ކައިވެނީގެ ތެރޭ ނުރުހުމުގައި ޖިންސީ ގުޅުން ހިންގައިފިނަމަ، ހުރިހާ ހާލަތެއްގައި ވެސް އެއީ ރޭޕްކަމަށް ކަނޑައަޅައި ޖިންސީ ކުށުގެ ގާނޫނަށް ގެނައި އެއްވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގުކުރައްވައިފިއެވެ.
މި ގާނޫނަށް ގެނައި އިސްލާހުތަކުގެ ތެރޭގައި ރޭޕްކުރުމާއި، ޖިންސީ އަނިޔާގެ އިތުރުން ޖިންސީ ގޯނާއަކީ ކޮބައިކަން ތަފްސީލުކޮށްވަނީ ބަޔާންކޮށްފައެވެ.
ހަމައެއާއެކު ރޭޕް އެވިޑެންސް ކިޓް ބޭނުންކުރުން ވެސްވަނީ މަޖުބޫރުކަމެއްގެ ގޮތުގައި ކަނޑައަޅައިފައެވެ. އެއާއެކު އެކަމުގެ ހަމަތަކާއި އުސޫލުތައް ވެސް އެ އިސްލާހުގައިވަނީ ބަޔާންކޮށްފައެވެ.
ޖިންސީކުށުގެ ގާނޫނަށް ގެނެސްފައިވާ އިސްލާހުތަކާއެކު، އެ ކުށުގެ ޝިކާރައަށްވެފައިވާ މީހުންނަށް އިންސާފު ލިބޭނެ ކަމަށް އުންމީދުކުރާ ކަމަށް ގުޅިފައިވާ ޖަމިއްޔާތަކުންވަނީ ބުނެފައެވެ.
ވިމެން އެންޑް ޑިމޮކްރެސީ، ހޯޕް ފޯ ވިމެން، އުތެމަ، ފެމިލީ ލީގަލް ކްލިނިކް، އީކުއަލިޓީ ނައު، ފެމް ހެލްތާއި ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ އިތުރުން ރައިޒް އަޕް އެމްވީން ވަނީ ރައްޔިތުންގެ މަޖިލީހުން މި ގާނޫނަށް ގެނައި އިސްލާހުތަކަށްވަނީ މަރުހަބާ ކިޔާފައެވެ.
ޖަމިއްޔާތަކުން ބުނީ ފާސްކޮށްފައިވާ އިސްލާހުތަކުގެ ތެރޭގައި ހާއްސަ ގޮތެއްގައި ރޭޕްގެ ކުށާއި، ޖިންސީ އަނިޔާ އަދި ޖިންސީ ގޯނާގެ ކުށް ސާފު އިބާރާތުން މާނަކުރެވިފައިވުމަކީ މުހިންމު ކުރިއެރުމެއް ކަމަށާއި މިފަދަ ކުށްތަކަކީ ނޭއްގާނީ އަދި ލާއިންސާނީ ބޮޑު ޖަރީމާތަކެއް ކަމަށެވެ.
މިއަދު ރައީސް މި އިސްލާހު ތަސްދީގުކުރެއްވުމާއެކު ގެޒެޓުގައި ޝާއިއުކޮށް އެއަށް އަމަލުކުރަންވަނީ ފަށައިފައެވެ.