ގިނަ އަދަދެއްގެ ބަނގުރަލާއެކު ތިން މީހަކު ހައްޔަރުކޮށްފި

ޑްރަގް އެންފޯސްމަންޓުން ހިިންގި އޮޕަރޭޝަނުގައި ބަނގުރާފުޅިތަކެއް ހޯދުން

ޑްރަގް އެންފޯސްމަންޓުން ހިންގި އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ ބަނގުރަލާއެކު ތިން މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މި އޮޕަރޭޝަން ހިންގީ މާލެ އާއި ހުޅުމާލޭގައެވެ. މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ 27 އަހަރުގެ ދިވެހި ފިރިހެނަކާއި 28 އަހަރުގެ ބަނގުލަދޭޝް ފިރިހެނަކާއި 51 އަހަރުގެ ބަނގުލަދޭޝް ފިރިހެނެއް ކަމަށް ފުލުހުން ބުނެފައިވެއެވެ.

ހަމައެހެންމެ އެ ތިން މީހުންވެސް ހައްޔަރުކޮށްފައިވަނީ މާލެއާއި ހުޅުމާލާގައި ގާނޫނާއި ގަވާއިދާ ހިލާފަށް ބަނގުރާ ގެންގުޅެ އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ޑިސެމްބަރު އެއް ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި ކަމަށް ފުލުހުން ބުނެފައިވެއެވެ.

އެގޮތުން 27 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ މާލެއިން ޓެކްސީއެއް ހުއްޓުވައި އެޓެކްސީ ބަލައިފާސްކުރިއިރު ބަނގުރާފުޅިއެއް ފެނުމާ ގުޅިގެން ކަމަށް ފުލުހުން ބުންޏެވެ.

އަދި 28 އަހަރުގެ މީހާ އާއި 51 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ ހުޅުމާލެއިން ސައިކަލެއް ހުއްޓުވައި ބަލައިފާސްކުރިއިރު 22 ފުޅި ބަނގުރާ ފެނުމާ ގުޅިގެންނެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވާ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ވަނީ 27 އަހަރުގެ މީހާއަށް 5 ދުވަސް މުއްދަތެއް ދީފަައެވެ. އަދި 28 އަހަރުގެ މީހާއާއި 51 އަހަރުގެ މީހާއަށް 3 ދުވަހުގެ މުއްދަތެއް ދީފައިވެއެވެ.

މިމައްސަލައާ ގުޅިގެން ފުލުހުން ބުނީ ޑްރަގް އެންފޯސްމަންޓުން ދަނީ އިތުރަށް ތަހުގީގު ކުރަމުން ކަމަށެވެ.

މިދިޔަ މަހު ވެސް ވަނީ ވައިގެ މަގުން ބްރެޒިލްއިން ރާއްޖެ އައި މީހެއްގެ އަތުން 94 މިލިއަން ރުފިޔާގެ ކޮކެއިން ކަސްޓަމްސްއިން އަތުލައިގަނެފައެވެ.

ހަމައެހެންމެ އޮކްޓޯބަރު މަހު ޑްރަގް އެންފޯސްމަންޓުން ހިންގް އޮޕަރޭޝަނުގައި މާލެ އާއި ހުޅުމާލޭގެ 10 ތަނަކާއި ސަފާރީއެއް ބަލައި ފާސްކޮށް 100 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އަތުލައިގަނެފައިވެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް