އޮކްޓޯބަރު މަހު ރިޒާވް ވަނީ ހަތް ޕަސެންޓު ދަށް ވެފައި: އެމްއެމްއޭ

ސެޕްޓެމްބަރ 7، 2021: އިދާރީ ބޭންކް އެމްއެމްއޭ އަށް މީހަކު ވަންނަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މި އަހަރުގެ ސެޕްޓެމްބަރު މަހާއި އޮކްޓޯބަރު މަހާ އަޅައިބަލާއިރު އޮކްޓޯބަރު މަހު ރިޒާވްގައި ހުރި ފައިސާގެ އަދަދު ހަތް ޕަސެންޓު ދަށްވެފައިވާކަމަށް މޯލްޑިވްސް މަނިޓަރި އޮތޯރިޓީ (އެމްއެމްއޭ)އިން ބުނެފިއެވެ.

އެމްއެމްއޭއިން މި މަހު އާންމުކުރި އިކޮނޮމިކް އަޕްޑޭޓްގައި ބުނީ ރިޒާވްގައި ސެޕްޓެމްބަރު މަަހުގެ ނިޔަަލަށް ޖުމްލަ އެއް ބިލިއަން ޑޮލަރު ހުންނާނެކަމަށެވެ. ނަމަވެސް އޮކްޓޯބަރު މަސް ނިމުނު އިރު އެ އަދަދު 947.6 މިލިއަން ޑޮލަރަށް ދަށްވެފައިވާ ކަމަށެވެ.

ނަމަވެސް އެމްއެމްއޭއިން ބުނީ މިއީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހާ އަޅައިބަލައި އިރު އިތުރުވުމެއް ކަމަށެވެ. މިދިޔަ އަހަރުގެ އޮކްޓޯބަރު މަސް ނިމުނު އިރު ރިޒާވްގައި ހުރީ 638.1 މިލިއަން ޑޮލަރެވެ.

އެމްއެމްއޭއިން އާންމުކުރި އިކޮނޮމިކް އަޕްޑޭޓްގައިވަނީ މި އަހަރުގެ ސެޕްޓެމްބަރު މަހު ކުރި ހަރަދުގެ މިންވަރު މިދިޔަ އަހަރުގެ ސެޕްޓެމްބަރާ އަޅައި ބަލާއިރު 18 ޕަސެންޓު އިތުރުވެފައިވާކަމަށް ބުނެފައެވެ. އަދި ރިކަރެންޓް ހަރަދުތައް ވެސް 166.3 މިލިއަން ރުފިޔާއިން އިތުުރެވެފައިވާކަމަށް ބުނެފައެވެ.

އެމްއެމްއޭއިން އަންނަނީ ކޮންމެ މަހަކު ވެސް މާލީ ހާލަތާ ގުޅޭ ރިޕޯޓްތައް އާންމުކުރަމުންނެވެ. އެގޮތުން މި ރިޕޯޓުތަކުގައި އިގްތިސާދީ ހާލަތަށް ވެސް އަލިއަޅުވައިލައިފައި ހުރެއެވެ.

އޮކްޓޯބަރު މަހުގެ ތެރޭގައި ރާއްޖޭގެ އިގްތިސާދީ ހާލަތަށް ރިއާޔަތްކޮށް ބައިނަލްއަގްވާމީ ކްރެޑިޓް ރޭޓިން އިދާރާ ފިޗުން ރާއްޖޭގެ ރޭޓިން ބީ ނެގެޓިވަށް ވަނީ މަތިކޮށްފައެވެ.

ބީ ނެގެޓިވަށް ރޭޓިން މަތިކުރުމުގެ ކުރިން ރާއްޖޭގެ ރޭޓިން ހުރި ސީސީސީގައެވެ.

ފިޗުން ބުނީ ރާއްޖޭގެ ރޭޓިން މަތިކޮށްފައިވަނީ އެ އިދާރާއިން ރާއްޖޭގެ އިގްތިސާދީ ހާލަތު އޮންނާނެ ގޮތް ލަފާކުރި ވަރަށްވުރެ އިތުރަށް އިގްތިސާދު ރަނގަޅުވެފައިވާތީކަމަށެވެ.

comment ކޮމެންޓް