ކޮވިޑްގެ ވޭރިއަންޓްތައް ދެނެގަނެވޭ ޓެސްޓު ހެދުމަށް މެޑިފްލެކްސްއިން ތައްޔާރުވެއްޖެ

މެޑިފްލެކްސް ލެބުގައި ޓެސްޓެއް ހަދަނީ---

ރާއްޖޭގައި އުޅޭ ކޮވިޑްގެ ވޭރިއަންޓްތައް ދެނެގަތުމަށް ހަދަން ޖެހޭ، ޖީން ސީކުއެންސް ޓެސްޓުތައް ހަދަން މެޑިފްލެކްސް އިން ތައްޔާރުވެއްޖެއެވެ.

ރާއްޖެއިން މިހާރު ޖީން ސީކުއެންސް ހަދަމުން އަންނަނީ އިންޑިއާއަށް ފޮނުވައިގެންނެވެ. ސީކުއެންސިންއަށް ފޮނުވާ ސާމްޕަލްތަކުގެ ނަތީޖާ ލިބެނީ ދެތިން ހަފްތާއިންނެވެ.

ފުޅާ ދާއިރާއެއްގައި މެޑިކަލް އިކުއިޕްމަންޓް ސަޕްލައި ކުރާ މެޑްޓެކް މޯލްޑިވްސްގެ ދަށުން ހިންގާ މެޑިފްލެކްސް އިން ބުނީ، އެ ކުންފުނިން ޖީން ސީކުއެންސިން ޓެސްޓު ހަދަން ހަމަޖެހިފައިވަނީ އެމެރިކާގެ އިލުމިނާއާ ކުންފުންޏާ ގުޅިގެން ކަމަށެވެ. އިލުމިނާއާ ކުންފުންޏަކީ އެމެރިކާގައި ޖީން ސީކުއެންސިންގައި އެންމެ ކުރީގައި އުޅޭ ކުންފުންޏެވެ.

މެޑިފްލެކްސް ލެބުގައި ގާއިމްކޮށްފައިވާ ސީކުއެންސިން ރޫމް--

މެޑިފްލެކްސް އިން ބުނީ އެ ޓެސްޓުތައް ފެށުމަށް ޓަކައި ވާން ޖެހޭ ގިނަ ތައްޔާރީތައް ވެ މިހާރު ނިމިފައިވާ ކަމަށެވެ. އެގޮތުން އިލުމިނާގެ އިސްވެރިން ރާއްޖެ ވަޑައިގެން މެޑިފްލެކްސްގެ މުވައްޒަފުންނަށް ތަމްރީނު ދީފައިވާ ކަން ފާހަގަކުރިއެވެ. އަދި މިހާތަނަށް ޓެސްޓު ސާމްޕަލްތަކުގެ ގޮތުގައި 24 ސާމްޕަލެއްގެ ސީކުއެންސިން ޓެސްޓު މިދިޔަ ހަފްތާ ތެރޭގައި އެ ލެބުގައި ވަނީ ހަދައިފައެވެ.

ހެލްތް މިނިސްޓްރީން އެކަމަށް ހުއްދަ ދިން ހާ އަވަހަށް، އެ މަސައްކަތް ފަށާނެ ކަން މެޑިފްލެކްސްއިން ފާހަގަކުރާއިރު، ކޮވިޑްގެ އެންމެ ފަހުގެ ވޭރިއަންޓް އޮމިކްރޯން ރާއްޖެއިން ފެނިފައިވަނީ ވެސް ޓެސްޓު ބުރެއްގައި މެޑިފްލެކްސިން އިން ހެދި ޓެސްޓު ތަކަކުންނެވެ.

މެޑިފްލެކްސުން ބުނީ އެ ކުންފުނީގެ އެންމެ ބޮޑު އަމާޒަކީ ރާއްޖޭގައި ނެތް ހިދުމަތެއް ފެށުން ކަމަށެވެ. އަދި އަލަށް މި ހަދަން ފަށާ ސީކުއެންސިން އާއެކު ކުރިން ދެ ހަފްތާ ތެރޭގައި ލިބެމުން ދިޔަ ނަތީޖާތައް، ރާއްޖެއިން ދެ ދުވަހެއް ތެރޭގައި ލިބޭނެ ކަމަށް އެ ލެބުން ފާހަގަކުރެއެވެ.

މެޑިފްލެކްސްގައި މިކަމަށް ގާއިމްކުރި ޖިނޯމް ސީކުއެންސިން ސެކްޝަނުން، ކޮވިޑްގެ ވޭރިއަންޓުތައް ދެނެގަތުމުގެ އިތުރުން ކެންސަރު ފަދަ ބޮޑެތި ބަލިތަކުގެ ވައްތަރާއި މީހާގެ ނަސްލު ދެނެގަތުން ފަދަ ޓެސްޓުތައް ވެސް ހެދޭނެއެވެ.

comment ކޮމެންޓް