ރާއްޖެ އިގްތިސޯދީ ވަޅުގަނޑުން ސަލާމަތް ކުރަން ޔާމީން ބޭނުންވޭ: ރައީސް ވަހީދު

މަރުހަބާ ރައީސް ޔާމީން ޖަލްސާގެ ތެރެއިން -- ސަން ފޮޓޯ/ އަހުމަދު އައިމަން

ރާއްޖެ ވެއްޓިފައި އޮތް އިގްތިސޯދީ ވަޅުގަނޑުން ގައުމު ސަލާމަތް ކުރުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ބޭނުންވާ ކަމަށް ކުރީގެ ރައީސް، ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެއެވެ.

ޕީޕީއެމްގެ އެޑްވައިޒަރެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުން ގެންދަވާ ވަހީދު މިފަދައިން ވިދާޅުވީ، ޔާމީން މިނިވަން ވުމުގެ މުނާބަސަތުގައި، ކާނިވާ ސަރަހައްދުގައި ކުރިއަށްދާ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ޑރ. ވަހީދު ވިދާޅުވީ ރާއްޖޭގެ އިގުތިސޯދު މީގެ ކުރިން ދުވަހަކު ވެސް ދަށަށް ނުދާ މިންވަރަށް ފާއިތުވި ދެ އަހަރު ތެރޭ ދަށަށް ގޮސްފައިވާ ކަމަށެވެ.

"ހާއްސަކޮށް ކޮވިޑްގެ ކާރިސާގެ ސަބަބުން، ރައްޔިތުންނަށް ވަނީ ވަރަށް ބޮޑެތި ގެއްލުންތައް ލިބިފައި، އެތަކެއް ސަތޭކަ މީހުން ވަނީ ވަޒީފާ ގެއްލި، ބައެއް މީހުން ވަނީ ގެދޮރު ދޫކޮށް އަތޮޅުތެރެއަށް ހިޖުރަކޮށްފަ، އާމްދަނީ ލިބެން ހުރި ދޮރުތައް ބަންދުވެ، ގިނަ އާއިލާތަކަކަށް ވަނީ ނިކަމެތިކަން ކުރިމަތިވެފަ،" ވަހީދު ވިދާޅުވިއެވެ.

ވަހީދު ވިދާޅުވީ މިފަދަ ހާލަތެއްގައި ރައްޔިތުންނަށް އެހީވެދޭން ޖެހޭނީ ސަރުކާރުން ނަމަވެސް މިއަދު އެ މަންޒަރު ނުފެންނަ ކަމަށެވެ. އަދި މި ސަރުކާރަކީ ރައްޔިތުންނަށް އެހީ ވެދެވޭ ފަދަ ސަރުކާރެއް ނޫން ކަމަށް ވެސް ވިދާޅުވިއެވެ.

ދައުލަތުގެ މާލިއްޔަތު ބަނގުރޫޓުވެފައިވާ ކަމަށް ވިދާޅުވެ ވަހީދު އިތުރަށް ވިދާޅުވީ ޒިންމާދާރުކަން ކުޑަ މާލީ ސިޔާސަތެއްގެ ސަބަބުން ދައުލަތުގެ ދަރަނި އިންތިހާއަށް އިތުރުވެފައިވާ ކަމަށެވެ.

"ލިބޭ އާމްދަނީގެ 140 ޕަސެންޓަށް ދަރަނި އިތުރުވެފައި، ދަރަންޏަށް ނެގޭ ފައިސާ ހޭދަކުރަނީ ކެއިންބުއިމަށާއި ކުޅިވަރު ކުޅުމަށް، އަޅުގަނޑު ހިތަށް އަރާ މާލިއްޔަތުގެ ކަންކަމާ ހަވާލުވެތިއްބެވި ބޭފުޅުންނަށް ހަމަ އެނގިވަޑައި ނުގަންނަވަނީހޭ ދައުލަތުގެ ދަރަންޏަކީ ރައްޔިތުންގެ ދަރަނިކަން،" ވަހީދު ވިދާޅުވިއެވެ.

ވަހީދު އިތުރަށް ވިދާޅުވީ ދިވެހި ރާއްޖެ ވެއްޓިފައިވާ އިގްތިސޯދީ އަނދަވަޅުން ސަލާމަތް ކުރެވޭނީ ރައީސް ޔާމީންފަދަ، ހިސާބު ދިމާކުރައްވަން އެނގިވަޑައިގަންނަވާ ބޭފުޅަކަށް ކަމަށެވެ. އަދި އެއީ މިއަދު ޕީޕީއެމްގެ ސަރުކާރެއް ގެންނަން ބޭނުންވާ އެންމެ މުހިންމު ސަބަބު ކަމަށް ވިދާޅުވިއެވެ.

comment ކޮމެންޓް