ބެލުންތެރިންގެ އިންތިޒާރަށް ނިމުމެއް! "ސޫރްޔަވަންޝީ" ނެޓްފްލިކްސްއަށް!

ބޮލީވުޑްގެ މަޝްހޫރު ފިލްމް ޑައިރެކްޓަރު ރޯހިތު ޝެޓީގެ ފިލްމް "ސޫރްޔާވަންޝީ" ނެޓްފްލިކްސްއަށް ނެރެފިއެވެ.

ނޮވެންބަރު މަހުގެ ފަސް ވަނަ ދުވަހު ރިލީޒްކޮށް، ބޮކްސް އޮފީހުގައި 100 ކްރޯޑް ރުޕީސް އަށް ވުރެ ބޮޑު އާމްދަނީއެއް ހޯދާފައިވާ އަކްޝޭ ކުމާރުގެ ފިލްމު "ސޫރިޔަވަންޝީ" މަހެއްހާ ދުވަސް ފަހުން މިވަނީ ނެޓްފްލިކްސް އަށް ގެނެސްފައެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ނެޓްފްލިކްސް އިން އެ ފިލްމު ޕްރީމިއާ ކޮށްފައިވާއިރު، އެ ކުންފުންޏަށް ފިލްމުގެ ޑިޖިޓަލް ރައިޓްސް ވިއްކާލީ 75- 100 ކްރޯޑް ރުޕީސް އާ ދެމެދުގެ އަގެއްގައެވެ.

މި ފިލްމް މިދިޔަ އަހަރުގެ މާޗްގައި ރިލީޒް ކުރަން ހަމަޖެހިފައިވީ ނަމަވެސް، ކޮވިޑްގެ ނުރައްކާ ބޮޑުވުމުގެ ސަބަބުން "ސޫރިއަވަންޝީ" ފަސްކުރަން ޖެހުނެވެ. ނަމަވެސް އެއަށްފަހުވެސް ވަރަށް ގިނަ ސްޓްރީމް ޕްލެޓްފޯމްތަކުން ޑިޖިޓަލް ޕްރީމިއާއަކަށް ދާން ހުށަހެޅުންތައް ހުށަހެޅި އެވެ.

އެކަމަކު ސިނަމާތަކުގައި ނޫނީ ފިލްމު ނާޅުވަން ނިންމައި، މި އަހަރަށް ފިލްމު ފަސްކުރީ އެވެ. އަދި ނޮވެންބަރު މަހުގެ ފަސް ވަނަ ދުވަހު ސިނަމާގައި މި ފިލްމް އެޅުވިއިރު އެތައް ބައެއްގެ ތަރުހީބު މި ފިލްމަށް ވަނީ ލިބިގެން ގޮސްފައެވެ. ހާއްސަކޮށް ފިލްމަގެ ލީޑް ތަރި އަކްޝޭ ކުމާރުގެ އެކްޓިން ބެލުންތެރިންނަށް ވަނީ ވަރަށް ކަމުގޮސްފައިވެއެވެ. އަދި އަކްޝޭއާއެކު ފެނިގެންދިޔަ ކެޓްރީނާގެ އެކްޓަށްވެސް ބޮޑު ތަރުހީބެއް ލިބިފައިވެއެވެ.

މި ފިލްމުގެ އެންމެ ހާއްސަ ކަމަކަށް ގިނަ ބަޔަކު ގަބޫލުކުރަނީ ފިލްމުގައި ހިމަނާފައިވާ "ޓިޕް ޓިޕް ބަރްސާ ޕާނީ" މި ލަވައެވެ. މި ލަވައަށްވެސް ބޮޑު ތަރުހީބެއް ލިބިފައިވާއިރު ބެލުންތެރިން ދެކޭ ގޮތުގައި މި ފިލްމަކީ ހުރިހާ ރަހަތަކެއްވެސް ހެޔޮވަރު ފިލްމެކެވެ.

މި މަހުގެ ތިން ވަނަ ދުވަހު ނެޓްފްލިކްސައަށް މި ފިލްމް ނެރެފައިވާއިރު ނެޓްފްލިކްސްގެ އެންމެ މަގުބޫލު ފިލްމްތަކުގެ ތެރޭގައި މި ފިލްމް ހިމެނެއެވެ.

comment ކޮމެންޓް