައެވެ. މީގެ ތެރެއިން މިހާތަނަށް ބަލިން އެއްކޮށް ފަސޭހަ ވެފައިވާ މީހުންގެ ޖުމުލަ އަދަދު އުޅެނީ 90،304ގައެވެ.

ރާއްޖޭގައި މިވަގުތު ކޮވިޑުގެ އެކްޓިވް ކޭސްގެ އަދަދު އުޅެނީ 1،796ގައެވެ.

ކޮވިޑު ޖެހިގެން ރާއްޖެއިން މިހާތަނަށް 255 މީހަކު ވަނީ މަރުވެފައިވެއެވެ.

ދުނިޔޭގައި މިހާރު ފެތުރެމުން އަންނަ ކޮވިޑް-19ގެ އާ ވޭރިއަންޓް، "އޮމިކްރޯން"އަށް ވަނީ ސައުތު އެފްރިކާ އިން ރާއްޖެ އައި ފަތުރުވެރިއަކު ޕޮޒިޓިވްވެފައެވެ.

އެޗްޕީއޭއިން ބުނީ އެ ފަތުރުވެރިޔާއަކީ މިދިޔަ މަހުގެ 21ވަނަ ދުވަހު ރާއްޖެ އައި ފަތުރުވެރިއެއްކަމަށެވެ. އަދި މި ކޭހަކީ އައު ވޭރިއަންޓުގެ ކޭހެއްކަން ކަށަވަރުވީ، މިދިޔަ މަހުގެ 30ވަނަ ދުވަހު ޖީނޯމިކް ސިކުއެންސިން ހެދުމަށް ރާއްޖެއިން ބޭރަށް ސާމްޕަލްތަކެއް ފޮނުވުމުން ކަމަށެވެ.

އޮމިކްރޯންއަކީ "ވޭރިއަންޓް އޮފް ކޮންސާން" އެއްގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯއިން ކަނޑައަޅައިފައިވާ ވޭރިއަންޓެކެވެ.

މިހާތަނަށް 46 ގައުމަކުން އެ ވޭރިއަންޓްވަނީ ފެނިފައެވެ.

ކޮވިޑް-19ގެ އައު ވޭރިއަންޓް، "އޮމިކްރޯން" ރާއްޖެއިން ފެނުމާ ގުޅުވައިގެން އެޗްޕީއޭއިންވަނީ ކޮވިޑުން ރައްކާތެރިވުމަށް ޓަކައި އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އެޅުމަށް އަނެއްކާވެސް ނަސޭހަތްތެރިވެފައެވެ.

އެގޮތުން ބޭރުގައި އުޅޭ ވަގުތުތަކުގައި ރަނގަޅަށް މާސްކު އެޅުމާ ގައިދުރު ކަމަށް ސަމާލުވުމަށް ހަނދާންކޮށްދީފައެވެ.

އެޗްޕީއޭއިން ބުނީ މި ބަލީގެ އަލާމާތެއް ފެނިއްޖެނަމަ ފްލޫ ކްލިނިކަށް ދައްކާ ޓެސްޓުކުރުމަށް އިލްތިމާސްކުރާ ކަމަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް