ވަކި ގައުމަކާ ޖެހިގަތުން، ތިޔަ ކުޅެނީ އަލިފާނާ

"މިނިވަންކަމުގެ ދިފާއުގައި ދިވެހީން" ނަމުގައި އިދިކޮޅުން ކުރިއަށްގެންދާ ގައުމީ ހަރަކާތުގެ ތެރެއިން ބޭއްވި ސުލްހަވެރި ހަރަކާތުގެ ތެރެއިން -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

އިންޑިއާއިން ނުދީފިއްޔާ ދިވެހީން ތިބޭނީ ނުކައި ކަމަށް ސިޔާސީ އެއްބަޔަކު ބުނެއެވެ. އަނެއް ބަޔަކު ބުނަނީ ޗައިނާއިން އެހީ ނުވިއްޔާ ރާއްޖޭގައި ތަރައްގީ މަޝްރޫތައް ނުހިންގޭނެ ކަމަށެވެ. ނަމަވެސް އެ ދެ ވާހަކައަކީ ވެސް އެ ސިޔާސީ މީހުން އެ މީހުންގެ އަމިއްލަ އެދުމަށް ދައްކާ ހޮޅި ވާހަކައެކެވެ. ވަކި ގައުމެއްގެ އުނގަށް ސިޔާސީ މީހުން ވެއްޓެނީ އަމިއްލަ ފައިދާއަށެވެ. އެ ފައިދާ ނެގުމަށް ތިމާމެން އެ ގައުމެއް ބުނިހާ ކަމެއް ކުރަނީއެވެ. އޭގެ ތެރެއިން ތިމާއަށް އެހީވާ ގައުމާ ވާދަވެރި އަނެއް ގައުމާ ޖައްސާލައި އެއަށް މިއަށް ގޮވަނީއެވެ. ސުވާލަކީ މިއީ ހަމަ މިކަން ކުރަން ޖެހޭ ގޮތްތޯއެވެ؟

ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދިގު 30 އަހަރަށް ބަލާއިރު ޖުމުލަކޮށް ފެންނަން އޮތީ ވަރަށް ހަރުދަނާ ހާރިޖީ ސިޔާސަތަކެވެ. އެއްވެސް ގައުމެއްގެ އުނގަކަށް ނުވެއްޓެވެ. ގައުމުތަކާ ބާއްވަމުން ދިޔައީ ޑިޕްލޮމެޓިކް ރަނގަޅު ގުޅުމެކެވެ. ގިނަ ގައުމުތަކަކުން ރާއްޖެއަށް ގިނަ އެހީތަކެއް ހޯދިއެވެ.

އެތައް ހާސް މަޝްރޫއެއް ހިލޭ ސާބަހަށް ހިންގިއެވެ. ނަމަވެސް ރައީސް މުހައްމަދު ނަޝީދު ވެރިކަމާ ހަވާލުވެވަޑައިގެން އެ ސިޔާސަތު އަނެއް ކޮޅަށް ޖެއްސެވިއެވެ. އެމަނިކުފާން މިހާރެކޭ އެއްގޮތަށް އޭރު ވެސް އިސްކުރެއްވީ އިންޑިއާއެވެ. މާބޮޑަށެވެ. އޭގެ ފަހުން ވެރިކަމާ ހަވާލުވެވަޑައިގެން ރައީސް އަބްދުﷲ ޔާމީން ވެސް ގެންގުޅުއްވީ ވަކި ގައުމަކަށް މާބޮޑަށް ބަރޯސާވާ ހާރިޖީ ސިޔާސަތެކެވެ. ޔާމީން ގާތްކުރެއްވީ އަވައްޓެރި އިންޑިއާއާ އެންމެ ވާދަވެރި ޗައިނާއެވެ. އެއީ ވެސް މާބޮޑަށެވެ.

ޗައިނާއާ ދެކޮޅަށް ޒުވާނުންތަކެއް މާލޭގައި ކުރި މުޒާހަރާ -- ސަން ފޮޓޯ/ އިސްމާއިލް ޝާކިރު

