ބާސެލޯނާގެ ލެޖެންޑް، އަންދްރޭސް އިނިއެސްޓާ ޖަޕާން ލީގުގެ ވިސެލް ކޯބް ކުލަބަށް ކުޅެ އަދިވެސް އަންނަނީ އޭނާގެ ފުޓުބޯޅައިގެ ހުނަރާއެކު ތަފާތު ދައްކަމުންނެވެ.
ޖަޕާނުގެ ޕްރޮފެޝަނަލް ލީގު ކަމަށްވާ ޖޭ1 ލީގުގެ އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި އިނިއެސްޓާ ވަނީ ހިމެނިފައެވެ.
މިހާރު އިނިއެސްޓާގެ އުމުރުން 37 އަހަރުވެފައިވާއިރު، މި ސީޒަންގައި އިނިއެސްޓާ ވަނީ ވިސެލް ކޯބަށް ހަ ގޯލު ކާމިޔާބުކޮށްދީފައެވެ. އޭނާ ކުޅެމުން އަންނަ ކުލަބު ތާވަލުގެ ތިންވަނައަށް ގެންގޮސްދިނީ އެޓީމަށް މުހިއްމު ގޯލުތަކެއް ޖަހައިދީގެންނެވެ. އެގޮތުން ވިސެލް ކޯބު އޮތީ 73 ޕޮއިންޓާއެކު ޖޭ1 ލީގުގެ ތިންވަނައިގައެވެ.
ޖޭ1 ލީގުގައި އެންމެ ފަހުން އޭނާ ގޯލެއް ޖަހާފައިވަނީ ޔޮކޯހަމާ އެފްސީއާ ވާދަކޮށް މެޗުގެ 31 ވަނަ މިނެޓުގައި ޖެހި ޕެނަލްޓީ އިންނެވެ.
އިނިއެސްޓާ ވިސެލް ކޯބަށް ކުޅެމުން އަންނަނީ މީގެ ކުރިން ބާސާއަށް އޭނާ ކުޅުނު ޖާޒީ ނަންބަރު އަށަކަށެވެ. އަދި އޭނާ އަކީ ވިސެލް ކޯބުގެ ކެޕްޓަނު ވެސްމެއެވެ.
އިނިއެސްޓާ އެޓީމަށް ސޮއިކުރީ 2018 ވަނަ އަހަރުގެ މޭ މަހުގައެވެ. ޖަޕާން ލީގުގެ ވިސެލް ކޯބްއާ ގުޅުމަށް ޖަޕާނަށް ދިއުމުގެ ކުރިން އިނިއެސްޓާ ކޮށްފައިވާ އިންސްޓާގްރާމް ޕޯސްޓްގައި އޭނާ ބުނެފައިވަނީ އަނެއްކާވެސް "އާ މަންޒިލަކަށް، އާ ޗެލެންޖަކަށް ދަތުރު ފެށީ" ކަމަށެވެ.
އިނިއެސްޓާގެ ޓްރާންސްފާއަށް ބާސާވެސް ވަނީ މަރުހަބާ ކިޔައިފައެވެ. އަދި ކުރިމަގުގައި އިނިއެސްޓާއަށް އިތުރު ކާމިޔާބީއަށް އެދެމުން ބާސާއިން ބުނެފައިވަނީ ޔަގީނުންވެސް އޭޝިއާއަށް އިނިއެސްޓާގެ ޖާދޫ ފެންނާނެ ކަމަށެވެ.
ބާސާ އެކަޑެމީގެ އެންމެ ވަރުގަދަ އެއް އުފެއްދުމުގެ ގޮތުގައި ފާހަގަކޮށްލެވޭ އިނިއެސްޓާ ވަނީ ބާސާގައި 22 އަހަރު ހޭދަކޮށްފައެވެ.
ބާސާއާއެކު 32 ޓްރޮފީ ހޯދައިފައިވާ އިނިއެސްޓާ ވަނީ ސްޕެއިން ގައުމީ ޓީމާއެކު 2010 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ އިތުރުން ދެ ފަހަރަށް ޔޫރޯވެސް ކާމިޔާބުކޮށްފައެވެ.
ޑިސިޕްލިން ރަނގަޅު، ހުނަރުގެ ގޮތުން ތަފާތު ކުޅުންތެރިއެއްގެ ގޮތުގައި ފާހަގަކޮށްލެވޭ އިނިއެސްޓާ މިހާތަނަށް ގައުމީ ޓީމަށް 129 މެޗު ކުޅެދީ ފީފާ ސެންޗަރީ ކުލަބުގައި ހިމެނިފައިވެއެވެ.
ހަމައެހެންމެ، އިނިއެސްޓާ ވަނީ ވަރަށް ގިނަ ފަހަރު މަތިން ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ދޭ ބަލަންޑޮ އެވޯޑަށް ނޮމިނޭޓުވެފައެވެ.