ދެ ގައުމަކުން ރާއްޖެއަަށް އަލަށް ކަނޑައެޅި ސަފީރުން، ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް އަރުވައިފިއެވެ.
ސަފީރުކަމުގެ ފަތްކޮޅު ރައީސަށް އަރުވައިފައިވަނީ އޮސްޓްރިއާއިން ރާއްޖެއަށް އަލަށް ކަނޑައެޅި ސަފީރު، ކެތެރީނާ ވީޒާއާއި ޓިއުނީޝިއާއިން ރާއްޖެއަށް ކަނޑައެޅި ސަފީރު ހަޔަތު ތަލްބީއެެވެ.
ސަފީރުކަމުގެ ފަތްކޮޅު އެރުވުމަށްފަހު ދެ ބޭފުޅުން ވެސް ވަނީ ރައީސްއާ ބައްދަލުކުރައްވައިފައެެވެ.
އެގޮތުން އޮސްޓްރިއާގެ ސަފީރާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ދިވެހިންނަަށް އޮސްޓްރިއާ ވިސާ ފަސޭހައިން ލިބޭނެ އިންތިޒާމެއް ހަމަޖެއްސުމާ ބެހޭ ގޮތުން މަޝްވަރާ ކުރައްވައިފައެވެ.
ދެ ބޭފުޅުންގެ އެ ބައްދަލުވުމުގައި ވަނީ ރާއްޖެއާއި އޮސްޓްރިއާއާ ދެމެދު ތައުލީމީ ދާއިރާއިން ގުޅުން ބަދަހިކުރުމަށް މަޝްވަރާކުރައްވައިފައެވެ. އަދި އިންސާނީ ވަސީލަތްތައް ތަރައްގީކުރުމާ ގުޅޭ ގޮތުން ވެސް ވަނީ މަޝްވަރާކުރައްވައިފައެވެ.

އޮސްޓްރިއާއިން ރާއްޖެއަށް އަލަށް ކަނޑައެޅި ސަފީރު، ކެތެރީނާ ވީޒާއާއި ރައީސް ސޯލިހު މަޝްވަރާ ކުރެއްވުން -- ފޮޓޯ/ ރައީސް އޮފީސް
ހަމައެއާއެކު ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށާއި، މޫސުމަށް އަންނަ ބަދަލުތަކާ ބެހޭގޮތުން ވެސް ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ. މީގެ އިތުރުން ކޮވިޑުގެ ހާލަތާ ގުޅޭ ގޮތުން މަޝްވަރާކޮށްފައިވާއިރު ސަފީރު ކެތެރީނާވަނީ މި ބަލިން ދިފާއުވުމަށް ރާއްޖެއިން ކުރި މަސައްކަތްތަކަށް ތައުރީފްކުރައްވައިފައެވެ.
ޓިއުނީޝިއާއިން އަލަށް ކަނޑައެޅުއްވި ސަފީރު ތަލްބީއާއެކު ވެސް ރައީސްވަނީ ގިނަ ކަންތައްތަކެއްގައި މަޝްވަރާކުރައްވައިފައެވެ.
އެގޮތުން ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށް ވަނީ މަޝްވަރާކޮށްފައެވެ. އަދި ދެ ގައުމުން ވެސް ބޭނުންވާ އަމާޒަށް ވާސިލުވާން ޓިއުނީޝިއާއާއެކު ރާއްޖެއިން މަސައްކަތްކުރާނެކަމަށް ރައީސް ވިދާޅުވިއެެވެ.

ޓިއުނީޝިއާއިން ރާއްޖެއަށް ކަނޑައެޅި ސަފީރު ހަޔަތު ތަލްބީއާއި ރައީސް ސޯލިހު މަޝްވަރާ ކުރެއްވުން -- ފޮޓޯ/ ރައީސް އޮފީސް
ހަމައެއާއެކު ރައީސްވަނީ އދ.ގައާއި، އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ފަދަ ބައިނަލްއަގްވާމީ ފަރާތްތަކާއި ގުޅިގެން އިންސާނީ ހައްގުތަކަސް ވަކާލާތުކޮށް ޓެރަރިޒަމާ ދެކޮޅަށް މަސައްކަތްކޮށް، ސަލާމަތީ ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ.