ޔާމީނަށް ލިބުނު ކާމިޔާބީ އަދުރޭ ސިފަ ކުރެއްވީ ޅެން ބައިތަކުން!

މަރުހަބާ ރައީސް ޔާމީން ޖަލްސާގެ ތެރެއިން -- ސަން ފޮޓޯ/ އަހުމަދު އައިމަން

ފަސް އަހަރުގެ ޖަލު ހުކުމުން ސަލާމަތްވެވަޑައިގެން، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ހޯއްދެއްވި ކާމިޔާބީއަކީ ނަސްރެއް ކަމަށް ޕީއެންސީގެ ރައީސް އަދި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން ހިންގުމާ ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން މިނިވަންވެވަޑައިގަތުމަށްފަހު، އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ޕީޕީއެމުން މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަދުރޭ ވަނީ ޔާމީން ހޯއްދެވި ކާމިޔާބީ ޅެން ބައިތަކުން ސިފަ ކުރައްވައިފައެވެ.

އަދުރޭ ވިދާޅުވީ ކާމިޔާބު ދެއްވަނީ ހެއްދެވި ފަރާތުން ކަމަށާއި އެހެންނަމަވެސް ޔާމީން މިނިވަންވީ އެ މަނިކުފާނުގެ ހިތްވަރުގަދަ ކަމަށާއި ކެރުންތެރިކަމުގެ ސަބަބުން ކަމަށެވެ.

"ހައްގު މަގުގަައި ތިބެ ކުރާ، މަތިވެރި ޖިހާދަށް ދެއްވަނީ، ރައްދުގައި ފޮނި ކާމިޔާބީއޭ، ފާޅުގައި ހިނިތުންވެލާ،" ޔާމީން ވީ ގުރުބާނީއެއް ކަން ފާހަގަކުރައްވައި އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ މީގެ އެއް އަހަރު ކުރިން ރައީސް ޔާމީނާ ޖަލުން ބައްދަލުވި ކަމަށާއި، ދުވަސް ކޮޅަކަށް ނަމަވެސް ބޯ ހަމަޖައްސާލުމަށް ބޭރު ގައުމަކަށް ވަޑައިގަތުމަށް ރައީސް ޔާމީންގެ އަރިހުން އެދުނު ކަމަށެވެ.

އެހެންނަމަވެސް އެ ދުވަހު ޔާމީން ދެއްކެވި ކެރުންތެރިކަމާއި ސާބިތުކަމުން، އަދުރޭ ވެސް އަޖައިބުވި ކަމަށް ވިދާޅުވިއެވެ.

"[ޔާމީން ވިދާޅުވީ] ތިމަން މަނިކުފާނަކީ ތިމަން މަނިކުފާނުގެ މައްޗަށް ކުރެވޭ ތުހުމަތަކަށް ފިއްލަވައިގެން ވަޑައިގަންނަވާނެ ބޭފުޅެއް ނޫނޭ، ތިމަން މަނިކުފާނަށް ތިމަން މަނިކުފާނަށް މި ލިބިވަޑައިގަންނަވާ އަނިޔާއަށްވުރެ، ތިމަން މަނިކުފާނު އުފަންވީ ދިވެހި ފަސްގަނޑަށާއި ދިވެހި ގައުމަށާއި ދިވެހި ރައްޔިތުންނަށް ލިބެމުންދާ ހިތްދަތިކަމާއި ހިތާމައާއި އަނިޔާއާ މާ ބޮޑޭ،" އަދުރޭ ވިދާޅުވިއެވެ.

މަރުހަބާ ރައީސް ޔާމީން ޖަލްސާގެ ތެރެއިން -- ސަން ފޮޓޯ/ އަހުމަދު އައިމަން

ހަމައެހެންމެ ރައީސް ޔާމީން މިނިވަންވެވަޑައިގަތުމާއެކު، ފުރުން މަނާކުރުމުގެ އަމުރެއް ނެރުމާ ގުޅިގެން އެކަމަށް ވެސް އަދުރޭ ވަނީ ރައްދު ދެއްވައިފައެވެ.

"އަޅުގަނޑު ސަރުކާރަށް ދަންނަވާލަން ބޭނުންފުޅު ވަނީ، ތިޔަބޭފުޅުން ތިޔަ ހީފުޅުކުރައްވާ ފަދަ ލީޑަރެއް ނޫނޭ ރައީސް ޔާމީނަކީ، އެއަށްވުރެ މާ ސާބިތު، މާ ހިތްވަރުގަދަ ލީޑަރެކޭ ރައީސް ޔާމީނަކީ،" އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ ރައީސް ޔާމީނު ޖަލުގައި ހުންނެވިއިރު ފިއްލެވުމަށް މި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރެއްވި ކަމަށާއި އެކަން އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަށް ކަމަށެވެ.

"އިމްރާން ޖަލަށް ވަޑައިގެން ރައީސް ޔާމީނަށް ހުށަހެޅުއްވި ބޭނުންފުޅު ގައުމަކަށް ބޭސްފަރުވާއަށް ވަޑައިގަތުމުގެ ފުރުސަތު އެބައޮތޭ، އިމްރާނަށް އެނގިވަޑައިގަންނަވާނެ ރައީސް ޔާމީން ދެއްވެވި ޖަވާބު، ރައީސް ޔާމީން އަބަދުވެސް ވިދާޅުވަނީ އެމަނިކުފާނު މި ދިވެހި ގައުމު ދޫކުރައްވާ ވަޑައިގަންނަވާނެ އެހެންތަނެއް ނޯންނާނެ ކަމަށް،" އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވަނީ ރައީސް ޔާމީން ބޭރަށް ފިއްލަވަން ނޫޅުއްވާ ކަމަށާއި ފުރުން މަނާކޮށް ނެރުނު އަމުރަކީ ބޭކާރު އަމުރެއް ކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން ވެސް އަދުރޭ ވަނީ ރައީސް ޔާމީނަކީ ދައުލަތުގެ ފައިސާގައި ޖެހިވަޑައިގަންނުގަންނަވާނެ ފަދަ އިހުލާސްތެރި ބޭފުޅެއްކަން އަބަދުވެސް ޔަގީން ކުރެއްވި ކަމަށާއި، އެކަން މިއަދު ކޯޓުން ސާބިތުވެގެން ހިނގައްޖެ ކަމަށް ވިދާޅުވެފައެވެ.

ގއ. ވޮޑަމުއްލާގައި ޓޫރިސްޓް ރިސޯޓެއް ތަރައްގީ ކުރުމަށް ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު ލޯންޑާ ކުރިކަން ސާބިތުވެ، ރައީސް ޔާމީން ފަސް އަހަރަށް ޖަލަށް ލުމަށާއި ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ، ނޮވެމްބަރު 28، 2019ގައެވެ.

އެ މައްސަލަ ޔާމީންގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ކްރިމިނަލް ކޯޓުގެ ހުކުމަށް ތާއީދު ކުރުމަށް ނިންމައިފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ 21 ވަނަ ދުވަހުއެވެ. އެ މައްސަލަ އިސްތިއުނާފު ކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅީ މިއަހަރުގެ އޭޕްރީލް 19ގައިއެވެ.

ރައީސް ޔާމީނަށް ކޮށްފައިވާ ހުކުމް ބާތިލްކޮށް އެމަނިކުފާނު މިނިވަންކުރަން ސުޕްރީމް ކޯޓުން ނިންމައިފައިވަނީ ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ.

comment ކޮމެންޓް