މިހާރުގެ ހާލަތަށް ބަލާއިރު މިއޮތީ އޭގެ އަނެއް ކޮޅެވެ. ހަގީގަތަށް ބުންނަންޏާ މި ސަރުކާރަށް އިންޑިއާއާ ނުލައި އެއްކަމެއްވެސް ނުވެއެވެ. ހާރިޖީ ސިޔާސަތަށް ބެލިޔަސް، ޕްރޮޖެކްޓެއް ހިންގިޔަސް މުޅިން އިސް ކުރަނީ އިންޑިއާއެވެ. ބައެއް މިނިސްޓަރުންނާއި ސަރުކާރުގެ މަޖިލިސް މެމްބަރުންގެ އިތުރުން ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުންގެ އަމަލުތައް ހުރީ ކަންބޮޑުވާން ޖެހޭ ދަރަޖައިގައެވެ. އިންޑިއާއިން ބޭނުންވެއްޖެ ނަމަ ރާއްޖެ ހިފޭނެއޭ ވެސް އެބަ އެގައުމުތަކުގެ ނޫސްތަކުގައި ވިދާޅުވެއެވެ.

ބޮޑު ދެބާރުގެ ހަނގުރާމައަށް ކުޑަކުޑަ ރާއްޖެ

އިންޑިއާ އާއި ޗައިނާއަށް ބަލާއިރު މިއީ ދުނިޔޭގެ އެންމެ ބޮޑެތި ބާރުތަކުގެ ތެރޭގައި ހިމެނޭ ދެ ގައުމެވެ. އިންޑިއާ އާއި ޗާއިނާއަކީ އެއްއިރެއްގައި ވެސް މާ ގުޅުން ރަނގަޅު ދެ ގައުމެއް ނޫނެވެ. އަނެއްކޮޅުން ޗައިނާއަކީ އިންޑިއާގެ އެންމެބޮޑު ދުޝްމަނުންގެ ގޮތުގައި ފާހަގަކުރެވޭ ޕާކިސްތާނުގެ އެންމެގާތް އެކުވެރިޔާ އެވެ. މީގެ ކުރިން އެ ދެގައުމުން ވަނީ ހިމާލިޔާ ބޯޑަރު ކައިރީ ސަރަހައްދެއްގެ މިލްކުވެރިކަމުގައި ވަރަށް ވަރުގަދަ ހަނގުރާމައެއް ވެސް ކޮށްފައެވެ. އެހާ ނުރައްކާ ވާދަވެރި ކަމެއްގެ ތެރެއަށް ރާއްޖެ ފަދަ ކުޑަ ގައުމަކުން ވަންނައިރު އެ ހަދަނީ ބޮޑު ގޯހެކެވެ.

ޔާމީންގެ ވެރިކަން ނިމުމަކަށް ގެންނަން އޭރުގެ އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރިއިރު އެންމެ ބޮޑަށް ވިއްކި އެކައްޗަކީ އެ ސަރުކާރުން ކުރި ކަމަށް ބުނާ ވައްކަންތަކެވެ. އަނެއް ކަމަކީ ޗައިނާއަށް ރާއްޖެ ދަރާ ވިކިއްޖެކަމެވެ. ޔާމީންގެ ވެރިކަމުގައި ރާއްޖޭގައި އޭގެ ކުރިން ނުހިންގާފަދަ ބޮޑެތި އެތައް މަޝްރޫއެއް ހިންގިއިރު އެކަންކަން ކުރީ ޗައިނާގެ އެހީ އާއި ލޯންގެ ފައިސާގައެވެ.

އެހެންވެ، އެއީ ޗައިނާއަށް ރާއްޖެ ވިކުން ކަމަށް އޭރުގެ އިދިކޮޅު ފަރާތްތަކުން ސިފަކުރިއެވެ. ހާއްސަކޮށް އިންޑިއާއާ ގާތް ނަޝީދު ގެންދެވީ އެކި ޕްލެޓް ފޯމްތަކުގައި ދަރަނީގެ ގޮތުން ޗައިނާއިން ރާއްޖެ އަޅުވެތި ކޮށްފައިވާ ކަމަށް ވިދާޅުވަމުންނެވެ. ނަޝީދާއި އެމްޑީޕީން ޗައިނާ ސިފަ ކުރީ އެއީ ރާއްޖެއަށް އޮތް ބޮޑު ބިރެއްގެ ގޮތުގައެވެ. ފާޅުކަން ބޮޑުގޮތެއްގައި ޗައިނާއަށް ބަހުގެ ހަމަލާތައް ދިނެވެ.

