މި ސަރުކާރުގެ ފްލެޓް މަޝްރޫއަށް ޗައިނާއިން ލޯނެއް ނުދިން

މާޗް 10، 2020: ހުޅުމާލޭ ފޭސް 2ގައި އިމާރާތްކުރާ 1،700 ހައުސިން ޔުނިޓުގެ ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މި ސަރުކާރުން މާލެ ސަރަހައްދުގައި ބިންގާއެޅި 1700 ހައުސިން ޔުނިޓުގެ ފުރަތަމަ ހައުސިން މަޝްރޫއަށް ބޭނުންވާ ލޯނުގެ ފައިސާ ނުދޭން ބޭންކް އޮފް ޗައިނާއިން ނިންމައިފިއެވެ.

ލޯނު ހަމަނުޖެހޭކަން ހާމަކޮށްފައިވަނީ ސަރުކާރު މަަޝްރޫތަކުގެ މައުލޫމާތު ހާމަކުރާ އައިލްސް ވެބްސައިޓުގައެވެ. އެގޮތުން އެ ވެބްސައިޓުގައި ބުނެފައިވަނީ އެ މަޝްރޫއަށް ބޭނުންވާ 85 ޕަސެންޓު ފައިސާ ހޯދުމަށް މަޝްރޫގެ ކޮންޓްރެކްޓަރަށް ދަތިތަކާ ކުރިމަތިވަމުން އަންނަކަަމަށެވެ.

އެގޮތުން އެންމެ ފުރަތަމަ މަޝްރޫއަށް ލޯނު ދިނުމަށް ބޭންކް އޮފް ޗައިނާއިން ނިންމި ނަމަވެސް މިހާރު އެ ނިންމުން އަނބުރާ ގެންގޮސްފައިވާކަމަށް ވެސް ބުންޏެވެ.

އެ މަޝްރޫއުގެ ދަށުން އަޅަން ހަމަޖެހިފައި ވަނީ 15 އަދި 16 ބުރީގެ 11 ޓަވަރެވެ. އެ 11 ޓަވަރުގައި 1700 ހައުސިން ޔުނިޓު ހުންނާނެއެވެ. އެ އިމާރާތްތަކުގައި ހަދަނީ ދެ ކޮޓަރި އާއި ތިން ކޮޓަރީގެ އެޕާޓްމަންޓެވެ.

މީގެ ތެރެއިން ތިން ކޮޓަރީގެ އެޕާޓުމެންޓުގައި 900 އަކަފޫޓު އަދި ދެކޮޓަރީގެ އެޕާޓުމެންޓުގައި 680 އަކަފޫޓު ހުންނާނެކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމްވަނީ ވިދާޅުވެފައެވެ.

މި މަޝްރޫއު ހަވާލުކޮށްފައިވަނީ ޗައިނާގެ ސައިނޯ ހައިޑްރޯ ކުންފުންޏާއެެވެ. މަޝްރޫގެ މަސައްކަތުގެ ބިންގާ އަޅައިފައިވަނީ މިދިޔަ އަހަރުގެ މާޗު މަހުގެ ތެރޭއެވެ. މި މަޝްރޫއު ދެ އަހަރު ތެރޭ ނިންމާލެވޭނެކަމަށް މީގެ ކުރިން ސަރުކާރުން ވަނީ ބުނެފައެވެ.

ނަމަވެސް މީގެ ކުރިން ވެސް މިނިސްޓަރު އަސްލަމްވަނީ މަޝްރޫގެ މަސައްކަތް ފެށިދާނެކަމާމެދު ސުވާލު އުފައްދަވަައިފައެވެ.

https://sun.mv/149475

އެގޮތުން ފެބްރުއަރީ މަހުގެ ތެރޭގައި އެ މަޝްރޫއާ ގުޅޭ ގޮތުން ނޫސްވެރިއަކު ސުވާލު ކުރުމުން މިނިސްޓަރު ވަނީ މަޝްރޫއުގެ ލޯން އެގްރިމެންޓު އެއިރު ވެސް ހަމަނުޖެހޭކަމަށް ވިދާޅުވެފައެވެ.

comment ކޮމެންޓް