ރައީސް ޔާމީންގެ ރަނިންމޭޓްކަން ގަބޫލު ކުރުމުން، ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުނު: ޝަހީމް

ކުރީގެ އިސްލާމިކް މިނިސްޓަރު، ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު -- ފޮޓޯ/ ޕީޕީއެމް

އިސްލާމީ އިލްމުވެރިއެއްގެ ގޮތުގައި ހުރެ, 2018 ވަނަ އަހަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ރަނިންމޭޓްކަން ގަބޫލު ކުރުމުން ވަރަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުނު ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު އަދި ޕީއެންސީގެ އެޑްވައިޒަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން މިނިވަން ވުމުގެ އުފަލުގައި ރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޝަހީމް ވިދާޅުވީ ޔާމީންގެ ރަނިންމޭޓްކަން ގަބޫލު ކުރުމުން އޭނާގެ ގާތް ރަހުމަތްތެރީންގެ ފަރާތުން ވެސް ގިނަ ފާޑުކިޔުންތަކެއް އަމާޒުވި ކަމަށެވެ.

"އިސްލާމީ އިލްމުވެރިއެއްގެ ގޮތުގައި ހުރެ، ވަގަކަށް ތާއީދުކުރި ކަމަށް ބުނެ އަޅުގަނޑުގެ އިއްޒަތާ ކަރާމަތް ނަގާލަން މަސައްކަތްކުރި. އަޅުގަނޑުގެ ގާތް ރަހުމަތްތެރިންގެ ފަރާތުން ވެސް ގިނަ ފާޑުކިޔުންތަކެއް އަމާޒުވި،" ޝަހީމް ވިދާޅުވިއެވެ.

ޝަހީމް ވިދާޅުވީ ނަމަވެސް ރާއްޖޭގެ އަދުލުގެ އެންމެމަތީ ނިޒާމުން، ރައީސް ޔަމީންގެ މައުސޫމުކަން ކަނޑައެޅި ވަގުތަކީ އުފާވެރިކަމުގެ ކަރުނަ ލޮލުން ހިލުނު ވަގުތެއް ކަމަށެވެ. އަދި ވިދާޅުވީ ރައީސް ޔާމީނަކީ އޭރުވެސް، މިހާރުވެސް ދައުލަތުގެ މުދަލުން ވައްކަން ކުރައްވާނެ ބޭފުޅެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

އޭނާ ވިދާޅުވީ ދިވެހި ރައްޔިތުންނަށް، ރައީސް ޔާމީން ފެނުނީ ވަރަށް ތަފާތު ޝަހުސިއްޔަތެއްގެ ގޮތުގައި ކަމަށެވެ. އިންސާފުގެ ކުރިމަތީގައި އިހުތިރާމުގެ އިސް ޖެއްސެވި ބޭފުޅެއްގެ ގޮތުގައި ކަމަށެވެ.

"ރައީސް ޔާމީން ފެނުނީ އަމިއްލަ ނަފުސުގެ ދިފާއުގައި ވަކާލާތު ކުރައްވަމުން ގެންދެވި، ވަރުގަދަ ޝަހުސިއްޔަތެއްގެ ގޮތުގަ. ޝަރިއަތުގެ ކުރިމަތީގަ އިލްމީ ހުއްޖަތާ ބުރުހާންގެ އަލީގަ މައުސޫމްކަން ސާބިތުކޮށްދެއްވުމަށް އެމަނިކުފާނު އެ ކުރެއްވި ވަކާލާތަކީ އެއީ ދިވެހީން އަދުލުގެ ތާރީހުގައި ވެސް ރަން އަކުރުން ލިޔަންޖެހޭ ވާހަކަތަކެއް،" ޝަހީމް ވިދާޅުވިއެވެ.

ޝަހީމް ވިދާޅުވީ ޖަލުގައި ޔާމީން އޮންނެވި ދުވަސްކޮޅު، ބައެއް ގައުމުތަކުން އެމަނިކުފާނަށް މެހެމާންދާރީ ވެސް އެރުވި ކަމަށެވެ. ނަމަވެސް ސަތޭކަ އަހަރު ޖަލުގައި އޮންނަވަން ޖެހުނަސް ޔާމީނަކީ ގައުމު ދޫކޮށް ފިއްލަވާނެ ބޭފުޅެއް ނޫންކަން ރައްޔިތުންނަށް މިއަދު އެނގި ކަށަވަރު ވެއްޖެ ކަމަށެވެ.

އޭނާ ވިދާޅުވީ މި ގައުމުގެ މިނިވަންކަން ދެމެހެއްޓުމުގެ ޒައާމަތަކީ ރައީސް ޔާމީންގެ ޒައާމަތު ކަމަށެވެ. ޝަހީމް ވިދާޅުވީ ރާއްޖޭގެ އިސްލާމީ ކުރިބޯށިތައް ވައްޓައެއް ނުލެވޭނެ ކަމަށާއި އަދި ގައުމުގެ މިނިވަންކަމާ ސިޔާދަތުގައި އެންމެ ރެނދެއް ވެސް އަޅުވާލުމަކީ ކުޅަދާން ކަމެއް ނޫން ކަމަށެވެ.

"މާތްﷲގެ އިރާދަފުޅާއެކު ރައީސް ޔާމީންގެ ޒައާމަތުގައި ބޭރުގެ އަސްކަރީ ބާރުތައް އަޅުގަނޑުމެން ނެރޭނަން،" ޝަހީމް ވިދާޅުވިއެވެ.

ޝަހީމް ވިދާޅުވީ މާޔޫސް ވުމުގެ މަރުހަލާ މިހާރު ނިމިއްޖެ ކަމަށާއި އެހެންކަމުން މި ވަގުތަކީ ޕީޕީއެމްގެ އަޒުމު އައު ކުރަންޖެހޭ ވަގުތު ކަމަށެވެ. އަދި ވިދާޅުވީ ޕީޕީއެމްގެ ޒައާމަތެއް ރާއްޖޭގައި ގާއިމު ކުރަންޖެހޭ ކަމަށާއި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެ މަންޒަރު ފެންނާނެ ކަމަށެވެ.

"ދެން އޮތީ ހިތްވަރާ އަޒުމުގެ މަރުހަލާ. ޕީޕީއެމްގެ ވެރިކަމެއް ދެހާސް ތޭވީހުގައި ގާއިމު ކުރަން އެބަޖެހޭ،" ޝަހީމް ވިދާޅުވިއެވެ.

ޕީޕީއެމުން ބުނީ ރޭގެ ޖަލްސާ އަކީ އެ ޕާޓީއަށް ވަރަށް ތާރީހީ ޖަލްސާއެއް ކަމަށާއި އެގޮތީ، ފާއިތުވީ ދެ އަހަރަށްފަހު، ރައީސް ޔާމީން ސިޔާސީ ޕޯޑިއަމެއްގައި ވާހަކަފުޅު ދެއްކެވި ޖަލްސާ ކަމަށެވެ.

comment ކޮމެންޓް