މިހާރުގެ އިދިކޮޅު ފަރާތްތަކުން އިންޑިއާ ސިފަ ކުރަނީ ރާއްޖެއަށް ބޮޑު ނުރައްކަލެއްގެ ގޮތަށެވެ. އެގައުމުގެ ސިފައިން ރާއްޖޭގައި ތިބެގެން މަސައްކަތް ކުރަނީ އެކިގޮތްގޮތުން ނުފޫޒު ފޯރުވަން ކަމަށް ބުނެއެވެ. ހަމައެކަނި ޕޯޑިއަމްތަކުގައި އެވާހަކަ ދައްކަނީއެއް ނޫނެވެ. "އިންޑިއާ އައުޓް" ގެ ނަމުގައި މުޒާހަރާތަކާއި ހަރަކާތްތައް ވެސް ބާއްވަނީއެވެ. އަވައްޓެރި ގައުމާ ދެކޮޅަށް ފާޅުގައި މަސައްކަތް ކުރަނީއެވެ. ޖަލު ހުކުމެއް ދެ އަހަރު ވަންދެން ތަންފީޒު ކުރެއްވުމަށް ފަހު މިނިވަންވެ ވަޑައިގެން ބޭއްވި ފުރަތަމަ ބޮޑު ޖަލްސާގައި ޔާމީން ވެސް ފާޅުގައި އިންޑިއާއަށް ބަހުގެ ހަމަލާތައް ދިނެވެ. އިންޑިއާ އާއި ދެކޮޅަށް އިދިކޮޅުން ކުރަމުން އަންނަ މަސައްކަތްތަކަށް ބަލާއިރު 2023 ގެ ކެމްޕެއިންގައި ވެސް އެންމެ ބޮޑަށް ވިއްކާނީ އެކަންތައް ކަމަށް ބެލެވެއެވެ.

ޗައިނާއާ ދެކޮޅަށް ޒުވާނުންތަކެއް މާލޭގައި ކުރި މުޒާހަރާ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އިދިކޮޅުން އިންޑިއާއާ ދެކޮޅަށް ކަންކަން ކުރަމުން އަންނައިރު އެކަމުގެ ރައްދުގައި ސަރުކާރާއި ކޯލިޝަންނަށް ނިސްބަތްވާ ބޭފުޅުން އަންނަނީ އިންޑިއާގެ ދިފާއުގައި މަސައްކަތް ކުރަމުންނެވެ. އިންޑިއާގެ ދިފާއުގައި ބަހުގެ ހޫނު ހަމަލާތައް ދެމުންނެވެ.

މިކަމުގެ ނުރައްކާ ރާއްޖެއަށް އެބައޮތް

އެއްވެސް ގައުމެއްގެ ކުރިމަތީގައި ކުޑަކަކޫ ޖެހުމަކީ ކުރަންޖެހޭ ކަމެއް ނޫނެވެ. ހަމައެގޮތަށް ގައުމަކާ ޖައްސާލުމަކީ ވެސް ކުރަން ހެޔޮވާވަރު ކަމެއް ނޫނެވެ. އެއީ އޭގެ ނުރައްކާ އޮތީމައެވެ. ކޮންމެ ގޮތެއް ވިޔަސް ދުނިޔޭގެ ބޮޑެތި ބާރުތަކަށް ކުރެވޭނެ އެތައްކަމެއް ހުންނާނެއެވެ. އެހެންކަމުން ހާރިޖީ މައްސަލަތަކުގައި ކަންކަން ކުރަން ވާނީ ޑިޕްލޮމެޓިކް އުސޫލުގެ ތެރެއިންނެވެ. ބުއްދިވެރިން ކަން ކުރާނީ އެގޮތަށެވެ.

"އެއީ ޗައިނާ ކަމަށް ވިޔަސް އިންޑިއާ ކަމަށް ވިޔަސް އަދި އެހެން ގައުމެއް ކަމަށް ވިޔަސް ސިޔާސީ މީހުން އެކުރާ ގޮތަށް ކަންތައް ކުރުމަކީ ހަދާ ގޯހެއް. އޭގެ ސަބަބުން ބައިނަލްއަގުވާމީ ދުނިޔޭގައި ރާއްޖެއަށް ފިއްތުންތައް ކުރިމަތި ވާނެ. ކުރިމަތި ކުރުވާނެ. މިސާލަކަށް ބައްލަވާ ރައީސް ޔާމީންގެ ވެރިކަން. އޭރު މުޅި ދުނިޔެއަށް ރާއްޖެ ސިފަ ވެފައި އޮތީ ޓެރަރިޒަމް ވަރަށް ބޮޑަށް އޮތް ތަނެއްގެ ގޮތުގައި. މިފަދަ ކަންކަން ކުރެވޭނެ. އަދި ކުރާނެ. އެހެން ވީމައި އެހެން ޖައްސާލައިގެން އުޅުމަކީ ގޯހެއް،" ހާރިޖީ ދާއިރާގެ ތަޖުރިބާކާރަކު ނަން ނުޖަހަން ޝަރުތުކޮށް ވިދާޅުވިއެވެ.

