"އުނގްލީ" ގެ ޕޯސްޓަރުން ކަންގަނާގެ ފޮޓޯ ނެގުމުން ކަރަން ޖޯހަރަށް އެތައް ބައެއްގެ ފާޑުކިޔުން!

ކަންގަނާއާއި ކަރަން ޖޯހަރު

ކަރަން ޖޯހަރުގެ ފިލްމް " އުނގްލީ" ނެރުނުތާ ހަތް އަހަރު ފުރުމުގެ މުނާސަބާތު ފާހަގަކުރުމުގެ ގޮތުން ޓްވިޓާގައި ކަރަން ޖޯހަރު ޕްރޮޑަކްޝަން ހައުސްއިން ވަނީ އުނގްލީގެ ޕޯސްޓަރު ޖަހައި ޕޯސްޓެއް ކޮށްފައެވެ. ޕޯސްޓް ކުރުމާއެކު ގިނަ ބަޔަކަށް ފާހަގަ ވެގެންދިޔައީ ކަންގަނާގެ ފޮޓޯ ޕޯސްޓަރުން ނަގާފައިވާ ކަމެވެ.

ފިލްމްގެ އަސްލު ޕޯސްޓަރުގައި ކަންގަނާގެ އިތުރުން އިމްރާން ހާޝިމީއާއި އަންގަދް ބެޑީއާއި ރަންދީޕް ހޫދާއާއި ނެއިލް ބޫޕްލަމް އަދި ސަންޖޭ ޑަޓް ފެންނަން ތިބެއެވެ. ނަމަވެސް ކަރަން ޖޯހަރު ޕްރޮޑަކްޝަން ހައުސްއިން ކުރި ޕޯސްޓުގައި ކަންގަނާ ފެންނާކަށް ނެތެވެ. މިކަން އެނގުމާއެކު ގިނަ ބަޔަކު ވަނީ ކޮމެންޓް ސެކްޝަންގައި ކަރަން ޖޯހަރާއި ކަރަން ޖޯހަރު ޕްރޮޑަކްޝަން ހައުސް ޓެގުކޮށް އެކަމާ ބެހޭގޮތުން ގިނަ ސުވާލުތަކެއް ކޮށްފައެވެ.

މީހުން ލިޔެފައިވާ ކޮމެންޓަކަށް ބަލާއިރު ޕޯސްޓަރުގައި ކަންގަނާ ފެންނަން ނެތީ ކީއްވެތޯ އޭނާ ސުވާލުކޮށްފައިވެއެވެ. އަދި އެގޮތަށް ޕޯސްޓަރު ޖެހުމަށް ކަރަން ޖޯހަރު ލަދުގަންނަން ޖެހޭނެކަމަށް އޭނާ ބުނެފައިވެއެވެ. ކަންގަނާ، ކަރަން ޖޯހަރުގެ ފިލްމްތަކަށް އެކަށީގެން ނުވާކަމަށްވެސް ބަޔަކު ބުނެފައިވާއިރު އަނެއް ބަޔަކު ބުނެފައިވަނީ ކަންގަނާއާއި ކަރަންއާ ދެމީހުންގެ މައްސަލައެއް އޮތްކަމުގައި ވިޔަސް ޕޯސްޓަރުން ކަންގަނާގެ ފޮޓޯ ވަކިކުރުމަކީ ކަރަން ޖޯހަރަށް ކުރެވުނު ކުށެއް ކަމަށެވެ.

ކަންގަނާއާއި ކަރަންގެ މި ހަމަނުޖެހުމަކީ ދުވަސްވީ ހަމަނުޖެހުމެކެވެ. މިކަން ފެށިގެންދިޔައީ ކަރަންގެ ސެލެބްރިޓީ ޗެޓް ޝޯއެއްގައި ކަރަންއަކީ އެކި ތަރިންގެ މެދުގައި ވަރަށް ތަފާތުކުރުންތައް ގެންގުޅޭ މީހެއްކަމަށާއި ހާއްސަކޮށް ކަރަންއާ ގާތް މީހެއް ނަމަ ތަފާތު ކުރާ ކަމަށް ކަންގަނާ ބުނުމުންނެވެ. އަދި އެ ޝޯގައި ކަންގަނާ ބުނެފައިވަނީ ކަރަން އަކީ ބޮލީވުޑް ގެ "ސްޓަރ ކިޑްސް" އަށް ވަރަށް ތައުރީފުކުރާ، އެމީހުން ޕްރޮމޯޓުކުރުމަށް އެތައް މަސައްކަތެއް ކުރާ މީހެއް ކަމަށެވެ.

އިންޑިއާގެ ޚަބަރުތައް ރިޕޯޓުކުރާ ގޮތުގައި ކަންގަނާ ދެން އެންމެ އަވަހަށް ފެނިގެން ދާނީ ފިލްމް " ތެޖަސް" އަދި ފިލްމް "ދާކަޑް" އިންނެވެ. އަދި ފިލްމް "ސީތާ" އިންވެސް ކަންގަނާ ފެނިގެންދާނެއެވެ.


ހަމަ އެހެންމެ ކަރަންގެ ކުރިޔަށް ދާ މަސައްކަތްތަކަށް ބަލާއިރު އެންމެ ކުރީގައި އުޅެނީ ރަންވީރް ސިންގާއި އާލިއާ ބަޓް ފެނިގެންދާ "ރޮކީ އޯރު ރާނީ ކީ ޕްރޭމް ކަހާނީ" އެވެ.

comment ކޮމެންޓް