ބަންގްލަދޭޝް މުބާރާތް: ނަބާ އާއި ނަބީއަށް ލޯ މެޑަލް

ސައިތު އޭޝިއަން ގޭމްސްގައި ނަބީ އާއި ނަބާ: އެ ދެ ކުޅުންތެރިން ވަނީ ދުނިޔޭގެ ރޭންކިންގެ ގަދަ 100 ގައި ހިމެނިފައި --- ފޮޓޯ: އެމްއޯސީ

ރާއްޖޭގެ ބެޑްމިންޓަނުގެ ގިނަ ރެކޯޑްތަކެއް މުގުރަމުން އަންނަ ޒުވާން ދެބެން ކަމަށްވާ އައިމިނަތު ނަބީހާ (ނަބީ) އާއި ފާތިމަތު ނަބާހާ (ނަބާ) މިހާރު ބަންގްލަދޭޝްގައި ކުރިއަށްދާ އިންޓަނޭޝަނަލް ޗެލެންޖް ބެޑްމިންޓަން މުބާރާތުން ލޯ މެޑަލް ހޯދައިފިއެވެ.

މި މުބާރާތުގައި ނަބީ އާއި ނަބާގެ ޕެއާއިން ލޯ މެޑަލް ހޯދީ މުބާރާތުގެ އަންހެން ޑަބަލްސް ކެޓަގަރީގައި އިއްޔެ ސެމީ ފައިނަލަށް ދަތުރުކުރުމަށްފަހު ކުޅުނު މެޗުންނެވެ. ސެމީގައި ރާއްޖޭގެ ޕެއާ ބަލިވީ އިންޑިއާގެ އިންޑިއާގެ މެހްރީން ރިޒާ އާއި އަރާތީ ސާރާ ސުނިލްގެ ޕެއާއާ ވާދަކޮށެވެ.

ސެމީއާ ހިސާބުން ކަޓައި ޓީމުތަކަށް ބްރޯންޒް މެޑަލް ލިބޭ އިރު، ނަބީ އާއި ނަބާ ވަނީ މީގެ ކުރިން އަންހެން ޑަބަލްސް އިން ރާއްޖެ އަށް ބައިނަލްއަގުވާމީ ނުވަ މެޑަލް ހޯދައިދީފައެވެ. އެއީ ރަން މެޑަލަކާއި ހަތަރު ރިހި މެޑަލް އަދި ހަތަރު ލޯ މެޑަލްއެވެ. އެއާއެކު މި މުބާރާތުން ލިބުނު ލޯ މެޑައްޔާއެކު ދެބެން ވަނީ ޖުމުލަ 10 މެޑަލް ބައިނަލް އަގުވާމީ މައިދާނުގައި ޑަބަލްސް އިވެންޓުން ހޯދައިފައެވެ.

ނަބާއާއި ނަބީގެ ޕެއާއިން ސެމީގައި ވާދަކުރި މެޗުގައި، މެހްރީން އާއި އަރާތީގެ ޕެއާ އިން ވަނީ 21-14 އާއި 21-02 އިން ސެޓުތައް ގެންގޮސް މެޗުން މޮޅުވެފައެވެ.

މި މެޑައްޔާއެކު ރާއްޖޭގެ ޒުވާން ޕެއާ ވެގެން ގޮސްފައިވަނީ ރާއްޖޭގެ ތާރީހުގައި ވެސް ބެޑްމިންޓަންގެ އިންޓަނޭޝަނަލް ޗެލެންޖް ލެވަލް މުބާރާތަކުން މެޑަލް ހޯދި ފުރަތަމަ ކުޅުންތެރިންނަށެވެ.

މީގެ ކުރިން ވެސް ބެޑްމިންޓަންގެ ބައިނަލްއަގުވާމީ ގިނަ މުބާރާތްތަކަކުން ރާއްޖެއިން ކުރިއަށް ގޮސް ވަނަ ވެސް ހޯދައިފައިވާ އިރު، އެ މުބާރާތްތަކަކީ ފިއުޗާ ސީރީސް ފަދަ މުބާރާތްތަކެވެ. ޗެލެންޖް މުބާރާތްތަކަކީ ސީރީސް މުބާރާްތްތަކަށް ވުރެ ލެވަލް މަތި މުބާރާތްތަކެކެވެ.

ނަބާ އާއި ނަބީގެ ޕެއާ މި މުބާރާތަށް ފަހު ދެން ވާދަކުރާނީ މި މަހު 12-19 އަށް ސްޕެއިނުގައި ބާއްވާ ބެޑްމިންޓަން ވޯލްޑް ޗެމްޕިއަންޝިޕްގަ އެވެ. މިއީ ރާއްޖޭގެ ބެޑްމިންޓަން ކުޅުންތެރިންތަކެއް ދުނިޔޭގެ މުބާރާތުގައި ވާދަކުރާނެ ފުރަތަމަ ފަހަރެވެ. ނަބާ އާއި ނަބީގެ ޕެއާ އަކީ އަންހެން ޑަބަލްސްގައި ދުނިޔޭގެ 117 ވަަނަ އެވެ.

comment ކޮމެންޓް