"އަނެއްކާ އެއީ އެކަން ކުރަން އޮންނަ ގޮތެއް ނޫން ދެއްތޯ؟ ހަމަ ގައުމަކާ ދިމާލަށް ބޭނުން އެއްޗެއް ކިޔައިގެން. އޭގެ ބަދަލުގައި ރީތި ޑިޕްލޮމެޓިކް އުސޫލުން ދޭދޭ ގައުމުތަކުގެ މައްސަލަތައް ހައްލު ކުރަން ވާނީ. އެއްވެސް ގޮތަކަށް ހަޅޭއްފަޅޭ ލަވައިގެންނެއް ނޫން."

އޭނާ ވިދާޅުވާގޮތުގައި ވަކި ގައުމަކާ ޖައްސާލައިގެން ނުވަތަ ވަކި ގައުމެއް މާ ގާތްކޮށްގެން އުޅޭނަމަ ބައިނަލްއަގުވާމީ ދުނިޔޭގައި ރާއްޖެއަށް ފުރުސަތުތައް ހަނިވާނެއެވެ. އެހެންކަމުން އޭގެ އެންމެ ރަނގަޅު ގޮތަކީ ހުރިހާ ގައުމަކާ ވެސް އެއްވަރެއްގެ ގުޅުންތަކެއް ބޭއްވުން ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގެ ސަލާމަތީ ބާރެއްގެ އިސް އޮފިޝަލަކު ވިދާޅުވިގޮތުގައި ވަކި ގައުމަކަށް މާ ބޮޑަށް ބަރޯސާ ވާނަމަ އެއީ ރާއްޖޭގެ ސަލާމަތަށް ވެސް އެންމެ ރަނގަޅު ގޮތެއް ނޫނެވެ. އޭރަށް އެ ބަރޯސާވާ ގައުމެއްގެ އެކި ނުފޫޒުތައް ރާއްޖެއަށް ފޯރުވާނެ ކަމަށާއި އެކަންކަން މިހާރު ވެސް ފެންނަމުން ދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގައި ތިބި އިންޑިއާ އަސްކަރީ ސިފައިން ފޭބުމަށް ގޮވާލައި އިދިކޮޅުން މާލޭގައި އިއްޔެ ކުރި މުޒާހަރާގެ ތެރެއިން --- ފޮޓޯ: ޕީޕީއެމް

"އިންވެސްޓުމަންޓްތަކަކީ ވަރަށް މުހިންމު ކަންކަން، އެފުރުސަތުތައް ވެސް ދޭންޖެހޭނީ ވަކި ބަޔަކަށް ގައުމުގެ ކަންކަން ކޮންޓުރޯލް ނުނެގޭނެހެން. ހުރިހާ ގައުމުތަކަށް ވެސް ފުރުސަތު ލިބޭގޮތަށް،" އޮފިޝަލް ވިދާޅުވި އެވެ.

"ޖިއޯޕޮލިޓިކްސް"ގެ ތެރެއިން ދުނިޔޭގެ ބާރުވެރިކަން ހޯދުމަށް އެއްގައުމުން އަނެއް ގައުމަށް ފޮނުވާ ނުފޫޒަކީ ހިނގަމުން އަންނަ ކަންކަމެވެ. ލެޓިން އެމެރިކާގެ ގައުމުތަކަށް އެމެރިކާގެ ނުފޫޒުގެ ސަބަބުން ކުރިއަރައި ނުދެވިވާ ސަބަބު އެއީ އޭގެ އެއް މިސާލެވެ. އެމެރިކާ އިން ބޭނުންހާ އެއްޗެއް ހަދަން ގެންގުޅޭ ކުޅިބަޔަކަށް އެ ގައުމުތައް ހަދާނެ ކަމަށް އެމެރިކާގެ ވެރިން ދިޔައީ ބުނަމުންނެވެ.

މާޒީން އިބުރަތް ހޯދާ

ރާއްޖެއަށް ބަލާއިރު ގައުމު ކުޑަ ނަމަވެސް ނުފޫޒުތަކުގެ އަސަރުބޮޑެވެ. ރާއްޖޭގެ އަވައްޓެރި ގައުމުތައް ކަމަށްވާ ޕާކިސްތާނާއި ބަނގުލަދޭޝް ފަދަ ގައުމުތަކަށް އަވައްޓެރި ބޮޑު ގައުމަކުން ނުފޫޒު ފޯރުވާ ފަދައިން ރާއްޖެއަށް ނުފޫޒް ފޯރުވަން ކުރާ މަސައްކަތްތައް ވެސް ގިނަ އެވެ. ރާއްޖޭގެ ކޮންމެ ވެރިކަމަކީ އެގައުމެއްގެ ރުހުން އޮވެގެން ނުވަތަ އެގައުމެއް ބުނާހާ ގޮތަކަށް ކުރާ ކަމަކަށް ހަދަން މަޖުބޫރުކުރުވާ ފަހަރު އަންނައިރު އެކަމަށް ހައްލެއް ބޭނުންވެ އެވެ. ހިމާޔަތަށް އެދިގެން ވެސް ވަކި ގައުމެއްގެ އުނގަށް ވެއްޓުމަކީ އެންމެ ރަނގަޅު ގޮތެއް ނޫނެވެ.

ހިމާޔަތަށް ކަމަށް ބުނެ 1887ގައި އިނގިރޭސީންގެ އަތްދަށަށް ދިވެހިން ދިޔަ އެވެ. ވަކި އެއްބަސްވުމެއްގެ ދަށުންނެވެ. އެ އެއްބަސްވުމުގައި ބުނެފައި ވަނީ ރާއްޖެ ދިފާއުކުރުމަށް އިނގިރޭސީންގެ ލަޝްކަރެއް ބޭނުންވެއްޖެ ކޮންމެ ތައްޔާރީއެއް ކުރުމާއި އެފަދަ ކަމެއް ދެމެހެއްޓުމުގެ ހައްގު އިނގިރޭސި ދައުލަތަށް ލިބިގެންވާ ކަމަށެވެ. ނަމަވެސް ނަތީޖާއަކަށް ވެގެންދިޔައީ ރާއްޖެ އިނގިރޭސީންގެ އަތް ދަށަށް ގެންދިއުމުގެ މަސައްކަތް ކުރިއަށް ގެންދިއުމެވެ.

އެ ހިމާޔަތުގެ އެއްބަސްވުމުގެ އެންމެ އަސާސީ ނުކުތާއަކީ، ދިވެހީންގެ ދާޚިލީ ކަންކަމާ އިނގިރޭސި ދައުލަތުން ނުބެހުމެވެ. ނަމަވެސް ކަން ހިނގީ ދިމާ އިދިކޮޅަށެވެ. ރާއްޖެ މިނިވަން ކުރެއްވުމަށް ބުރަ މަސައްކަތްތަކެއް ކުރެއްވި އަދި އޭރުގެ ހާލަތު އެންމެ ކައިރިން ދުށް އަލްމަހުރޫމް އަބްދުއްސައްތާރު މޫސާ ދީދީ ވިދާޅުވި ގޮތުގައި އިނގިރޭސީންގެ އަތްދަށުން ރާއްޖެ މިނިވަންވީ އަޅުވެތިކަމުގެ އިހުސާސްތަކެއް ކޮށްފަ އެވެ.

ހަގީގަތަކީ ރާއްޖެއަށް އަވައްޓެރި އިންޑިއާ އާއި ޗައިނާ ވެސް ވަރަށް މުހިންމު ކަމެވެ. އަދި އެހެން ގައުމުތައް ވެސް މުހިންމެވެ. އެހެންކަމުން ޑިޕްލޮމެޓިކް، އަދި ސުލްހަވެރި ގޮތުގެ ބޭރުން ގައުމުތަކާ ދެކޮޅަށް ހަރަކާތްތައް ހިންގުމަކީ ނުރައްކަލެކެވެ. އޭގެ ގެއްލުން ރާއްޖެއަށް ކުރާނެތީއެވެ. ހަމައެހެންވެ ވަކި ގައުމެއްގެ އުނގަށް ވެއްޓި ތިބުމަކީ ވެސް ގޯހެވެ. މީގައި އޮތް ހައްލަކީ މެދުމިނެއް އިހުތިޔާރު ކުރުމެވެ. ހުރިހާ ގައުމަކާ ވެސް ގުޅުން ބޭއްވުމެވެ. މިހާރު ތިޔަ ކަން ކުރަނީ ކަން ކުރަން ޖެހޭ ގޮތަކަށް ނޫނެވެ.

comment ކޮމެންޓް